ފިލްމެއްގައި ހަރަކާތްތެރިވާން އަދި ތައްޔާރެއް ނޫން: ކަރިޝްމާ

ކަރިޝްމާ ކަޕޫރު އެވޯޑް ހަފްލާއެއްގައި: ފިލްމެއްގައި ހަރަކާތްތެރިވާން މިވަގުތު ތައްޔާރު ނޫންކަމަށާއި އެންމެ ބޮޑު އިސްކަމެއް ދެނީ ދަރިންނަށް ކަމަށް ބުނި -- ފޮޓޯ: އިންޑިއަންއެކްސްޕްރެސް

މުމްބާއީ: ފިލްމެއްގައި ހަރަކާތްތެރިވުމަށް އެއްވެސް ވަރަކަށް ތައްޔާރު ނޫންކަމަށާއި، މިވަގުތު ހުރިހާ ވިސްނުމެއް ހުރީ ދަރީންނާއެކު ވަގުތު ހޭދަކުރުމަށް ކަމަށް ބޮލީވުޑްގެ މަޝްހޫރު ތަރި ކަރިޝްމާ ކަޕޫރު ބުނެފިއެވެ.

ހޮނިހިރު ދުވަހު، އޮތް ނީކާ.ކޮމް ފެމިނާ ބިއުޓީ އެވޯޑްސް ހަފްލާގައި އޭނާގެ ޒަވާޖީ ހަޔާތާ ގުޅޭގޮތުންނާއި ފިލްމު ކެރިއަރާ ބެހޭގޮތުން ނޫސްވެރީން ކުރިމަތިކުރުވި ބައެއް ސުވާލުތަކަށް ފުރަގަސް ދެމުން، ކަރިޝްމާ ބުނީ، " ތިއަށް ދޭނޭ ޖަބެއް ނެތް" ކަމަށެވެ. އަދި ފިލްމެއްގައި ހަރަކާތްތެރިވުމަށް މިވަގުތު އެއްވެސް ވަރަކަށް ތައްޔާރު ނޫންކަމަށްވެސް ކަރިޝްމާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން، ކަރިޝްމާގެ ފިރިމީހާ ސަންޖޭ ކަޕޫރު ކަރިޝްމާ ވަރިކުރުމަށް ކޯޓަށް ހުށަހަޅާފައިވާ، ލިޔުންތަކުގައި ބުނެފައިވާގޮތުން، ކަރިޝްމާ އޭނާއާ ކައިވެނިކުރީ މުދަލާއި ފައިސާއަށްޓަކައެވެ. އަދި ކަރިޝްމާ ވަނީ، ރަނގަޅު އަންބަކާއި މަންމައަކަށް ވުމުގައި ނާގާބިލްވުމުގެ އިތުރުން ރަނގަޅު ޅީދަރިއަކަށް ވުމުގައި ވެސް ނާކާމިޔާބުވެފައި ކަމަށް ބުނެފައެވެ.

އެ ދެމަފިރީންގެ ދަރީންނާ ސަންޖޭ ބައްދަލުކުރުމަށް ކަރިޝްމާ ހުރަސްއަޅާފައިވާ ކަމަށްވެސް ވަރިވުމަށް އެދި ސަންޖޭ ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ވެއެވެ.

ކަރިޝްމާގެ ލޯޔަރު ބުނެފައި ވަނީ، ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރުވަފާނޭ ގޮތަށް، އާންމުންގެ ތެރޭގައި ސަންޖޭ ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން ކޯޓުގައި އެމީހުން ވާހަކަދައްކާނޭ ކަމަށެވެ.

ކަރިޝްމާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ "ޑޭންޖަރަސް އިޝްގު" އެވެ. ފިލްމީދާއިރާއާ ގިނަ ދުވަސްތަކަކު ދުރުގައި ހުރުމަށްފަހު، އެ ފިލްމުން އޭނާ ފެނިގެން ދިއުމުން އެއީ އޭނާ ކެރިއަރަށް އެނބުރި އައުންކަމަށް ގިނަ ބަޔަކު ގަބޫލުކުރިއެވެ. އެހެން ނަމަވެސް އޭނާ ބުނީ، މިވަގުތު އޭނާއަށް އެންމެ މުހިންމީ ދަރީންނާއި އާއިލާ ކަމަށާއި އެހެންކަމުން ގޭގައި ހުރުމަށް އިސްކަންދޭ ކަމަށެވެ.

"ވަރަށް މުހިއްމު ތަންތަނަށް ދާން ބޭރަށް ނުކުންނަނީ. އަހަރެން ދެކޭ ގޮތުގައި އާއިލާއާއި އަހަރެންގެ ދަރީން މިވަގުތު އެންމެ މުހިއްމީ. އަހަރެން ގޭގައި ހުންނަން މާބޮޑަށް ހިތްހަމަޖެހޭ،" މަދުން ނޫނީ މިހާރު ހަފްލާތަކުން ވެސް ނުފެންނަ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބުންޏެވެ.

"ދެން ކަލޭމެން އަހާފާނެ އަހަރެން ފިލްމުކުޅެން ތައްޔާރުހޭ. އެކަމަކު އަހަރެން ފިލްމެއް ކުޅެން އަދި ތައްޔާރެއް ނޫން. އަހަރެން ފިލްމުކުޅޭ ހިތްވުމުން ކުޅޭގޮތަށް މިހިރީ."

މަސްދަރު: ފަސްޓްޕޯސްޓް

comment ކޮމެންޓް