"މޭކް މައި އައިލެންޑް" އެޕްލިކޭޝަން ލ. އަތޮޅުގައި ތައާރަފުކޮށްފި

މޭކް މައި އައިލެންޑް އެޕްލިކޭޝަން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޔޫއެންޑީޕީ

ރަށްރަށުގައި ދިމާވެފައި ހުރި އިޖުތިމާއީ މައްސަލަތައް، ފޯނު މެދުވެރިކޮށް މެސެޖަކުން ކަމާ ބެހޭ އިދާރާތަކަށް އަންގާލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕްލިކޭޝަން ކަމަށްވާ "މޭކް މައި އައިލެންޑް" ލ. އަތޮޅުގައި ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ގަމު އިހައްދޫ ސްކޫލުގައި ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެޕްލިކޭޝަން އަތޮޅަށް ތައާރަފުކޮށްދެއްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ އެ ހިދުމަތުގެ ތައާރަފާ އެކު ހަރަދުކުޑަ ގޮތަކަށް އޮތޯރިޓީތަކަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެ ހިދުމަތުގެ އެހީގައި ރަށަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ކުނީގެ މައްސަލަތަކާއި ޕާކިން މައްސަލަތައް ރިޕޯޓު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑިސެމްބަރުގައި ވަނީ އެ ހިދުމަތް މާލޭގައި ތައާރަފުކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަރަމެންޑް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަޖީދު ވިދާޅުވީ ލ. އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށް ކަމަށްވާ ކައްދޫ ފޮނަދޫ ގަން އަދި މާންދޫއަށް އެ ހިދުމަތް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މުސްތަގުބަލުގައި އެ ހިދުމަތް މުޅި އަތޮޅަށް ފުޅާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް