ވީރާނާވެފައިވާ ސަރަޙައްދުތައް އަލުން ބިނާކުރުމަށް 48.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ކުއްލި ބަޖެޓެއް ޖަޕާނުން އެކަށައަޅައިފި

ޓޯކިޔޯ: މިދިޔަމަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކާގުޅިގެން ހަލާކުވެ ވީރާނާ ވެފައިވާ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 48.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ޖަޕާނުގެ ވަޒީރުންގެ މަޖިލީހުން ތަސްދީޤުކޮށްފި އެވެ.

ޖަޕާން ސަރުކާރުން ބުނިގޮތުގައި މިއީ މިސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށް ބޭނުންވާ ބޮޑު ބަޖެޓްގެ ތެރެއިން ބައެއް ކަމުގައެވެ. މި 48.5 ބިލިޔަން އެމެރިކާ ޑޮލަރު ހޯދަން ޖަޕާން ސަރުކާރުން ނިންމާފައިވަނީ ޓްރެޝަރީ ބޮންޑް ނެރެގެން އޭގެ އެހީގައެވެ.

މިދިޔަ މާރޗްމަހު ޖަޕާނަށް އައި ބާރުގަދަ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކާގުޅިގެން ހަލާކުވެ ވީރާނާ ވެފައިވާ ސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށްޓަކައި 1.6 ޓްރިލިޔަން ޑޮލަރުގެ ބަޖެޓެއް ބޭނުންވާ ކަމަށް މިކަމާބެހޭގޮތުން ޖަޕާނުގެ ތަޖްރިބާކާރުން އެކުލަވާލި ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް އާރާސްތުކުރުމުގެ މަސައްކަތް މުޅިން ފުރިހަމަ ކުރުމަށްޓަކައި އަދި އިތުރު ފައިސާ މީގެފަހުމަރްޙަލާތަކުގައި ބޭނުންވާނެ ކަން މިރިޕޯޓްގައި ހާމަކޮށްފައިވެއެވެ. ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކާގުޅިގެން ޖަޕާނަށް ލިބުނު ގެއްލުން 300 ބިލިޔަން ޑޮލަރަށްވުރެ އިތުރުކަމަށް ޖަޕާން ސަރުކާރުން އަންދާޒާ ކުރެއެވެ.

ޖަޕާން ސަރުކާރުން މިހާރު ކުރިޔަށް ގެންދަނީ ބިންހެލުންތަކާއި ސުނާމީ ބޮޑުރާޅުތަކާގުޅިގެން ހަލާކުވެ ވީރާނާވި އެސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތެވެ.
މިސަރަޙައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމަށް 10 އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ޖަޕާނުން ލަފާކުރެއެވެ. (ބީ.ބީ.ސީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު