ޗެންނާއީ އިން ބޭސްފަރުވާ ކުރެއްވުމަށްފަހު ނިހާން މާލެ ވަޑައިގެންފި

ނިހާން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފައިލް ފޮޓޯ

އިންޑިއާގެ ޗެންނާއީގެ އެޕޯލޯ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ނިހާން މިރޭ ރާއްޖެ ވަޑައިގެންނެވިކަން ސަން އަށް ކަށަވަރުކޮށްދެއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.

އިންޑިއާގެ ޗެންނާއީ އަށް ބޭސްފަރުވާ އަށް ނިހާން ވަޑައިގަތީ ކުއްލި އާލާސްކަންފުޅެއް ޖެހިވަޑައިގެން އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި މިދިޔަ 15 ވަނަ ދުވަހު އެޑްމިޓްކޮށް ފަރުވާ ހޯއްދެވުމަށްފަހު، މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ.

އިންޑިއާ އިން ފަރުވާ ހޯއްދެވުމަށްފަހު ނިހާނު ވިދާޅުވެފައި ވަނީ އޭނާއަށް އާލާސްކަންފުޅު ޖެހިވަޑައިގެންނެވުމުން އެހީތެރި ވެވަޑައިގެންނެވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އެގޮތުން ޕީޕީއެމްގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ވިލިމާލެ ދާއިރާގެ ރައްޔިތުންނާއި ޕީޕީއެމްގެ އާއްމު މެމްބަރުންނަށް ވެސް ނިހާން ޝުކުރު އަދާކުރައްވާފައިވެ އެވެ. އޭނާގެ ބަލި ހާލަތާ ބެހޭ ޚަބަރުތައް ލިއެ، ކިއުންތެރިންނާ ހަމައަށް ގެނެސްދިނީތީ ނޫސްވެރިންނަށް ވެސް ޝުކުރު އަދާކުރައްވާފައިވެ އެވެ.

comment ކޮމެންޓް