އަލިފާންދަނޑީގެ "ބަޑި ބޭސް" އެއްކޮށް ކަރުދާސް ފަދަތަކެތި ރޯކޮށް ހެދި ބަޔަކު ހައްޔަރުކޮށްފި

އަލިފާންފޮށީގެ އަލިފާންދަނޑީގެ ބަޑިބޭސް އެއްކޮށް، ކަރުދާހާއި އެ ޒާތުގެ ތަކެތި ރޯކޮށް ހެދި ހަތަރު މީހަކު ފުލުހުން ރޭ ހައްޔަރުކޮށްފި އެވެ.

ރޭ ދަންވަރު 12:30 އެހާކަންހާއިރު އެކުވެނި ޓްރެކް ސަރަހައްދުގެ ދެކުނު ފަރާތުގައި ހުރި ގަސްތަކެއްގެ ދަށުގައި ތިބެގެން، އަލިފާންދަނޑީގެ ބަޑިބޭސް އެއްކޮށް އެއްޗެތި ރޯކޮށް ހެދުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ޒުވާން އުމުރުފުރައިގެ ކުދިންތަކެކެވެ. އަދި އެ ކުދިންގެ ތެރޭގައި މާލޭގެ މަތީ ސާނަވީ ސްކޫލެއްގައި ކިޔަވަމުން އަންނަ ދަރިވަރަކު ވެސް ހިމެނެ އެވެ.

ފުލުހުންގެ ފޮރެންސިކް ޓީމް އެ ސަރަހައްދަށް ގޮސް އެ ތަން ބަލައި ފާސްކޮށް، އެ މީހުން ބޭނުންކުރި އެކި ޒާތުގެ އެއްޗެހި ފުލުހުން ބެލުމުގެ ދަށަށް ގެނައިރު، ސަންގެ ނޫސްވެރިން ވެސް އެ ތާނގައި ތިއްބެވެ. ފުލުހުން އެ މީހުންނާ ސުވާލުކޮށް، ގަޑިއެއްހާއިރު އެ ސަރައްހަދު ބަލައި ފާސްކުރި އެވެ.

އަނދިރީ ތެރޭ، ފިލައި ތިބި، އެ ޒުވާނުން އަތުލައިގަތުމަށް ފުލުހުން އެ ސަރަހައްދަށް ދިއުމުގެ ކުރިން، ބަޑި ބޭސް ބޭނުންކޮށްގެން އެއްޗެހިތަކެއް އެ މީހުން ގޮއްވި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ. ނަމަވެސް ފުލުހުން އެކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެ މީހުން ހައްޔަރުކުރީ ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަންގެ ދަށުން ދަންވަރު ގަޑީީީީގައި ބަޔަކު އެއްތަނެއްގައި ތިބެގެން ކަމަށެވެ. ނަމަވެސް އެ މީހުން ހައްޔަރު ކުރީ ގޮވާ ޒާތުގެ އެއްޗެތި ތައްޔާރުކުރަން ތިބެގެން ކަމަކަށް ފުލުހުން ނުބުނެ އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރި އިރު އެ މީހުންގެ އަތުން ހިސާބަކަށް އަލިފާންފޮށި ފެނިފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު