ފީފާގެ އިންތިޚާބު: ވާދަވެރިކަން އެންމެ ބޮޑީ ސަލްމާން އާއި އިންފެންޓީނޯއާ ދެމެދު

ފީފާގެ އިންތީޚާބުގައި އެންމެ ވާދަ ވެރި ދެ ކެނޑީޑޭޓުން ކަމަށްވާ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީއާއި (ކ) އިންފެންޓީނޯ (ވ) --- ފޮޓޯ/ އީޕީއޭ

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ އިންތީޚާބަށް މީގެ ދެ ހަފުތާ ފަހުން، ފީފާގެ މެމްބަރު 209 ގައުމުން ސްވިޒަލޭންޑްގެ ޒިޔްރިކަށް ޖަމާވާނެ އެވެ. އިންތިޚާބުގެ ވަގުތު ކުޑަތަންވެގެން އަންނަ އިރު އިންތީޚާބުގެ ކެމްޕޭންގެ އެންމެ ފޯރިގަދަ މަރުހަލާ ވަނީ ފެށިފަ އެވެ. އިންތީޚާބުގައި ވާދަ ކުރާ ފަސް ކެންޑިޑޭޓުންގެ ތެރެއިން އެންމެ ވާދަވެރި ދެ ކެނޑިޑޭޓަކީ އޭޝިއާގެ ފުޓްބޯޅައިގެ މައިއިދާރާ އޭއެފްސީގެ ރައީސް ބަހްރެއިންގެ ޝައިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީއާއި ޔޫއެފްއާގެ ސެކެޓްރީ ޖެނަރަލް ޖިއާނީ އިންފެންޓީނޯ އެވެ.

ފީފާގެ އިންތީޚާބުގެ ވާދަވެރިކަމާ ބެހޭ ގޮތުން ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ ހުރިހާ ކެނޑިޑޭޓުންގެ ތެރެއިން 105 ވޯޓާ ހަމަޔަށް ވެސް ވާސިލުވެވޭނީ ސަލްމާންއާއި އިންފެންޓީނޯ އަށް ކަމަށެވެ.

ސަލްމާންއަކީ އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒު ގަދަ ބޭފުޅެކެވެ. ސަލްމާން ނިންމާ ނިންމުންތަކާ މެދު އަބަދު ވެސް އޭއެފްސީ މެންބަރު ގައުމުތަކުން އެކައްޗެއް ކިޔަ އެވެ.

ސަލްމާންގެ ކެމްޕޭން ލީޑް ކުރުމުގައި ހަރަކާތްތެރި އޭޝިއާގެ ފުޓްބޯޅައިގެ ނުފޫޒު ގަދަ ގައުމުތަކުގެ ފުޓްބޯޅަ އޮފިޝަލުންނެވެ. ސަލްމާންއާއެކު އޮތީ ހަމައެކަނި އޭޝިއާގެ މެންބަރު ގައުމުތަކެއް ނޫނެނެވެ. އޭޝިއާގެ ފުޓްބޯޅާއިގެ އިސްފަރާތްތަކުން އިސްނަގައިގެން ވަނީ އެފްރިކާގެ ފުޓްބޯޅަ ކޮންފެޑްރޭޝަން (ކެފް)ގެ ހިމެނޭ މެންބަރު ޤައުމުތަކުގެ ތާއީދު ސަލްމާންއަށް ހޯދުމަށް މަސައްކަތްކޮށްފަ އެވެ. ކެފްގެ 54 ގައުމަކުން މީގެ އެއް މަސް ކުރިން ވަނީ ސަލްމާންއަށް ތާއީދު ކުރާނެ ކަން ހާމަކޮށްފަ އެވެ.

ނަމަވެސް ދެކުނު ސޫދާން އިން ފުރަތަމަ ނިންމީ އިންފެންޓީނޯ އަށް ތާއީދު ކުރުމަށެވެ. ދެކުނު ސޫދާންގެ އެފްއޭއިން ބުނެފައިވަނީ އެ ގައުމުން އިންފެންޓޭނޯ އަށް ތާއިދު ކުރަނީ އެ ގައުމަކީ ހަގު ގައުމަކަށްވެފައި ސަރަހައްދީ އެހެން ގައުމުތަކުގެ ނުފޫޒުން ސަލާމަތްވުމަށް ކަމަށެވެ.

ނަމަވެސް މިދިޔަ ހަފުތާގައި ދެކުނު ސޫދާން އިން ވަނީ ވިސްނުން ބަދަލުކޮށް އެ ގައުމުން ވެސް ސަލްމާންއަށް ވޯޓް ދޭނެ ކަމަށް ބުނެފަ އެވެ. ކެފްގެ ވެބްސައިޓް މެދުވެރިކޯށް ސައުތު ސޫދާންގެ އެފްއޭ އިން ބުނެފައި ވަނީ އެ ގައުމުތަކުން އެފްރިކާގެ އެހެން ގައުމުތަކުގެ ކިބައިން މާފަށް އެދޭ ކަމަށާއި އެގައުމުން ވެސް ފީފާގެ އިންތިޚާބުގައި ސަލްމާންއަށް ތާއީދު ކުރަން ނިންމާފައިވާ ކަމަށެވެ.

އެފްރިކާއާއި އޭޝިއާގެ ތާއީދު ސަލްމާންއަށް އޮތް އިރު މިދިޔަ މަހުގައި އޭއެފްސީ މެންބަރު ގައުމުތާކާ ކެފްގެ މެންބަރު ގައުމުތަކާ ދެމެދުވަނީ މައުލޫމާތު ހިއްސާ ކުރުމާއި ދެ ފެޑްރޭޝަންގެ ގުޅުން ހަރުދާނަ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އިންތީޚާބުގައި ވާދަ ކުރާ ކެނޑިޑޭޓެއް ކަމުގައިވާ އުރުދުންގެ ޕްރިންސް ޢަލީ ބިން އަލް ޙުސައިން ވިދާޅުވެފައި ވަނީ އެއްބަސްވުމަކީ ފީފާގެ އިންތީޚާބަށް ނުފޫޒު ފޯރުވުމަށް ކުރި އެއްބަސްވުމެއް ކަމަށެވެ.

ނަމަވެސް އޭއެފްސީއާއި ކެފްއިންވެސް ބުނެފައި ވަނީ އެއީ ފުޓްބޯޅާއިގެ ދާއިރާއިން ދެފަރާރުގެ މެދުގައި މައުލޫމާތު ހިއްސާ ކުރުމަށް ވެވުނު އެއްބަސްވުމަށް ކަމަށެވެ.

ޕްރިންސް ޢަލީ ވަނީ ފީފާގެ އިންތީޚާބު ކައިރިވެފައި އޮތްވައި ސޮއި ކުރި އެއްބަސްވުމަކީ އިންޓީޚާބަށް ނުފޫޒު ފޯރާނެ ކަމެއްކަމަށް ބުނެ އެމައްސަލަ ފީފާގެ އިންތިޚާބާ ބެހޭ ޑިސިޕްލިނަރީ ކޮމީޓިއަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމީޓީ އިން އެމައްސަލައިގައި ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

މިދިޔަ މަހު ސަލްމާންގެ ޓީމުން އެމެރިކާގައި ކުރި ކެމްޕޭންތަކުގައި ބުނެފައި ވަނީ މިހާރު ވެސް 90 ގައުމެއްގެ ވޯޓް ސަލްމާން 'އަތުގައި' އެބައިން ކަމަށެވެ.

އިންފެންޓީނޯ އަށް އަދި އެއަދަދާ ކައިރިވެފައެއް ނުވެ އެވެ. ފީފާގެ އިންތީޚާބަށް އޭނާގެ ބިޑް ހުށަހެޅުއްވުމައްޓަކައި ހަރަކާތްތެރިވި އޭނާގެ ގާތް މީހަކު ބުނެފައި ވަނީ ޔޫރަޕްގެ 50 ގައުމަކުން އިންފެންޓީނޯއަށް ތާއީދު ކުރާ ކަން ހާމަކޮށްފައިވާ ކަމަށާއި ސެންޓަރަލް އެމެރިކާގެ ބައެއް ޤާއުމުތަކާއި ކެރީބިއަން ބައެއް ގައުމުތަކުގެ ތާއީދާއެކު 60 ވޯޓް ކަށަވަރުވެފައިވާ ކަމަށެވެ.

އިންފެންޓީނޯއަށް ކުރިމަތިވާ އަނެއް މައްސަލައަކީ ޔޫރަޕްގެ ގައުމުތައް ބައިބައިވެފައި ވުމެވެ. ޔޫރަޕްގެ ބޮޑެތި ގައުމުތަކުން އެ ގައުމތަކުން ތާއީދު ކުރާނެކަން ހާމަކޮށްފައި ނުވުމެވެ. މިކަމުގެ ސަބަބުން ފީފާގެ އިންތިޚާބުގައި އަބަދުވެސް އެންމެ ނުފޫޒު ގަދަ ޤައުމު އިންގިރޭސިންގެ އަޑު ވަނީ ހިމޭންވުމެވެ. އަދި ޔޫރަޕްގެ ގައުމުތަކުގެ ޚިލާޔު ކަފިކަފިވެ ބައެއް ގައުމުތަކުން ޕްރިންސް ޢަލީގެ އަތުގައި ހިފުމެވެ.

comment ކޮމެންޓް