ޖައްވަށް މީހުން ފޮނުވުނަސް ނާސާއަށް އެތަނުގެ އޮފީސްތަކެއް ނުބެލެހެއްޓޭ

ޖައްވަށް މީހުން ފޮނުވުމަކީ އެމެރިކާގެ ޖައްވީ އިދާރާ ނާސާއަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ބިމުގައިވާ އެ އިދާރާގެ އޮފީސްތަކުން ކެމެރާތަކާއި ޓީވީތައް އަދި ކޮމްޕިއުޓަރުތައް ގެއްލޭ ގެއްލުމެއް އެއިދާރާއަކަށް ނުހުއްޓުވެ އެވެ.

އެމެރިކާގެ ފްލޮރިޑާގައި ހުންނަ ނާސާގެ ޖައްވީ މަރުކަޒުގައި ހުރި 500000 ޑޮލަރުގެ އަގުހުރި އެންމެ ޒަމާނީ އިކްއިޕްމެންޓް މިދިޔަ އަހަރު ވަނީ ގެއްލިފައެވެ. ގެއްލުނު ތަކެތީގެ ތެރޭގައި 100391 ޑޮލަރުގެ އަގުހުރި ވިޖް ޑިޖިޓަލް ރެކޯޑަރެއް ހިމެނެއެވެ.

2008 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް ކެނެޑީ ޖައްވީ ސްޓޭޝަނުން ގެއްލިފައިވާ ތަކެތީގެ ތެރޭގައި މޮޓޮރޯލާ ހޭންޑްލްޑް 11 ރޭޑިއޯ ހިމެނެއެވެ. އެއިން ރޭޑިއޯއެއްގެ އަގަކީ 35582 ޑޮލަރެވެ. އަދި ވައިރެއްގައި ހަލާކުވެފައި ތަންކޮޅެއް ހުރިތޯ ބެލުމަށް ބޭނުން ކުރާ ރިފްލެކްޓޯ މީޓަރެއް ގެއްލިފައި ވާއިރު އޭގެ އަގަކީ 18000 ޑޮލަރެވެ. އަދި 3379 ޑޮލަރުގެ އަގުހުރި ގޮލްފް ކާޓެއް ވެސް ގެއްލިފައި ވެއެވެ.

ނާސާގެ އިންވެންޓްރީ މެނޭޖްމެންޓް ސޮލިއުޝަންސް ގައި މަސައްކަތްކުރާ ސޫޒަން ޕެޑޯން ބުނީ އިންވެންޓްރީ ބެލެހެއްޓުމަށް ބޭނުންކުރާ ކޮންމެވެސް އެއްޗެއް ހަލާކުވެފައި ހުރުމަކީ ތަކެތި ގެއްލުމުގެ ސަބަބެއްކަމަށް ވެދާނެ ކަމަށެވެ. އޭބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އަދި ކުރިއަށް އޮތް އަހަރު ތަކުގައި ތަކެތި ގެއްލުން އިތުރުވަމުން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ނާސާއިން ތަކެތި ގެއްލޭ ކަމަށް އެއިދާރާއިން ވަނީ އެއްބަސް ވެފައެވެ. އަދި ގެއްލުނު ތަކެތީގެ ތެރެއިން ގިނަ ތަކެތި ގެއްލިފައި ވަނީ އޮފީސްތެރެ އަލުން އިންތިޒާމް ކުރުމުގެ ތެރޭގައި ނުވަތަ މުވައްޒަފުން ވަޒީފާއިން ވަކިވެގެން ދިއުމުގެ ތެރޭގައި ކަމަށް އެއިދާރާއިން ބުނެއެވެ.

" ތަކެތީގެ ކަންތައްތައް ބެލެހެއްޓުމަށް އަހަރެމެން މިއަށް ވުރެ ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ" ނާސާގެ ސްޕޯކްސްމަން އެލާޑް ބޫޓެލް ވިދާޅުވި އެވެ.

ކެނެޑީ ޖައްވީ ސްޓޭޝަނުން މިދިޔަ އަހަރު އެކަނި ވެސް 125 ހައިޓެކް އިކްއިޕްމެންޓް ގެއްލިފައި ވެއެވެ. އޭބީސީ ނިއުސް އަށް ލިބިފައިވާ ނާސާގެ ރިޕޯޓްތަކާ ހަވާލާދީ އެނޫސް ބުނާ ގޮތުގައި އެތަކެތީގެ އަގަށް 479108 އެމެރިކާ ޑޮލަރު އަރައެވެ. އަދި 2009 ވަނަ އަހަރު ގެއްލުނު 16 އިކްއިޕްމެންޓްގެ ޖުމްލަ އަގަކީ 4544 ޑޮލަރެވެ. އޭގެ ކުރީ އަހަރު 11 އިކްއިޕްމެންޓް ގެއްލިފައި ވާއިރު އެތަކެތީގެ އަގަކީ 40996 ޑޮލަރެވެ.

މިހުރިހާ އާލާތެއް ގެއްލިފައި ވިޔަސް އެއިން އެއްވެސް އެއްޗެއްގައި މުހިއްމު ސިއްރު މައުލޫމާތެއް ނުހުންނާނެ ކަމަށް ނާސާއިން ބުނެއެވެ.
ނާސާއިން ބުނަނީ އެއިގެ ތެރެއިން ގިނަ ތަކެއްޗަކީ ބޭނުން ނުކުރާ ތަކެތި ކަމަށާއި އެތަކެތި ކެނެޑީ މަރުކަޒުގެ ކޮންމެވެސް ތަނެއްގައި ހުރެވެސް ދާނެކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު