އަމާލް ވިދާޅުވީތީ މިހާރު އެންމެނެއް ވާހަކަތައް ގަބޫލެއް ނުކުރޭ: ދުންޔާ

ފޮރިން މިނިސްޓަރ ދުންޔާ އަދި އަމާލް ކްލޫނީ -- ސަން ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލް އަމާލް ކުލޫނީ ދައްކަވާ ވާހަކަތައް، އޭނާ ވިދާޅުވީތީ ގަބޫލު ކުރުމުގެ ބަދަލުގައި ކަމުގެ ހަގީގަތް ހޯދަން މީހުން ޝައުގުވެރިވާން ފަށައިފި ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ ވަނީ އަމާލް، ރައީސް ނަޝީދުގެ މައްސަލައިގައި ވަކާލާތު ކުރައްވަނީ ދުނިޔެއަށް ކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް ވުރެ ބޮޑަށް، އަމާލްއަށް ދުނިޔޭގެ ސަމާލުކަން ހުއްޓި އޭނާގެ މަޝްހޫރުކަން ބޮޑު ކުރުމަށް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ.

ދުންޔާ ވިދާޅުވީ، ގައުމަކަށް އަދި ގައުމެއްގެ ރައްޔިތުންނަށް ހިތި ނަތީޖާއެއް އަންނާނެ ގޮތަކަށް މަސައްކަތް ކުރާނީ ކޮން ކަހަލަ ބޭފުޅެއް ކަމާމެދު ވިސްނާލަން ޖެހިފައިވާ ކަމަށެވެ.

"ވަކީލުންނަކީ ވަކި ޕޭމަންޓަކަށް މަސައްކަތް ކުރައްވާ ބައެއް. އޭގެ ތެރޭގައި ބައެއް އަމިއްލަ ކަންތައްތައްވެސް ވަންނާނެ ކަންނޭނގެ އަޅުގަނޑަށް ހީވަނީ. އޭގެ ތެރޭގައި މަޝްހޫރު ކަމަކީވެސް ވަރަށް ބޮޑު އެއްޗެއް. ގައުމެއްގެ ހަގީގަތް ބެލުމެއްނެތި އަމިއްލަ މަޝްހޫރުކަން އިތުރުކުރުން ކަހަލަ ކަންކަމަށް އެބަ މަސައްކަތް ކުރެވޭ،" ދުންޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ހަގީގަތާ ހިލާފަށް ދުނިޔޭގެ ވަރަށް ބޮޑެތި މީޑިއާ ތަކުގައި ނަޝީދުގެ ޝަރީއަތާ ދިވެހި ރާއްޖެއާ ގުޅުވައިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަމުން އައި ނަމަވެސް މިހާރު ބައެއް މުހިންމު މީޑިއާތަކުން ރާއްޖެއާ ގުޅޭގޮތުން ގެންގުޅެމުން ދިޔަ ވިސްނުން ބަދަލުވާން ފަށާފައިވާކަން ފާހަގަ ކުރެއްވޭ ކަމަށެވެ.

އޭގެ ތެރޭގައި ބައެއް ގައުމުތަކުން ނެރޭ ބަޔާންތަކުންވެސް އަސްލު ހަގީގަތް މިހާރު ހާމަވަމުން އަންނަ ކަމަށް ދުންޔާ ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ބަދަލެއް ނާންނަ ކަމަކަށް. ތަފާތެއް އެބަ ފެނޭ. ކޮންމެހެން ކްލޫނީ ވިދާޅުވީތީ ހުރިހާ އެންމެނެއް ގަބޫލެއް ނުކުރޭ، އަސްލު ހަގީގަތަކީ ކޮބައިތޯ ބަލަން ސުވާލުތަކެއް އެބަ އާދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ދުންޔާ ވަނީ މީގެ ކުރިންވެސް އަމާލް ދައްކާ ވާހަކަތަކަށް ނުހެއްލުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ.

މި ފަހަކަށްއައިސް އަމާލް އާއި އޭނާގެ މަސައްކަތާ ގުޅޭގޮތުން މީޑިއާތަކުގައި އަންނަނީ ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ މަޝްހޫރު ސިޑްނީ މޯނިން ހެރަލްޑް ނޫހަށް އެނޫހުގެ ކޮލަމްނިސްޓް ޕައުލް ޝީހާން ލިޔުއްވާފައިވާ ލިޔުމެއްގައި ވަނީ، އާމާލް ކްލޫނީ އަކީ ފައިސާއަށް ޓަކައި ހިތްވަރާ އެކު މަސައްކަތް ކުރާ މީހެއް ކަމަށާއި ޖޯޖް ކްލޫނީގެ ލޯބިވެރިޔާ އަދި އަންހެނުންގެ ހައިސިއްޔަތުން އޭނާ ވެފައި ވަނީ ދުނިޔޭގެ ސަމާލުކަން ދަމައިގަތް މީހަކަށް ކަމަށެވެ.

comment ކޮމެންޓް