"ދަތް" ހުރި، "ލޯ ކަނު" ގާނޫނެއް!

މީގެ ދުވަސްކޮޅެއް ކުރިން ކްރިމިނަލް ކޯޓަށް އުމުރުން 70 އަހަރަށް ވުރެ މަތީ ފިރިހެނަކު ގެންދިޔަ އެވެ. އޭނާގެ ކުށަކީ ނުކުޅެދޭ ހާލުގައި ހުރި އޭނާގެ އަމިއްލަ ދަރިފުޅާމެދު ގަދަކަމުން ޖިންސީ ގޯނާ ކުރުމެވެ. ދާދިފަހުން މަންމައަކު ކޯޓަށް ގެންދިޔައީ އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ލައްވައި ގަދަކަމުން ހަށިވިއްކި މައްސަލައެއްގަ އެވެ. މި ހާދިސާތަކަށް ވިސްނައިލުމުން ވެސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްސަލަ ބޮޑު ވަބާއަކަށްވެފައިވާކަން އެނގެ އެވެ. އެމީހުންނާމެދު ހާއްސަ އުސޫލަކުން ބަލައި ފިޔަވަޅު އަޅަންޖެހޭކަން އެނގެ އެވެ.

"ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނު" ހަދަންޖެހުނީ ވެސް އަނިޔާވެރިކަމުގެ އިންތިހާ ދަރަޖައަށް އެންމެ އަށް މަހުގެ ތުއްތު ކުއްޖެއް މަރާލި މައްސަލައެއްގަ އެވެ. އެ ގާނޫނުގެ މަގްސަދަކީ ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭ މީހުންނަށް ފަސޭހައިން އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. ދެ ވަނަ ފަހަރަށް އެފަދަ މީހަކަށް ކުށެއް ނުކުރާނެ ވަރުގެ އެކަށީގެންވާ ވަރުގެ އަދަބެއް ދިނުމެވެ. އެކަމަކު ގާނޫނަށް ދެ އަހަރުވެފައިވާއިރު މި މަގްސަދު ހާސިލްވަމުންދާ ކަމާމެދު ސުވާލު އުފެދެ އެވެ.
~
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނު ދިރާސާ ކުރައްވާ ގާނޫނީ ވަކީލު އިސްމާއިލް ވިޝާމް ދެކެވަޑައިގަންނަވާ ގޮތުގައި އެއީ ވަރަށް ފުރިހަމަ ގާނޫނެކެވެ. ވަރަށް ތަފްސީލުކޮށް މި ގާނޫނުގެ ދަށުން އަދަބު ދެވޭނެ ކުށްތައް ބަޔާންކޮށް އެ ކުށްތައް ކެޓަގަރައިޒް ކޮށްފައިވާ ކަމަށް ވިޝާމް ވިދާޅުވެ އެވެ. އަދި އެންމެ ކުޑަ މިނުން ޖިންސީ ޝިކާރައަކަށްވާ ކުޑަކުއްޖަކަށް މަދަނީ މިންގަނޑުތަކުން ބަދަލުދެވޭނެ ގޮތްތައް ވެސް ބަޔާންކޮށްފައިވާ ކަމަށް ވަކީލު ވިދާޅުވެ އެވެ. އެކަމަކު މި ހުރިހާ ކަމެއް ފުރިހަމައަށް އޮތް ނަމަވެސް އެ ގާނޫނުގެ އެންމެ މާއްދާއެއްގެ ސަބަބުން މުޅި ގާނޫނަށް ބޮޑު ހީނަރު ކަމެއް އައިސްފައިވާ ކަމަށް ވިޝާމް ދެކެވަޑައިގަންނަވަ އެވެ.

"ގާނޫނުގެ 47 ވަނަ މާއްދާގައި ދީފައި މި އޮންނަނީ ހެކީގެ ބާވަތުގެ ލިސްޓެއް ދީފައި. ދެން މި ބުނަނީ މަދުވެގެން މިއިން ފަސް ބާވަތެއްގެ ހެކި ހުރިއްޔާއޭ މި ގާނޫނުގެ ދަށުން ކުށެއް ސާބިތުވާނީ. ދެ ބާވަތެއް ނުވަތަ ތިން ބާވަތެއް ނުވަތަ ހަތަރު ބާވަތެއްގެ ހެކި ހުއްޓަސް ކުށެއް ސާބިތެއް ނުވޭ. ހަމަ ފަސް ބާވަތެއްގެ ހެކި އެބަ ޖެހޭ ހުންނަން،" މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދުގެ ލޯ ފާމްފައި މަސައްކަތް ކުރައްވާ ވަކީލު ވިދާޅުވި އެވެ. "އަޅުގަނޑު ދެކޭ ގޮތުގައި މި މާއްދާގެ ސަބަބުން މުޅި ގާނޫނަށް ބޮޑު ހީނަރުކަމެއް އެބަ އާދޭ."

ވިޝާމް ވިދާޅުވީ ޖިނާއީ މިންގަނޑުތަކުން ބަލާއިރު މިސާލަކަށް އެއް ފޮރެންސިކް ހެކި ލިބިފައި މަންޒަރު ލޮލުން ދުށް މީހެއްގެ ހެކި ލިބިއްޖެ ނަމަވެސް ކުށް ސާބިތު ކުރެވޭނެ ކަމަށެވެ. އެކަމަކު މި ގާނޫނުގެ ދަށުން އެކަމަށް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މާއްދާ ގާނޫނުގެ މަގްސަދާ ފުށުއަރާ ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިސާލަކަށް ފޮރެންސިކް ހެއްކަކާއި ލޮލުން ފެނުނު ދެ މީހެއްގެ ހެކިބަސް ލިބުނީ. އެހެންވެއްޖެ ނަމަ ނޯމަލް ޕްރޮސީޖާއިން އެ މައްސަލަ ބަލައިފި ނަމަ ސާބިތު ކުރެވިދާނެ. އެކަމަކު މި ގާނޫނުގައި ބުނެފައި މި ވަނީ ފަސް ބާވަތެއްގެ ހެކި ހަމަވާންޖެހޭނެ ކަމަށް. އެހެންވީމަ އެއްކަލަ މައްސަލަ ސާބިތެއް ނުކުރެވޭނެ،" ވަކީލު ވިދާޅުވި އެވެ.

ވިޝާމް ވިދާޅުވީ މިފަދަ ހާއްސަ ގާނޫނުތައް ދައުލަތުން ހަދަނީ ފަސޭހައިން ކުށް ކުރާ މީހުންގެ މައްޗަށް އިންސާފު ގާއިމް ކުރުމަށް ކަމަށެވެ. އަދި ތުހުމަތު ކުރެވޭ މީހުންނަށް ލިބިދޭ ބައެއް އަސާސީ ހައްގުތައް ހަނި ކުރުމަށްފަހު ހަދާ މިފަދަ ގާނޫނުތައް ހަދަނީ ހުރިހާ ރައްޔިތުންގެ ފައިދާއަށް ކަމަށްވާއިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނު އެންމެ މާއްދާއެއްގެ ސަބަބުން ކުށް ސާބިތު ކުރުމަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ވަކީލު ވިދާޅުވީ އެ ގާނޫނުގެ ދަށުން ކުށެއް ސާބިތު ކުރާނަމަ ބަލަންޖެހޭނީ ހަމައެކަނި އެ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށް ބަޔާންކޮށްފައިވެ އެވެ. އެހެންކަމުން އެހެން ގާނޫނެއް ނުވަތަ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަލާނެ ގޮތް ބަޔާންކޮށްފައި އޮތް ނަމަވެސް މި ގާނޫނުގެ ދަށުން ކުށެއް ސާބިތު ކުރާ ނަމަ އެއްކަލަ ލިސްޓުގެ ތެރެއިން ފަސް ކަމެއް ސާބިތު ކުރަންޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމުގެ ގާނޫނު ހަދާފައި ވަނީ ބޮޑު މައްސަލައަކާ ގުޅިގެން، މާތް މަގްސަދެއްގަ އެވެ. އެކަމަކު ވިޝާމް އެ ފާހަގަ ކުރައްވާ ގޮތުން ނަމަ ގާނޫނަށް އެބަ އުނިކަމެއް އާދެ އެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރާ މީހުންނަކީ މުޖްތަމައުން ދުރުހެލި ކުރަންޖެހޭ ބަޔެކެވެ. އެކަމަކު އެމީހުން މުޖްތަމައުން ދުރު ކުރުމުގައި ފަސޭހަ ވާނީ ގާނޫނުގައި މި ވާ "ބާގަނޑު" ފޫބައްދައިގެނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް