އާ އާޓްފިޝަލް ބީޗު ހުޅުވުން އާދިއްތަ ދުވަހަށް ފަސްކޮށްފި

ހުޅަނގު ފަރާތުގައި އަލަށް ހަދާ އާޓްފިޝަލް ބީޗު: ސަން ފޮޓޯ/ ފަޔާޒު މޫސާ

ހުޅަނގު ފަރާތުގައި އަލަށް ހަދާ ބީޗު އަންނަ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ. އެތަން ކުރިން ހުޅުވާ ގޮތަށް ހަމަޖައްސާފައި އޮތީ މާދަމާ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އާޓްފިޝަލް ބީޗު އަންނަ އާދިއްތަ ދުވަހު ހުޅުވާ ގޮތަށް މިހާރު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަން ބަދަލުވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

އާ އާޓްފިޝަލް ބީޗު ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ އެތަނުގައި ބާބަކިޔު ސަރަހައްދެއްގެ އިތުރުން ދެ ފިޝިންގް ޕްލެޓްފޯމަކާއި ފެން ވެރޭ ގޮތަށް ފާޚާނާ ބަރިއެއް ވެސް ގާއިމްކުރެވޭނެ ކަމަށެވެ. އަދި އެތަނަކީ އާންމުންނަށް ހިތްފަސޭހަ ތަނަކަށް ވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އާ އާޓްފިޝަލް ބީޗު ސަރަހައްދު އިއްޔެ ވަނީ ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން ސާފު ވެސް ކޮށްފަ އެވެ.

އާޓިފިޝަލް ބީޗުގެ މަސައްކަތް ނިމޭ އިރު އެ ސަރަހައްދުގެ ވަށައިގެންވާ މަގު ވެސް ރަނގަޅު ފެންވަރަކަށް ހެދިގެން ދާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

އެސަރަހައްދުގެ 4623 އަކަ މީޓަރުގެ ސަރަހައްދެން ތިން މީޓަރަށް ފުން ކުރުމާއި 2547 އަކަ މީޓަރުގެ ގޮނޑުދޮށެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 41.5 މިލިއަން ރުފިޔާ އަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

comment ކޮމެންޓް