ލޮލުގެ ރިހުމުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތައް

ލޮލުގައި ރިއްސުމަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިއަން މީހުންނަށް ދިމާވެފައިވާ މައްސަލައެކެވެ. ޝައްކެއްވެސް ނެތެވެ. ލޮލުގައި ރިއްސަން މެދުވެރިވަނީ ދިރިއުޅުން ބައްޓަން ވެފައި އޮންނަ ގޮތަކުންނެވެ. ނުވަތަ އަދާ ކުރަން ޖެހޭ ވަޒީފާއެއްގެ ސަބަބުންނެވެ.

ލޮލުގައި ރިއްސުމާއި ލޯ ފުސްވުން ނުވަތަ ލޯ ވަރުބަލި ވުމުގެ މައްސަލަ އާއްމުކޮށް ދިމާވަނީ ކިޔަވާކުދިންނާއި ގިނަ ވަގުތު ކޮމްޕިއުޓަރު ނުވަތަ ޓީވީ ކައިރި ތިބޭ މީހުންނަށެވެ.

އެހެންނަމަވެސް ޓެކްނޮލޮޖީ މިހާ ކުރިއަރާފައިވާ ޒަމާނެއްގައި ކޮމްޕިއުޓަރާ ނުލައި މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއްވެސް ނޫނެވެ. އަދި އެއީ ގިނަ މީހުންނަށް ކުރެވޭނެ ކަމެއްވެސް ނޫނެވެ.

އެހެންކަމުން ލޮލުގައި ރިއްސުމާއި ލޯ ވަރުބަލިވުމުން ރައްކާތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުން ވަރަށް މުހިއްމެވެ.

ލޮލަށް ބްރޭކް ދިނުން

ކޮންމެ 20 މިނެޓަކުން އެއް ފަހަރު ތިބާގެ ލޯ ކޮމްޕިއުޓަރުގެ ސްކްރީން ނޫން އެހެން ދިމާލަކަށް އަމާޒު ކުރާށެވެ. އެގޮތުން 20 ވަރަކަށް ސިކުންތު ވަންދެން 20 މީޓަރު ދުރުގައި ހުންނަ އެހެން އެއްޗަކަށް ލޯ އަމާޒު ކުރާށެވެ. ބޭނުން ނަމަ އިރުކޮޅެއް ވަންދެން ލޯ މަރާލައިގެންވެސް ހުރެވިދާނެއެވެ.

ލޯ ރިލެކްސް ކުރުމަށް ކަސްރަތު ކުރުން

ލޮލުގެ މަސްތައް ރިލެކްސް ކުރުމަށް ކަސްރަތު ކުރާށެވެ. އަދި ލޯ މެރުމަށްފަހު ދިގުނޭވާ އެއް ލާށެވެ. އަދި ސިކުންތު ކޮޅަކަށް ނޭވާ އެގޮތުގައި ހިފަހައްޓާށެވެ. އެއަށްފަހު ނޭވާ ދޫކޮށްލާށެވެ. 15-30 ސިކުންތުވަންދެން މި ކަސްރަތު ކުރިއަށް ގެންދާށެވެ. އަދި ދުވާލަކު ދެތިން ހަތަރު ފަހަރު މި ކަސްރަތު ރިޕީޓު ކުރާށެވެ.

އެކަށީގެންވާ އައިނެއް އެޅުން

އައިނެއް އަޅާއިރު ނުވަތަ ލެންސެއް ލައްވާއިރު އެއީ ކޮމްޕިއުޓަރު ކައިރީ މަސައްކަތް ކުރަން އެންމެ އެކަށީގެންވާ އައިނުތޯ ނުވަތަ ލެންސުތޯ ޔަގީން ކުރާށެވެ. ސަބަބަކީ ގިނަ އައިނުތަކާއި ލެންސުތައް ހާއްސަކޮށްފައި ހުންނަނީ ފޮތް ކިޔުމަށެވެ. ކޮމްޕިއުޓަރު ކައިރީގައި މަސައްކަތް ކުރާކަށް ނޫނެވެ.

ގިނަގިނައިން އެސްފިޔަ ޖެހުން

ކޮމްޕިއުޓަރު ކައިރީ މަސައްކަތް ކުރާއިރު އެސްފިޔަ ޖެހުން މަދުވެއެވެ. އެހެންކަމުން ގިނަގިނައިން އެސްފިޔަ ޖަހަން އާދަ ކުރާށެވެ. ގިނައިން އެސްފިޔަ ޖެހުމުން ލޯ ސާފުކޮށްދީ ތާޒާ ކޮށްދޭނެއެވެ. އަދި ލޯ މޮއިސްޓް ކުރުމަށް ބޭނުންވާ ކަރުނަ އުފައްދައި ދޭނެއެވެ.

އާޓިފިޝަލް ޓިއާ ޑްރޮޕްސް ބޭނުން ކުރުން

ގިނަ ވަގުތު ކޮމްޕިއުޓަރު ކައިރީ އިނުމަކީ ލޯ ހިކުމަށް މެދުވެރިވާ ކަމެކެވެ. އެހެންކަމުން ލޯ ހިކުމުން ސަލާމަތް ވުމަށް އާޓިފިޝަލް ޓިއާ ޑްރޮޕްސް ބޭނުން ކުރެވިދާނެއެވެ. އެހެންނަމަވެސް ޓީއާ ޑްރޮޕްސް ބޭނުން ކުރުމުން ލޯ ރަތް ވެ އެފަދަ އެހެނިހެން މައްސަތައް ދިމާވާނަމަ އެ ޑްރޮޕްސް ބޭނުން ކުރުން ހުއްޓާލާށެވެ. އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކާށެވެ.

މައުލޫމާތު: ހެލްތުޑައިޖެސްޓު

comment ކޮމެންޓް