ސަލްމާން އެންމެފަހުން ކައިވެންޏަކާ ދިމާއަށް!

ބޮލީވުޑްގެ ސުޕަރ ސްޓާރ ސަލްމާން ޚާން ކުޅެފައިވާ ފިލްމެއްގެ މަންޒަރެއް. މީހަކާ އިނުމުގެ ޚިޔާލު ގެންގުޅޭކަމަށް އޭނާ ވަނީ އެއްބަސްވެފައި -- ފޮޓޯ: ޒީނިއުސް

މުމްބާއީ، -- މީގެ ދެތިން ދުވަސް ކުރިން، ޕޫނާގެ ކޮލެޖެއްގައި ބޭއްވި އިވެންޓެއްގައި އެއްވެފައި ތިބި މީހުންނާ ވާހަކަދައްކަމުން ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން ވަނީ، އޭނާ ދަރިން ބޭނުންވާކަން ހާމަކޮށްފައެވެ. މިހާތަނަށް ކައިވެންޏެއް ކޮށްފައި ނުވާ، ހިންދީ ސިނަމާތަކުގެ "ޕްރޭމް"ގެ ގޮތުގައި މަޝްހޫރުވެފައިވާ، ސަލްމާން މިފަހަރު މިވަނީ އޭނާ ދަރިން ބޭނުންވާކަމަށް ބުނި ވާހަކައަށް ބާރުލިބިދޭ ގޮތަށް އަނެއްކާވެސް ވާހަކަދައްކައިފައެވެ.

ސަލްމާންގެ ކައިވެންޏާ ބެހޭގޮތުން ޓައިމްސް އޮފް އިންޑިއާގައި ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، "މިހާރު ދެން މީހަކާ އިނުން ނޫން ގޮތެއް ނެތް" ކަމަށް ސަލްމާން ބުނެފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 27ގައި އުމުރުން 50 އަހަރު ފުރިފައިވާ ސަލްމާން މީގެ ކުރީން ބޮލީވުޑްގެ މަޝްހޫރު އެތައް ތަރީންނަކާ ލޯބީގެ ގޮތުން ގުޅިފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ މިސް އިންޑިއާ ސަންގީތާ ބާލީ، ބޮލީވުޑް ތަރި ސޯމީ އަލީ، ދުނިޔޭގެ ރީތީގެ ރާނީއެއް ކަމަށްވާ އައިޝްވާރިއާ ރާއީ، މިހާރުވެސް ބޮލީވުޑްގެ އެންމެ އުހުގައި ފިޔަ ޖަހާ އެއް ބަޠަލާ ކެޓްރިނާ ކައިފް، އަދި ޒެރީން ޚާން ފަދަ ތަރީން ހިމެނެއެވެ.

ސަލްމާން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރޫމޭނިއާގެ ޓީވީ ސްޓާރެއް ކަމަށްވާ، ޔޫލިއާ ވަންތޫރުއާ އެވެ. އަދި މިދުވަސްވަރު ސަލްމާން އެންމެ ގިނައިން ވަގުތު ހޭދަކުރަނީވެސް ޔޫލިއާއާ އެކު ކަމަށްވެއެވެ.

"އެންމެ ފުރަތަމަ އަހަންނަށް ގަބޫލުކުރެވުނީ އަހަރެން އަދި މީހަކާ އިންނަ އުމުރަށް ނާޅާކަަމަށް. އެކަމަކު މިހާރު އަހަންނަށް ހީވަނީ އެ އުމުރު ފަހަނައަޅައި ގޮސްފިހެން... ނަމަވެސް އަހަރެން މިހިރީ އުފަލުން. އެކަން ...[ކައިވެނި] ވާނެ،" ސަލްމާން ބުންޏެވެ.

އޭނާ ބުނީ، ކައިވެންޏެއް ނުކޮށް މަޑުކޮށްގެން ހުރީ، އޭނާގެ ކޮއްކޮ އަރްޕިތާ ޚާން ކައިވެނިކުރަންދެން ކަމަށާއި އެކަމަކު މިހާރު ދެން ކައިވެންޏެއް ނުކޮށް ވާން ނެތްކަމަށެވެ.

comment ކޮމެންޓް