ނާޒިމަށް ފައިސާ ދައްކަން އެއްބަސްވެފައި އޮންނާނީ ކަނބާލިފަރު ވިއްކައިގެން ލިބޭ ފައިސާއިން: ތަސްމީންގެ ވަކީލު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ފަރާތުން ނަގާފައިވާ ފައިސާ އަނބުރާ ދެއްކެވުމަށް ކެންދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެއްބަސްވެވަޑައިގެންފައިވާނީ ށ. ކަނބާލިފަރު ރިސޯޓު ވިއްކާލައިގެން ލިބޭ ފައިސާއިން ކަމަށް އޭނާގެ ވަކީލު މިއަދު ވިދާޅުވެއްޖެ އެވެ.

ތަސްމީންގެ މައްޗަށް ނާޒިމް ދައުވާ ކުރައްވަނީ މިދިޔަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމަށްޓަކައި 2008 ގެ ނޮވެމްބަރު މަހުގެ ތެރޭގައި ތިން ލައްކަ ޑޮލަރު ނެންގެވުމަށްފަހު އަނބުރާ ނުދައްކަވާ ކަމަށް ވިދާޅުވެ އެވެ. ދައުވާގައި ހޯދުމަށް އެދިފައި ވަނީ 1،920،000ރ. އެވެ. އެއީ ތަސްމީން ނުދައްކާ ހުރި ފައިސާ ކަމަށް ނާޒިމް ވިދާޅުވެ އެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގައި ތަސްމީންގެ ވަކީލު ޝަހީމް އަހުމަދު ވިދާޅުވީ ނާޒިމްގެ އަތުން ތަސްމީން ފައިސާ ހޯއްދަވާފައި ވަނީ ވަކި މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނޫން ކަމަށެވެ. އެކަމާ ގުޅޭ އެއްވެސް ޑޮކިއުމެންޓެއް ނެތުމަކީ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ކަނޑައަޅާފައިނުވާ ކަމުގެ ހެއްކެއް ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފައިސާ ދެއްކުމަށް ތަސްމީން އެއްބަސްވެވަޑައިގެންފައި ވަނީ ކަނބާލިފަރު ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

ވަކީލު ވިދާޅުވީ ތަސްމީނަށް ނާޒިމް ފައިސާ ދެއްވި އިރު އެ ދެ ބޭފުޅުންނަކީ ސިޔާސީ ފިކުރު އެއްގޮތް ދެ ބޭފުޅުން ކަމަށެވެ. އެކަމަކު މިހާރު ސިޔާސީ ފިކުރު ބަދަލުވުމުން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތް ނާޒިމަށް ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެ ކަމަށް ވެސް ތަސްމީންގެ ފަރާތުން ވަކީލު ޝަރީއަތުގައި ވިދާޅުވި އެވެ.

ތަސްމީންގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވިދާޅުވީ ތަސްމީންގެ ފަރާތުން ދައްކާފައި އެ ވަނީ ހުސް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ލިޔެކިޔުމެއް ނެތި ތަސްމީނަށް ނާޒިމް ފައިސާ ދީފައި ވަނީ އެ ދެ ބޭފުޅުންނަކީ ކުޑައިރުން ސުރެ ވެސް ވަރަށް ގާތް ދެ ބޭފުޅުންނަށްވުމުން ކަމަށެވެ. އެކަމަކު ވިދާޅުވީ ތަސްމީނަށް ނާޒިމް ފައިސާ ދީފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު