އެމްޑީޕީ އާއި ނަޝީދު ކުރައްވާ މަސައްކަތަށް އަދީބު ތާއީދު ކުރައްވާ ކަމަށް ބުނެފި

އަހުމަދު އަދީބު -- ސަން ފައިލް ފޮޓޯ/

"ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި އިންސާފު ގާއިމު ކުރުމަށް ޓަކައި" އެމްޑީޕީ އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތް ކުރައްވަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނިންމަވައިފި އެވެ.

ގިނަ މައްސަލަތަކެއްގެ ތުހުމަތުގައި ޖަލުގައި ހުންނެވި އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ޑިމޮކްރަސީގެ ހެޔޮވެރިކަމާ ދިމާ އަށް އަޅުގަނޑުމެން ކުރާ ދަތުރުރުގައި" އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތަށް ތާއީދުކޮށް، އެ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އަދީބު ވިދާޅުވީ އެ މަސައްކަތުގައި ދެމިހުންނަވާނެ ކަމަށެވެ.

އަދީބުގެ ބަޔާނުގައި ބުނެފައި ވަނީ ނަޝީދާއި އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތުން "އިސާހިތަކު" ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

އަދީބުގެ ބަޔާނުގައި ބުނެފައި ވަނީ ހެޔޮ ވެރިކަމެއްގެ ސިފަ ސަރުކާރުން ކެނޑި ރާއްޖޭގެ ސިޔާސީ ފަރާތްތައް ހިފައި ހައްޔަރުކޮށް ޖަލަށް ލައި، ސިޔާސީ މައިދާނުން އެކަހެރިކުރާ އިރު އެއީ ރައްޔިތުން ރުހޭނޭ ކަމެއް ނޫން ކަމަށެވެ.

އިދިކޮޅު އެމްޑީޕީ އަށް އަދީބު ތާއިދު ކުރައްވަން ނިންމެވި އިރު، ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވެސް ވަނީ އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމަވައިފަ އެވެ.

ރާއްޖޭގައި ހެޔޮ ވެރިކަމެއް ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީ އާއި އަދި އެ ޕާޓީގެ ރައީސް ނަޝީދުއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ނިންމެވި އިރު، އެ މަނިކުފާނުގެ ބެލުމުގެ ދަށުން ހިންގެވި، ސަރުކާރުގެ ވިޔަފާރި ކުންފުނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ދަނީ އޮޑިޓް އޮފީހުން އޮޑިޓް ކުރަމުންނެވެ. އޮޑިޓް އޮފީހުން ބުނީ އެ ކުންފުނީގެ ހިޔާނަތަކިީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މައްސަލަ އަށްވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެ ހިޔާނާތުގެ ޖުމްލަ 100 މިލިއަން ޑޮލަށް ވުރެ މަތީގައި އުޅޭނެ އެވެ.

comment ކޮމެންޓް