ޒޭންގެ ފުރަތަމަ ލަވަ، ރިކޯޑަކާ އެކު ބިލްބޯޑު ހޮޓް 100 ޗާޓުގެ އެއްވަނައަށް

ޒޭން މަލިކް --

މަޝްހޫރު މިއުޒިކް ބޭންޑު "ވަން ޑައިރެކްޝަން"ގެ ކުރީގެ ލަވަކިޔުންތެރިޔާ އަދި މިހާރު ސޯލޯ ކެރިއަރެއް ފަށާފައިވާ ޒޭން މަލިކް، އޭނާގެ ފުރަތަމަ އަމިއްލަ ލަވައާއި އެކު އެމެރިކާގެ ބިލްބޯޑް 100 ޗާޓުގެ އެއްވަނައަށް އަރައި، ރިކޯޑު ހަދައިފި އެވެ.

ބިލްބޯޑް ހޮޓް 100 ޗާޓުގެ އެއްވަނައަށް ގިނަ ފަހަރަށް ލަވައެއް އަރަނީ، އެ ޗާޓުގެ ކޮންމެވެސް އެހެން ވަނައެއްގައި ލަވަ އޮތުމަށްފަހު އެވެ. އެހެން ނަމަވެސް ޒޭން، 29 ޖަނަވަރީ ވަނަ ދުވަހު އޭނާގެ ފުރަތަމަ ސޯލޯ ލަވަ "ޕިލޯ ޓޯކް" ރިލީޒް ކުރުމާއި އެކު، އެ ލަވަ ހިމެނުނީ އެންމެ މަގުބޫލު ލަވައިގެ ގޮތުގައި، ބިލްބޯޑު ހޮޓް 100 ޗާޓުގެ އެއްވަނައިގައެވެ.

މިއީ ބިލްބޯޑް ހޮޓް 100 ޗާޓުގެ ތާރީޚުގައި، ރިލީޒް ކުރުމާއި އެކު ސީދާ ޗާޓުގެ އެއްވަނައިގެ ގޮތުގައި ޗާޓަށް ތައާރަފުވި 25 ވަނަ ލަވަ އެވެ. އަދި ޒޭންއަކީ، ފުރަތަމަ ލަވައާއި އެކު ޗާޓުގެ އެއްވަނައަށް ތައާރަފުވި، އިނގިރޭސި ވިލާތަށް ނިސްބަތްވާ ފުރަތަމަ ލަވަކިޔުންތެރިޔާ ވެސް މެ އެވެ.

އެހެން ނަމަވެސް ޒޭންގެ ކުރިން ވެސް އިނގިރޭސި ވިލާތަށް ނިސްބަތްވާ ލަވަކިޔުންތެރިން ވަނީ ބިލްބޯޑު ހޮޓް 100 ޗާޓުގެ އެއްވަނައިގައި ހިމެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1997 ވަނަ އަހަރު "ކެންޑްލް އިން ދަ ވިންޑް" ލަވައާއި އެކު ސަރ އެލްޓަން ޖޯންއާއި، މިދިޔަ އަހަރު އެޑޭލް އެޑްކިންސް، އޭނާގެ "ހެލޯ"އާއި އެކު ހޮޓް 100 ޗާޓާއި ބައިނަލްއަގްވާމީ އެހެނިހެން މިއުޒިކު ޗާޓުތައް ހިސާރު ކުރި ކުރުމެވެ.

ޒޭންގެ "ޕިލޯ ޓޯކް"ގެ ކާމިޔާބާއި އެކު، ޒޭން މިހާރު ހުރީ ވަރަށް އުފަލުން ކަމަށް އޭނާގެ މެނޭޖުމެންޓާ ހަވާލައިދީ، ރިޕޯޓުތައް ބުނެ އެވެ.

ޒޭން ސޯލޯ ކެރިއަރެއް ފަށާފައިވާ އިރު، އޭނާ ކުރިން އުޅުނު ބޭންޑު "ވަން ޑައިރެކްޝަން" ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.

comment ކޮމެންޓް