ނުވިކޭ ކާނާ އުކާލުން މަނާކޮށް، ބޭނުންޖެހިފައިޥާ މީހުންނަށް ހަދިޔާ ކުރަން ފުރާންސުގައި އަންގައިފި

ފަރަންސޭސި ވިލާތުގައި ކާނާ ވިއްކާ ފިހާރަތަކުގައި ނުވިކޭ ކާނާ އުކާލުމާއި، އެތަކެތި ނުބައި ވަންދެން ފިހާރައިގައި ބެހެއްޓުމަކީ ގާނޫނީ ގޮތުން މަނާ ކަމެެއް ކަމުގައި ކަނޑަ އަޅައިފި އެވެ. މިދިޔަ ބުދަ ދުވަހު ފްރާންސުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނު ބުނާ ގޮތުގައި، ފިހާރަތަކުގައި ނުވިކުމުގެ ސަބަބުން ނުވަތަ ބޭނުން ނުކުރާ ކާނާގެ ބާވަތްތައް އުކާލުމުގެ ބަދަލުގައި، އޭގެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ހަދިޔާ ކުރަން ޖެހެ އެވެ. މީގެ ކުރިން ބައެއް ފިހާރަތަކުން ކާނާ އުކާލާ އިރު، ޑަސްބިނުން ހޮވައިގެން އެތަކެތި ބޭނުންކޮށްފާނެތީ، އުކާލުމުގެ ކުރިން އެއަށް ބްލީޗު ފަދަ މާއްދާތައް އަޅައިހަދަ އެވެ. ނަމަވެސް އަލަށް ފާސްކުރި ގާނޫނާ އެކު، އެ އަމަލު ހުއްޓުމަކަށް އަންނާނެ އެވެ.

އެ ގާނޫނަށް އަމަލު ކުރަން ޖެހޭނީ، 400 އަކަ މީޓަރު ނުވަތަ އެއަށް ވުރެ ބޮޑެތި ފިހާރަތަކުންނެވެ. ގާނޫނަށް އަމަލު ނުކޮށްފި ނަމަ، 75،000 ޔޫރޯއިން ޖޫރިމަނާ ކުރުން ނުވަތަ ދެ އަހަރުގެ މުއްދަތަކަށް ޖަލަށް ލެވުން ފަދަ އަދަބަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެ ގާނޫނު މިވަގުތު އަމާޒު ކުރެވިފައި ވަނީ ފިހާރަތަކަށް އެކަނި ނަމަވެސް، ފްޜާންސްގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ބުނި ގޮތުގައި، ދެން އެ މެމްބަރުން މަސައްކަތް ކުރާނީ ރެސްޓޯރަންޓްތަކާއި ކެފޭ އަދި ބޭކަރީ ފަދަ ތަންތަނުން ވެސް މިގޮތަށް އަމަލު ކުރުވުމަށް ގާނޫނެއް އެކުލަވާލުމަށެވެ.

comment ކޮމެންޓް