ނިދަން އުނދަގޫވޭތަ؟ ޗެރީ އަކީ ތިޔަ ކަމަށް އޮތް ހައްލެއް!

ނިންޖަކީ އިންސާނުން ދިރިހުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. މާ ގިނަ ދުވަހު ނުނިދާ ހުރުމަކީ އެއްވެސް މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ހަމަ ނިދި ނުލިބެއްޖެ ނަމަ މުޅި ދުވަހުގެ އުޖާލާކަން ގެއްލި ސިއްހަތަށް ވެސް ގެއްލުން ލިބެ އެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް މަދުވެގެން ފަސް ގަޑި އިރު ނިދުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެންނަމަވެސް، ނިދަން އުނދަގޫވުން ނުވަތަ އިންސޯމްނިއާ އަކީ ވަރަށް ގިނަ ފަރާތްތަކަކުން ތަހައްމަލް ކުރަމުން އަންނަ ކަމެކެވެ. މިކަމަށް ހައްލު ހޯދުމަށް އެކި ވައްތަރުގެ "ސްލީޕިން ޕިލްސް" ނުވަތަ ނިދާ ބޭސް ކާ މީހުން ވެސް މަދެއް ނޫނެވެ.

ނިދާ ބޭސް ކެއުމުން ފަސޭހަ ކަމާ އެކު ނިދުނު ނަމަވެސް، އެހެނިހެން އުދަގޫތަކާ ވެސް ކުރިމަތިލާން ޖެހެ އެވެ. ނިދާ ބޭހުގެ ބައެއް ސައިޑު އިފެކްޓްތަކުގެ ތެރޭގައި ބޮޑުކަމު ދިއުމަށް ދަތިވުން، ކާހިތް ނުވުން ހިމެނެ އެވެ. އަދި އެ ބޭހަށް އެޑިކްޓު ވުމަކީ ވެސް ދިމާވާ މައްސަލައެކެވެ.

ނިދަން އުނދަގޫ ވާނަމަ އޮތް ހަމައެކަނި ހައްލަކީ ނިދާ ބޭސް ކަމުގައި ހީނުކުރާށެވެ. ޓާޓް ޗެރީ (އެންމެ ދޮން ނުވާ ނުވަތަ ކުޑަކޮށް ހުތް ރަހަދޭ ޗެރީ) އަކީ ވެސް އެކަމަށް އޮތް ހައްލެކެވެ. މި ބާވަތުގެ ޗެރީ ތާޒާ ކަމާ އެކު ނުވަތަ ހިއްކައިގެން ނުވަތަ ޖޫސް ތައްޔާރުކޮށްގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

ޓާޓް ޗެރީގައި "މެލަޓޮނިން" ކިޔާ ހޯމޯން އެކުލެވިގެންވެ އެވެ. މެލަޓޮލިން އަކީ އިންސާނުންގެ ސްލީޕިން ސައިކަލް ނުވަތަ ނިދުމާއި ހޭލުން ކޮންޓްރޯލް ކުރާ ހޯމޯން އެވެ. އެ ހޯމޯން އުފައްދައި ދެނީ އިންސާނާގެ ސިކުނޑީގައި ހުންނަ ޕިނިއަލް ގްލޭންޑު އިންނެވެ. ޕިނިއަލް ގްލޭންޑުން ހަށިގަނޑަށް ބޭނުންވާ ވަރަށް މެލަޓޮނިން ނު އުފައްދާ ނަމަ ނިދަން އުނދަގޫ ވާނެ އެވެ.

އެހެންކަމުން ނިދުމުގައި ދަތިތައް ދިމާވާ ފަރާތްތަކުން ޓާޓް ޗެރީ ބޭނުން ކުރާށެވެ. ކުރިންވެސް ފާހަގޮށްލެވުނު ފަދައިން ތާޒާކޮށް ނުވަތަ ހިއްކައިގެން ނުވަތަ ޖޫސް ތައްޔާރުކޮށްގެން ވެސް ޓާޓް ޗެރީ ބޭނުން ކުރެވިދާނެ އެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓު

comment ކޮމެންޓް