ޑީއާރުޕީ ހިތަދޫ ގޮފީގެ ތާއީދު އޮތީ މައުމޫނަށް ކަން ބަޔާންކޮށް ގަރާރެއް ނެރެފި

ސ. ހިތަދޫގައި ޑީއާރުޕީ އަށް ތާއީދުކުރާ މީހުން ތިބީ އެޕާޓީގެ ޒައީމު އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމުގެ ވިސްނުންފުޅަށާއި ސިޔާސަތުތަކަށް ތާއިދު ކުރާ ބައެއްގެ ގޮތުގައިކަން ބަޔާންކޮށް، ހިތަދޫ ޑީއާރުޕީ ގޮފިން ގަރާރެއް ފާސްކޮށްފި އެވެ.

ޑީއާރުޕީގެ ހިތަދޫ ގޮފީގެ ނައިބު ރައީސް އިބްރާހިމް ރަޝީދު މިއަދު ސަން އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ރޭ މުހިއްބުއްދީން ސްކޫލްގައި ބޭއްވި އެ ގޮފީގެ އާއްމު ބައްދަލުވުމެއްގައި ހިތަދޫގައި ޑީއާރުޕީ އަށް ތާއިދުކުރާ މީހުންގެ ތާއިދު އޮތީ އެ ޕާޓީގެ ޒައީމަށް ކަން ބަޔާންކޮށްދިނުމުގެ ގޮތުން ގަރާރެއް ނެރެފައިވާ ކަމަށާއި އެފަދަ ގަރާރެއް ނެރެން ޖެހުނީ ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިހާރު ކަންތައްތައް ކުރައްވާ ގޮތުން އެ ރަށުގައި ޑީއާރުޕީ އަށް ތާއިދުކުރާ މީހުން އެކަމާ މެދު ހިތްހަމަނުޖެހިގެން ކަމަށެވެ.

"ހިތަދޫގައި ޑީއާރުޕީ އަށް ތާއިދުކުރާ މީހުން ތިބީ ޒައީމް މައުމޫންނާ އެކުގައި،" ރަޝީދު ވިދާޅުވި އެވެ.
ހިތަދޫގައި ބޭއްވި އެ ޖަލްސާ އަށް ހާޒިރުވި މީހުންގެ އިއްތިފާގުން ނެރެފައިވާ އެ ގަރާރުގައި ބުނެފައި ވަނީ އެ ރަށުގައި ތިބި އާއްމު މެންބަރުން އެ ގަރާރު ނެރެފައި ވަނީ އެ މެންބަރުންގެ ތާއީދު އޮތީ ޒައީމް މައުމޫނަށް ކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ. އަދި ޑީއާރުޕީގެ ލީޑަރު ތަސްމީން ޕާޓީގެ ކަންތައްތައް ކުރައްވަމުން ގެންދަވާ ގޮތާ ވަރަށް ބޮޑަށް އިޢުތިރާޒު ކުރައްވާ ކަމަށް ވިދާޅުވެ ޒައީމް މައުމޫން މާޗް މަހު ނެރުއްވާފައިވާ ބަޔާނަށް ޑީއާރުޕީ ހިތަދޫ ގޮފިން ފުރިހަމަ އަށް ތާއީދު ކުރާ ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.

ޑީއާރުޕީގެ ޒައީމްގެ ފުރިހަމަ މަޝްވަރާގެ މަތިން ޕާޓީގެ އެންމެހާ ކަންކަން ނިންމައި ޕާޓީ އަށް މިހާރު ދިމާވެފައިވާ މައްސަލަތައް އަވަހަށް ހައްލުކޮށްދިނުމަށް ޑީއާރުޕީގެ ހުރިހާ ގުނަވަންތަކާށާއި އެ ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އެންމެހާ ބޭފުޅުންނަށް ހިތަދޫ ޑީއާރުޕީ ގޮފިން ވަނީ ގޮވައިލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު