ގަވާއިދާ ހިލާފަށް ބިން ބޭނުންކުރުމުން ޝާހް ރުކް ހާން ޖޫރިމަނާކޮށްފި

ޝާހް ރުކް ހާން ދިރިއުޅޭ ގެ -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ބޮލީވުޑްގެ ރަސްގެފާނު، ޝާހް ރުކް ހާން އޭނާ ދިރިއުޅޭ ގޭގެ ބޭރުގައި ރޭމްޕެއް ހެދި މައްސަލައިގައި 1،93،784 އިންޑިއަން ރުޕީޒް އިން ޖޫރިމަނާކޮށްފި އެވެ.

ބަންޑްރާގައި ހުންނަ ޝާހުގެ "މަންނަތު" ގޭގެ ބޭރުގައި ގަވާއިދާ ހިލާފަށް ރޭމްޕެއް ހެދި މައްސަލައިގައި މިދިޔަ ހޮނިހިރު ދުވަހު އޭނާ ޖޫރިމަނާކޮށްފައި ވަނީ ބްރިހަން މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުންނެވެ.

ޝާހުގެ ވޭން ޕާކް ކުރުމަށް ކޮންކްރީޓް ރޭމްޕެއް ގޭގެ ބޭރުގައި ހަދާފައި ވަނީ 2014 ވަނަ އަހަރު ކަމަށް ހަބަރުތައް ބުނެ އެވެ. މިދިޔަ އަހަރުވެސް އެ ރޭމްޕުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފަ އެވެ.

އެސަރަހައްދުގައި އުޅޭ މީހުންނާއި، ސޯޝަލް އެކްޓިވިސްޓުން ވަނީ އެ މައްސަލައިގައި ވަރުގަދަ ކެމްޕޭނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަނުން މައްސަލަ ބެލުމަށްފަހު ބުނެފައި ވަނީ ޝާހުގެ ގޭގެ ބޭރަށްވާ ގޮތަށް، ހަދާފައިވާ ރޭމްޕުގެ ބައެއް އެޗް ކޭ ބާބާ ރޯޑުގެ އިތުރުން މައުންޓް މޭރީ ރޯޑުގައިވެސް އޮންނަ ކަމަށެވެ.

އެހެންކަމުން މިއީ އާންމު ރައްޔިތުންގެ ބިމެއް ނުގަވާއިދުން ބޭނުންކުރުން ކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެ ކޯޕަރޭޝަނުން ޝާހު ޖޫރިމަނާކޮށްފައި ވަނީ އެ ރޭމްޕުން މަގަށްވާ ގޮތަށް އޮތް ބައި އެއްކޮށް ހަލާކުކޮށްލުމަށް ދާނެ ހަރަދު ކަމަށް ބެލެވޭ އަދަދުން ކަމަށްވެ އެވެ. ޖޫރިމަނާ ފައިސާ ނުދައްކައިފި ނަމަ އެ މައްސަލަ ކޯޓަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

ހަބަރުތައް ބުނާގޮތުން ޝާހު ވަނީ މިހާރު ޖޫރިމަނާ ފައިސާ ދައްކާ ހަލާސްކޮށްފަ އެވެ.

މީގެ ކުރިން ކަލަރސް ޓީވީން ގެނެސްދިން ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ މަންޒަރެއް ނަގަން، ޝާހްރުކް ޚާންއާއި ސަލްމާން ޚާން ބޫޓަށް އަރައިގެން ތިބެ ފައްޅިއެއްގެ ތެރެއަށް ވަނުމުން އެ ދެތަރިންނާ ދެކޮޅަށް ފުލުހުންނަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.

comment ކޮމެންޓް