ބާރަށު ދެމަފަރިން، ދަރިފުޅުގެ އިނގިލިތަކަށް ދިރުން އަންނާނެ ކަމުގެ އުންމީދުގައި

ހއ. ބާރަށު ތިބާދޫގެ އަބްދުﷲ އަލީ، 56 ގެ ދިރުއުޅުން ބިނާވެފައި ވަނީ އޭނާ ހިންގާ ސައި ހޮޓަލަށެވެ. މިދިއ ހޮނިހިރު ދުވަހު އޭނާ ހޮޓަލުގެ މަސައްކަތައް ނުކުތް އިރު އަންހެނުން ދަތިން ހަނޑޫ މުގުރަމުން ދެ އެވެ. ގާތުގައި ދެ އަހަރުގެ ދަރިފުޅު މިހާސް އަބްދުﷲ އިނީ ކުޅޭށެވެ. އެއީ މިހާސްގެ އާދެ އެވެ. މަންމަ ހަނޑޫ މުގުރަންޏާ މިހާސް ކުޅެން އިންނަން ބޭނުން ވަނީ ގާތުގަ އެވެ. އެއީ އެ އާއިލާއަށް މިހާތަނަށް އޮތް އުފާވެރި ކަމެކެވެ. ނަމަވެސް މިދިއަ ހޮނިހިރު ދުވަސް އެހެން ދުވަސްތަކާ މުޅިން ތަފާތުވެ، މިހާސްގެ މަންމަޔާއި ބައްޕައަށް ވެސް ސިހުމަކާ އެކު ރޮއްވާލައިފި އެވެ.

"އަހަރެން ދިޔައީ ހޮޓަލުގެ ސަޕްލައިކަންތަކާ ބޭރަށް. އޭރު މިހާސް އިން އޭނަ މަންމަ ހަނޑޫ މުގުރަމުން ދިޔައިރު ދަތި ކައިރީގައި ކުޅެން،" އަބްދުﷲ ބުންޏެވެ.

އަބްދުﷲ ބުނާ ގޮތުން ނަމަ އޭނާއަށް ގެއަށް އާދެވުނު އިރު ގޭތެރޭ "ފޮޓޯ" އޮތީ މުޅިން ބަދަލުވެފަ އެވެ. އޭނާ ނުކުމެގެންދިޔައިރު ކުޑަކުޑަ ދެއަތުން ކުޅެން އިން މިހާސްގެ އަތް އޮތީ އަންހެންން ގެންގުޅޭ ހަނޑޫ މުގުރާ ކަރަންޓް ދަތީގެ ތެރޭގައި ތާށިވެފަ އެވެ. ދަތީގެ އިންޒާރުގެ ރަތް ބޮކި ހުރީ ދިއްލިފަ އެވެ. ބޯބޯ މަތިން މީހުން އޮތީ ޖަމާވެފަ އެވެ.

"އިރުއޮއްސުނު ގަޑީގެޔަށް އައިއިރު މިއުޅެނީ މީހުންތަށް ޖަމާވެގެން. އޭރު ދަރިފުޅުގެ އަތް އޮތީ އެނބުރި އެބުރި ހުރި ހަނޑޫ މުގުރާ ކަރަންޓް ދަތިތެރޭ ތާށިވެފައި،"

ހަނޑޫ މުގުރާ ދައްތާ ހަމައަށް މިހާސްގެ އަތް ދިޔައީ އޭނާގެ މަންމަ ހަނޑޫ މުގުރައި ނިންމާލުމަށްފަހު ދަތިން ކަރަންޓް ކަނޑައިލަން ތެދުވެ ސްވިޗަށް އޮބައިލުމުގެ ހިނދުކޮޅެއް ކުރިންނެވެ. ބާރު ސްޕީޑްގައި އެންބުރި އެނބުރި އިން ދަތީގައި މިހާސްގެ އަތް ލި ވަގުތު ކުޑަކުޑަ އަތް ހައްޔަރުވެ އިނގިލިތައް ޗިސްވީ އެވެ.
އަބްދުﷲ ބުނީ ދަރިފުޅުގެ އަތް މެޝިނުގައި ތާށިވުމުން ލަސް ނުކޮށް އެ ދައްޗާއެކު ސިއްހީ މަރުކަޒަށް ދިޔައީ ރޮމުން ކަމަށާއި މަރުކަޒުގެ ލަފާގެ މަތިން ދަތުރުކޮށް ހދ. ކުޅުދުއްފުށީ ސިއްހީ މަރުކަޒަށް ދެމަފިރިން ދިޔުމުން ލިބުނު ހަބަރު ވެސް ވީ އިތުރު ވޭނަކާ ހިތާމައަކަށް ކަމަށެވެ.

"އަޅުގަނޑުމެން ކުޅުދުއްފުއްޓަށް ދިޔައިމަ ދަތި ނައްޓުވާލީ އާލާތެއް ބޭނުންކޮށްގެން ގޮތެއް ހަދާފައި. އަދި އެންމެ ފުރަތަމަ އުޅުނީ ގްރޭންޑަރެއް ބޭނުންކޮށްގެން ދަތި ހަލާކުކޮށްލައިގެން އަތް ނަގަން. އެކަމަކު ހޫނުވެގެން އަތް ފިހި އިތުރަށް ގޯސްވެދާނެތީ އެހެން ނެހެދީ. ދެން އަތް ބަލާފައި ބުނީ އޭރު ފެންނަން ހުރި ގޮތުން އިގިލިތައް ބުރިކޮށްލަން ޖެހިދާނޭ،" އަބްދުﷲ ބުންޏެވެ.

އެކަމާ އަބްދުﷲ އާއި އޭނާގެ އަންހެނުންގެ ހިތެއް ހަމައެއް ނުޖެހުނެވެ. މާޔޫސްވި އެވެ. އެހިސާބުން ބޭނުންވީ މާލެ އަންނާށެވެ. އޭރުވެސް ވިސްނެމުންދިޔައީ ދަރިފުޅަށް ވާނެ ގޮތަކާއި ދަރިފުޅުގެ އަތް ދެން އޮންނާނެ ގޮތާމެދު އެވެ. މާލެ އައިސް އައިޖީއެމްއެޗްގައި ދަރިފުޅު ބޭއްވި އިރުވެސް އަބްދުﷲގެ ދެމަފިރިންގެ ހައްޓަކު "ހެއެއް" ނެތެވެ. މައްސަލައަކަށްވީ ކުޅުދުއްފުށީ ހޮސްޕިޓަލުން ދިން އިންޒާރެވެ. ދަރިފުޅުގެ އަތުގެ އިނގިލތައް ބުރިކުރަން ޖެހިދާނެތީ އެވެ.

ހާސް ކަމާއި ވާނުވާ ނޭނގުމުގެ ވަގުތުތަކަށް ފަހު އައިޖީއެމްއެޗުގައި އޮޕަރޭޝަނެއްކޮށް ޑޮކްޓަރުން ވަނީ މިހާސްގެ އަތް ގާތްގަނަޑަކަށް "ނޯމަލް" ކޮށްދީފަ އެވެ.

"އޮޕަރޭޝަނަށް ފަހު ޑޮކަޓަރުން މިހާރު ބުނެފައި އޮތީ ސަހާދަތް އިނގިލި ނޫނީހުރިހާ އިނގިއްޔެއް ސަލާމަތް ވެއްޖޭ. އެކަމަކު އެ އިނގިއްޔަށް ވެސް ދިރުން ލިބެންދެން މަޑު ކުރާނިއްޔޭ. އަދި އުންމީދު އެބަ އޮތޭ،" ދަރިފުޅު މިހާސް ގާތުގައި އިނދެގެން އަބްދުﷲ ބުންޏެވެ.
ނުރައްކާތެރި އެކުސިޑެންޓްގައި ކުޑަކުޑަ މިހާސްގެ ކަނާތު އަތުގެ ހުރިހާ އިނގިއްޔެއްގެ ކަށިތައް ޗިސްވެ އާއިލާ ހިތާމައިގެ ތެރެއަށް ގެންދިޔައަސް މިހާސްގެ މަންމަޔާއި ބައްޕަ މިހާރު ތިބީ ކުރިއެކޭވެސް އެއްގޮތަށް ދަރިފުޅުގެ ކުދިކުދި އެ އިނގިލިތަކަށް ދިރުން އަންނާނެ ކަމުގެ ފޮނި އުންމީދު އާކޮށްގެނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް