ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާނެކަމަށް އެމްޑީޕީން ބުނެފި

އެމްޑީޕީން ކުރި މުޒާހަރާއެއް. ސަން ފައިލްފޮޓޯ

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބައިވެރިނުވާނެ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޔާސީން ބަޔާން އިއްވަވާ ޖަލްސާއަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހާޒިރުނުވާން ނިންމީ ގިނަ ސަބަބުތަކަކާ ހެދި ކަމަށެވެ.

އެމްޑީޕީން އެޖަލްސާގައި ބައިވެރިނުވާން ނިންމި ކަމަށް އެޕާޓީން ފާހަގަކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި އެ ޖަލްސާ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވުމުގެ ބަދަލުގައި ދަރުބާރުގޭގައި ބޭއްވުމާއި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކުރައްވައި ދައްކަވާ ވާހަކަފުޅުތަކަކީ އަގެއް ނެތް ވާހަކަފުޅުތަކެއް ކަމަށް އެޕާޓީން ދެކުން ހިމެނެއެވެ.

މިދިޔަ އަހަރު ރައީސް ޔާމީނު ރިޔާސީ ބަޔާން އިއްވެވުމުގައި ހިނގި ބައެއް ކަންތައްތަކަކީ ވެސް މާދަމާ އޮންނަ ޖަލްސާގައި ބައިވެރިނުވާން ނިންމި ސަބަބެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"...އަދި މީގެ ކުރީ އަހަރު ރިޔާސީ ބަޔާން އިއްވެވުމަށް ރައީސް ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުނާ ދިމާއަށް އަތްޕުޅުން ދަށުދަރަޖައިގެ ހުތުރު އިޝާރާތްތައް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ޤަދަރާއި ޙުރުމަތް ކުޑަކުރައްވާފައިވީހިނދު...،" ބަޔާނުގައި ބުނެފައި ވެއެވެ.

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކޮށް، އެއީ ވެސް ޖަލްސާގައި ބައިވެރިނުވާން ނިންމި ސަބަބެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

comment ކޮމެންޓް