އޮސްކާ އެވޯޑްސް ހޯސްޓު ކުރެވޭތީ ޕްރިޔަންކާ އުފަލުން ފޮޅިފައި!

ޕްރިޔަންކާ ޗޯޕްރާ --- ފޮޓޯ:އައިބީއައި ޓައިމްސް

މި މަހުގެ 28 ވަނަ ދުވަހު އޮންނަ 88 ވަނަ އޮސްކާ އެވޯޑުސްގެ ޕްރެޒެންޓަރުންގެ ތެރޭގައި ބޮލީވުޑް އަދި ހޮލީވުޑްގެ ވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ހިމެނެ އެވެ. ކޮންމެއަކަސް ޕްރިޔަންކަ ހުރީ އެކަމާ އުފަލުން ފޮޅިފަ އެވެ.

ލޮސް އެންޖެލެސް ގައި ހުރެގެން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ބުނީ، އޮސްކާ އެވޯޑްސް ހުށައަޅަން ލިބުނީތީ އޭނާ ވަރަށް އުފާވާ ކަމަށެވެ.

"އެކަޑަމީ އެވޯޑްސް އަކީ އެމެރިކާގެ އެންމެ މަތީ ފަހުރު. އެ ފަހުރުގައި ބައިވެރިވާން ލިބުނީތީ އަހަރެން ވަރަށް އުފާވެފަ މި ހުންނަނީ."، ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، އެ ދުވަހު ލާނެ ހެދުމަކާ ގުޅޭ ގޮތުން ވަރަށް ގިނަ ފަރާތްތަކުގެ ހިޔާލު އޭނާ އަށް ލިބެމުން އަންނަ ކަމަށެވެ.

"އެދުވަހު ލާނެ ހެދުމަކާ ގުޅޭ ގޮތުން އަހަންނަށް ވަރަށް ގިނަ މީހުންގެ ފަރާތުން ހިޔާލު ލިބެމުން އަންނަނީ. އަހަރެންގެ ޓުވިޓާ ފީޑު ވެސް އޮތީ އެކަމުން ފުރިފައި..."، ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ބުނީ، އިންޑިއާ އިންނާއި އެހެނިހެން ހިސާބުތަކުން ވެސް އޭނާ އަށް ހެދުންތައް ލިބެމުން އަންނަ ކަމަށެވެ. އަދި އޭނާގެ ސްޓައިލިސްޓުނަށް މިދުވަސްވަރު ވަރަށް ޕްރެޝާ ބޮޑު ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

ކޮންމެ އަކަސް، ކުއަންޓިކޯ އިން ހޮލީވްޑަށް ތައާރަފުވި ޕްރިޔަންކާ އަށް އެ އިންޑަސްޓްރީގައި ގިނަ ފުރުސަތުތަކެއް ދަނީ ލިބެމުންނެވެ. އަދި އެކަމާ މުޅި އިންޑިއާ ފަހުރުވެރިވެ އެވެ.

comment ކޮމެންޓް