އުމުރުން ތިން އަހަރުވަންދެން ކުޑަކުދިން ނިދުން އެންމެ ރަނގަޅީ މަންމައާ އެކު: ދިރާސާ

ސައުތް އެފްރިކާގެ ޔުނިވާސިޓީ އޮފް ކޭޕްޓައުން އިން އަލަށް ހެދި ދިރާސާއަކުން ދެއްކި ގޮތުގައި އުމުރުން ތިން އަހަރު ވަންދެން ކުޑަކުދިން ނިދަން އެންމެ ރަނގަޅީ އެކުދިންގެ މަންމައާ އެއްކޮށެވެ.

ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ނިލްސް ބާގްމެން ވިދާޅުވީ ކުޑަކުދިން އެކަނި ނިދަން ބޭއްވުމުން އެކުދިންގެ ހިތް މާބޮޑަށް "ސްޓްރެސް"ވާ ކަމަށެވެ. އަދި އޭގެ ސަބަބުން ދެމައިންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރަން ވެސް ހުރަސް އެޅޭނެ ކަމަށެވެ.

ނަމަވެސް، މަންމަ ކައިރީ ކުއްޖާ ނިދުމުން މަންމަގެ ގައިގެ ދަށުވެ ކުއްޖާ މަރުވާ މިންވަރު އިތުރުވެފައިވާ ކަމަށް ބައެއް ދިރާސާތަކުން ދެއްކުމުން ކުޑަކުއްޖާ ކައިރީ ބާއްވައިގެން ނިދުމާ ދެކޮޅަށް ބައެއް މާހިރުން ލަފާދެއްވަ އެވެ. އިނގިރޭސިވިލާތުގައި ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ކުއްލި މަރަކުން މަރުވާ ކުޑަކުދިންގެ ތެރެއިން ތިން ބައިކުޅަ ދެބައި ކުދިންގެ މަރާ، މަންމައާ އެއްކޮށް ނިދުމާ ގުޅިފައިވެ އެވެ.

އެ މައްސަލައާ ބެހޭ ގޮތުން ޑރ. ބާގްމެން ވިދާޅުވީ މަންމަ ކައިރީގައި އޮއްވާ ކުއްޖާ ގިނަ ފަހަރު މަރުވަނީ ކުއްޖާ ކައިރީގައި "ސިނގިރެޓާއި، ބަނގުރަލާއި، ބޮޑު ބާލީހާއި ނުރައްކާތެރި ކުޅޭ އެއްޗެހި [ހުރުމުން ނުވަތަ ބޭނުން ކުރުމުގެ] ސަބަބުން" ކަމަށެވެ.

ތުއްތުކުއްޖާ މަންމަ ކައިރީގައި ބާއްވައިގެން ނިދުމާ ބެހޭ ގޮތުން ކަމާ ބެހޭ މާހިރުންގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. އިނގިރޭސިވިލާތުގެ ނެޝަނަލް ޗައިލްޑް ބާތް ޓްރަސްޓުން ތާއިދު ކުރަނީ މަންމައާ ދަރިފުޅު ކައިރީގައި ނިދުމަށެވެ. ނަމަވެސް، ފައުންޑޭޝަން އޮފް ދަ ސްޓަޑީ އޮފް އިންފެންޓް ޑެތްސް އިން ލަފާ ދެނީ ދެމައިން ކައިރީގައި ނުނިދުމަށެވެ.

މަންމައާއި ދަރިފުޅުގެ މެދުގައި އޮންނަ މައިވަންތަކަމުގެ ޖިސްމާނީ ގުޅުން އިތުރުކުރުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން "ކެންގަރޫ މަދާ ކެޔާ" ކިޔާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަވާ ޑރ. ބާގްމެން ސޯޅަ ތުއްތު ކުދިން ހިމަނައިގެން ހެދި ދިރާސާގައި ކުޑަކުދިން މަންމައާ އެކު ނިދުމުންނާއި ވަކިން ނިދުމުން ވާގޮތް މޮނިޓާ ކުރި އެވެ.

އަދި އެދިރާސާއިން ދެއްކީ، މަންމައާ ވަކިން "ސްޓެރެސް ފްރީ"ކޮށް ނިދީ 16 ކުދިންގެ ތެރެއިން ހަ ކުދިން ކަމަށެވެ. ނަމަވެސް، ބެލެނިވެރިއެއްގެ ކައިރީ ނިދަން ތިބި ކުދިންނާ އަޅާ ބަލާއިރު އެ ހަ ކުދިންގެ ހިތުގެ ނުތަނަވަސްކަން އިތުރު ކަމަށް ޑރ. ބާގްމެން ފާހަގ ަކުރެއްވި އެވެ.

މީގެ އިތުރުން، ތުއްތު ކުދިން އެކަނި ނިދުމުން އެކުދިންގެ ސިކުނޑީގެ ސްލީޕް ސައިކަލްއަށް ބަދަލު އަންނަ ކަމަށްވެސް ދިރާސާއިން ދެއްކި އެވެ. އަދި އެއުމުރުގައި އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމުން ކުއްޖާގެ ގުނަވަންތަކުގެ ހެދި ބޮޑުވުން ލަސްވެ، އެހެން މީހުންނާ ގުޅުން ބަދަހި ކުރަން ކުއްޖާއަށް އުނދަގޫވުމުގެ ސަބަބުން ކުއްޖާގެ އުޅުމަށްވެސް އަސަރުކުރާނެ ކަމަށް ޑރ. ބާގްމެން ވިދާޅުވި އެވެ. (ޓެލެގްރާފް)

comment ކޮމެންޓް