އެޑޭލްއަކީ 2015 ވަނަ އަހަރުގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާ!

އިނގިރޭސި ލަވަކިޔުންތެރިޔާ އެޑޭލް --

ނިމިދިޔަ 2015 ވަނަ އަހަރު މުޅި ދުނިޔެއިންވެސް އެންމެ ކާމިޔާބު މިއުޒިކީ ފަންނާނުގެ މަގާމު، އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑޭލް އެޑްކިންސްއަށް ލިބިއްޖެ އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ފޯނޯގްރެފިކް އިންޑަސްޓްރީސް (އައިއެފްއެފްއައި)އިން ހޮވި މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ލަވަކިޔުންތެރިޔާގެ މަގާމް އެޑޭލްއަށް ލިބުނީ، އޭނާގެ ހައިރާން ކުރުވަނިވި ކާމިޔާބާއި ގުޅިގެންނެވެ.

މިއުޒިކީ ދާއިރާއިން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު އެޑޭލް އޭނާގެ ތިންވަނަ އަލްމަބް "25"އާއި އެކު އެނބުރި އައީ މިދިޔަ ނޮވެމްބަރު މަހުގަ އެވެ. މި އަލްބަމަކީ އިނގިރޭސި ވިލާތުގެ މިއުޒިކު އިންޑަސްޓްރީގެ ތާރީޚުގައި ވެސް، އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނައިން ވިކުނު އަލްބަމެވެ. އަލްބަމް ރިލީޒް ކުރިތާ ފުރަތަމަ ހަފްތާ ތެރޭގައި 800،000 ކޮޕީ ވިކިފައި ވެ އެވެ.

އެހެންކަމުން، މުޅި އަހަރުގެ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ މަގާމު އެޑޭލްއަށް ލިބިފައި މިވަނީ އެންމެ ދެ މަސް ދުވަސް ތެރޭގައި ލިބުނު ތަރުހީބުންނެވެ.

ވަކިން ޚާއްސަކޮށް، އެޑޭލްގެ އާ ސިންގަލް "ހެލޯ" އަށް ވަނީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ބޮޑު ތަރުހީބެއް ލިބި، 88 ދުވަސް ތެރޭގައި ޔޫޓިއުބުން އެއް ބިލިޔަން ވިއުޒް ލިބި، ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފަ އެވެ.

އެޑޭލްއާ ޖެހިގެން ދެން މިދިޔަ އަހަރު އެންމެ ކާމިޔާބު މިއުޒިކީ ފަންނާނަކީ އެޑް ޝީރަން އެވެ. ތިންވަނަ އަށް އެންމެ ކާމިޔާބު ކަމަށް އައިއެފްއެފްއައި އިން ކަނޑައަޅާފައި ވަނީ ޓޭލަރ ސްވިފްޓެވެ.

މަސްދަރު: ބީބީސީ

comment ކޮމެންޓް
ގުޅޭ ޚަބަރު