ފަތް ޖެހޭ ފަދަ ހަކަތަ އުފައްދައިދޭ ބޮޑެތި ޓާބައިން އެމެރިކާ އިން ހަދަނީ

ފަތް ޖެހޭ ގޮތަށް އެ ޓާބައިންގެ ފިޔަތައް ހެދުމަށް ނިންމާފައިވަނީ އޭގެ ފިޔަތައް 650 ފޫޓަށް ވުރެ ބޮޑުވާނެތީ--- ފޮޓޯ: އެންގެޖެޓް

ބާރު ވައި ޖެހުމުގެ ސަބަބުން ވައިން އިޔާދަކުރަނިވި ހަކަތަ އުފައްދާ ޓާބައިންތައް ހަލާކުވުމުގެ ފުރުސަތު ކުޑަ ކުރުމުގެ ގޮތުން އެތަކެތި ފަތް ޖެހޭ ގޮތަށް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެނާޖީ އިން ބުނެފި އެވެ.

އެ މަޝްރޫއަކީ އެމެރިކާގެ ސަރުކާރުން އެގައުމުގެ 20 ޕަސެންޓަށް 2030ގެ ކުރިން ވައިން ހަކަތަ އިޔާދުކޮށްދީ ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ވައިން ހަކަތަ އިޔާދަ ކުރާ ޓާބައިންތައް ފަތް ޖެހޭ ގޮތަށް ހެދުމަށް ވިސްނާފައި ވަނީ އަލަށް ހެދުމަށް ހަމަޖެހިފައިވާ ޓާބައިންތަކަކީ ވަރަށް ބޮޑެތި އެއްޗެއްސަށްވާނެތީ ކަމަށް ސަރުކާރުން ބުންޏެވެ.

ސެންޑިއާ ނޭޝަނަލް ލެބޯރަޓޮރީސްގެ ރިސާޗަރުން އުފެއްދި ޑިޒައިންގައި އެ ޓާބައިގެ ފިޔަތަކުގައި 650 ފޫޓަށް ވުރެ ބޮޑެތި ފިޔަތަކެއް ހުންނާނެ އެވެ. އެފަދަ ބޮޑު ޓާބައިން އެއް އުފައްދާއިރު އޭގެ ފިޔަތައް ފަތްޖެހޭ ގޮތަށް ނުހަދައިފި ނަމަ އެ ފަސޭހައިން ހަލާކުވެގެން ދާނެ އެވެ.

އެ ލެބޯރަޓޮރީގެ ލީޑް ސައިންޓިސްޓެއް ކަމަށްވާ ޓޮޑް ގްރިފިތު ވިދާޅުވީ އެފަދަަ އެންމެ ޓާބައިން އެއް ހެދުމަށް ވެސް ވަރަށް ބޮޑު ހަރަދެއް ވެގެންދާނެ ކަމަށެވެ. އެހެން ނަމަވެސް އެއިން އެންމެ ޓާބައިން އަކުން ވެސް 10،000 ގެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ޓާބައިން އެއް ބަހައްޓަން ޖެހޭނީ މޫދުގައި ކަމަށާއީ އޭގެ ސަބަބުން އަގު އިތުރަށް ބޮޑު ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މޫދޫގައި އެފަދަ އެއްޗެއް ބައިންދާއިރު މޫދުން ޖެހޭ ވަޔަށް ބަލަން ޖެހޭނެ އެވެ.

"މޫދުގައި އެފަދަ ޓާބައިން އެއް ބައިންދާއިރު ވައި ޖެހޭ ވަރަށް ބަލަން ޖެހޭ. އެގޮތުން ގަޑިއިރެއްގެ ތެރޭގައި 200 މޭލުގެ ބާރުމިނަށް ވައި ޖެހުމަކީ އާންމު ކަމަކަށްވާއިރު އެ ސްޕީޑުގައި ޓާބައިން އެއްލައިގެން ދާނެ. އެހެން ކަމުން އޭގެ ފިޔަތައް ފަތް ޖެހޭގޮތް ހެދުމަކީ ބުއްދިވެރިގޮތް،" ގްރިފިތު ވިދާޅުވި އެވެ.

ޑިޒައިން ހާމަކޮށްފައިވި ނަމަވެސް ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ތަނެއް ސެންޑިއާ އިން ހާމަކޮށްފައެއް ނުވެ އެވެ. އެ ޕްރޮޖެކްޓަކީ އެމެރިކާގެ ޑިފެންސް އެޑްވާންސްޑް ރިސާާޗް ޕްރޮޖެކްޓްސް އޭޖެންސީ (ޑާޕާ) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

comment ކޮމެންޓް