ތައުލީމީ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުން އިސްލާމީ އުސޫލްތައް ގަބޫލެއް ނުކުރޭ، އެ މީހުންގެ ފިކުރަކީ މާއްދިއްޔަތު: އިލްޔާސް

ތައުލީމީ ދާއިރާގައި އިސްކޮށް ތިއްބެވި ބޭފުޅުން އިސްލާމީ އުސޫލްތައް ގަބޫލް ނުކުރާ ކަމަށާއި އެ ބޭފުޅުންގެ ފިކުރަކީ މާއްދިއްޔަތުން ކަންތައްތަކުގެ ހައްލުހޯދުން ކަމަށް ޝެއިހް އިލްޔާސް ހުސައިން ތުހުމަތުކުރައްވައި ވާހަކަ ދައްކަވައިފި އެވެ.

"ހައްލު"ގެ ނަމުގައި ރޭ ދަރުބާރުގޭގައި އަދާލަތު ޕާޓީން ބޭއްވި ދަރުސްގައި ވާހަކަފުޅު ދައްކަވަމުން ޝެއިހް އިލްޔާސް ވިދާޅުވީ އިސްލާމް ދީނުގެ އަދާވާތްތެރިން މުސްލިމުންގެ އަގީދާ ފުނޑުފުނޑުކޮށް، ޒުވާން ޖީލު ހަލާކު ކުރުމަށް ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އެ ގޮތުން ތައުލީމީ ދާއިރާ އާއި ޚަބަރު ފަތުރާ ވަސީލަތްތަކާއި ދިވެހިންގެ ގައުމިއްޔަތާ ކުޅުމުގެ އިތުރުން އިންސާނީ ހައްގުތައް ރައްކާތެރިކުމުގެ ނަމުގައި އަންހެނުންނަށް ހައްގު ހޯދިނުމަށް މާއްދިއްޔަތުގެ ތެރެއިން ދިވެހިންގެ ސިކުނޑިތަކާ ކުޅެމުންދާ ކަމަށް އިލްޔާސް އިޝާރާތް ކުރެއްވެވި އެވެ. އަދި އެ ދާއިރާތަކަށް ދީނުގެ އަދާވާތްތެރިން ނުފޫޒު ފޯރުވާފައިވާ މިންވަރަށް ބައްލަވާލައްވައި އިލްޔާސް މިސާލު ޖެއްސެވި އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާގެ ހާލަތުގެ މައްޗަށް އަލިއަޅުވައިލައްވަމުން އިލްޔާސް ވިދާޅުވީ މާރާމާރީ ހިންގަމުންދާ ޒުވާން ޖީލުގެ ދަރިންގެ ކިބައިގައި ދީނުގެ އަގީދާ އަށަގެންފައި ނުވާ ކަމަށެވެ. އަދި އެ ކުދިންގެ އަގީދާ ބަލިކަށިވެގެންދިޔައީ ތައުލީމީ ދާއިރާގެ ތެރެއިން އައި ނުފޫޒާ އެކު މާއްދީއްޔަތައް އެކުދިން ބޯލެންބުވުމުން ކަމަށް ވިދާޅުވި އެވެ.

"އެ ފާހިޝް އަމަލް ކުރާ، އެ މާރާމާރީ ހިންގާ، އެ ކަޓަރު އަޅާ ޒުވާނުންނާ ސުވާލުކޮށްލާ އިރު އެއިން އެކަކު ވެސް ނަމާދެއް ނުކުރާނެ. ﷲ ސުބުހާނަހޫ ވަތައާލާ ވޮޑިގެންވާކަން، ﷲ ބައްލަވައި ވޮޑިގެންވާކަން [އެނގޭ މިންވަރު] ވަރަށް ދައްވާނެ. އީމާންކަން ބަލިކަށިކުރީ، އަގީދާ ފުނޑުފުނޑުކޮށްލީ. މިއީ ތައުލީމުގެ ތެރެއަށް އެ މީހުން ވަނުމުގެ އެންމެ ބޮޑު އެއް ބޭނުން،" ދަރުސް އަޑު އެހުމަށް ދައުބާރުގެ އަށް ހާޒިރުވެތިއްބެވި އެތައް ސަތޭކަ ބަޔަކާ މުޚާތަބުކުރައްވައި ހަރު އަޑުން އިލްޔާސް ވިދާޅުވި އެވެ.

ޝެއިހް ވިދާޅުވީ އިސްލާމް ދީނުގެ އަދާވާތްތެރިން މާއްދިއްޔަތަށް ބޯލަބާއިރު، ރާއްޖޭގެ ތައުލީމީ ދާއިރާގައި އިސްކޮށް ތިއްބެވި ވެރިން ވެސް މާއްދިއްޔަތުގެ ތެރެއިން ހައްލު ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ބޭފުޅުން އިސްލާމް ދީނުގެ އުސޫލުތަކެއް ގަބޫލް ނުކުރާ ކަމަށް އިލްޔާސް ތުހުމަތުކުރެއްވެވި އެވެ.
ތައުލީމީ ދާއިރާގެ ވެރިންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ކޯޓަށް ގެންދިޔަ ނަމަވެސް ގިނިކަންޏާ ވެސް ވަކާލާތު ކުރައްވައި ކުރި ހޯއްދަވާނެ ކަމަށް ޝެއިހް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތައުލީމީ ދާއިރާގައި އިސްކޮށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުން، އަޅުގަނޑަށް ކެރިހުރެގެން، އަޅުގަނޑާއިގެން ކޯޓަށް ދިޔަ ނަމަވެސް މައްސަލައެއް ނެތް. އެކަނިމާއެކަނި ނަމަވެސް މިހިރީ ވަކާލާތު ކުރަން ތައްޔާރަށް. އިރާދަ ކުރެއްވިއްޔާ ހުރިހާ ވަކީލުން އައިކަމުގައި ވިޔަސް އަޅުގަނޑު ބައްޔެއް ނުކުރެވޭނެ، ﷲގެ ރަހުމަތް ފުޅުން. އެ މީހުންގެ ފިކުރަކަށް އޮންނާނީ އެންމެ ކަމެއް، މާއްދީއްޔަތުން ކަންކަމުގެ ހައްލު ހޯދުން. އިސްލާމީ އުސޫލުތައް ދުވަހަކަ ވެސް ގަބޫލެއް ނުކުރާނެ، މަދުބަޔަކު މެނުވީ،" އިލްޔާސް ވިދާޅުވި އެވެ.

އިސްލާމީ ތައުލީމުގެ ދާއިރާ ހަނިކޮށް، އިސްލާމީ ތައުލީމު އުގެނިގެން ތިބި މީހުންނަށް ވަޒީފާގެ ބާޒާރުގައި ދަތިތަކެއް ކުރިމަތިވުމާއި ދީނީ ތައުލީމު އުގަންނައިދޭ މަރުކަޒުތައް މަދުކުރުމަކީ މާއްދިއްޔަތުގެ ތެރެއަށް ދިވެހިންގެ ތައުލީމީ ދާއިރާ ވެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށް ޝެއިހް ވިދާޅުވި އެވެ.

ރޭގެ ދަރުސް އަމާޒުކޮށްފައިވާ އިސްލާމް ދީނަކީ ހުރިހައި ކަމެއްގެ "ހައްލު"ގެ އެ މައުޟޫގެ ދަށުން ރާއްޖޭގެ ކަންތައް ބަދަލުވަމުން ދަނީ ދީނުގެ އަސްލުތަކުގައި ދިވެހިން ދެމިނުތިބުމުން ކަމަށް ވިދާޅުވި އެވެ. އަދި އިސްލާމީ ޝަރިއްޔާގެ އަސްލުތައް މުޖުތަމުގެ ރައްކާތެރި ކަމަށްޓަކާ ތަންފީޒު ކުރުމަށް އެމަނިކުފާނު ގޮވާލެއްވެވި އެވެ. އަދި އެކަމަށް އެއްބައި ވުމުގެ ގޮތުން ދަރުސް އަޑުއަހަން ތިބި މީހުން ވެސް އަތް އުފުލައި އިލްޔާސްގެ "ފިކުރަށް" ތާއިދު ކުރި އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު