ހަނދާނުގެ ބައި ރަނގަޅު ކޮށްދޭ 12 ކާނާ!

ހަނދާނަކީ އިންސާނަކު ދިރިހުރުމަށް ޓަކައި ކޮންމެހެން މުހިއްމު އެއްޗެކެވެ. ހަނދާން ނެތުން ނުވަތަ ހަނދާނުގައި ބައި ދަށް ވެއްޖެ ނަމަ ދިރިއުޅުމުގައި އެތަކެއް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހެ އެވެ.

ތިބާ އަކީ ހަނދާނުގެ ބައި ބަލި ނުވަތަ ހަނދަން ނެތުމުގެ މައްސަލަތައް ދިމާވާ މީހެއް ނަމަ އެކަންކަން ރަނގަޅު ކުރުމަށް ބައެއް ވައްތަރުގެ ކާނާ ބޭނުން ކުރެވިދާނެ އެވެ.

މަސް

މަހުގެ ތެރެއިން ވެސް ހާއްސަ ގޮތެއްގައި ތެޔޮ މަސްތަކުގައި ގިނަ އަދަދަކަށް ޑީއެޗްއޭ އެކުލެވިގެން ވެ އެވެ. ޑީއެޗްއޭ އަކީ އޮމެގާ-3 ފެޓީ އެސިޑުގެ ބާވަތަކެވެ. އެ މާއްދާ އަކީ ސިކުނޑީގެ ސެލްތަކުގެ ރައްކާތެރިކަމާއި ސިއްހަތަށް ވަރަށް މުހިއްމު މާއްދާއެކެވެ. މެކެރެލް، ޓޫނާ ސަލްމަން ސާޑައިންސް ފަދަ މަސްތަކަކީ ޑީއެޗްއޭ ގިނަ އަދަދަކަށް އެކުލެވޭ މަސްމަހެވެ.

ވޯލްނަޓްސް

ވޯލްނަޓު ކެއުމުން ސިކުނޑީގައި މައުލޫމާތު ރައްކާކޮށް ދިނުން އިތުރުކޮށްދެ އެވެ. އޭގައި އޮމްގާ-3 އެސިޑު އެކުލެވިގެން ވެ އެވެ. ހަމައެހެންމެ ވޯލްނަޓުގައި ވިޓަމިން އީ ވެސް ގިނަ އަދަދަކަށް އެކުލެވިގެން ވެ އެވެ. ވިޓަމިން އީ އަކީ ވަރަށް ބާރުގަދަ އެންޓި އޮކްސިޑެންޓެކެވެ. އެހެންކަމުން ވޯލްންޓު ކެއުމުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ ސިކުނޑި ރައްކާތެރި ކޮށްދެއެވެ.

އާމަންޑު

ވޯލްނަޓް އެކޭ އެއްފަދައިން އާމަންޑުގައި ވެސް ގިނަ އަދަދަކަށް އޮމެގާ-3 އެސިޑެއް ކަމަށްވާ އޭއެލްއޭ އެކުލެވިގެންވެ އެވެ. ހަމައެހެންމެ ރެޑިކަލްސް އާ ހަނގުރާމަ ކުރާ ވިޓަމިން އޭ ވެސް އާމަންޑުގައި އެކުލެވިގެންވެ އެވެ. އޭގެ އިތުރުން ނާރުގެ ނިޒާމަށް މުހިއްމު މާއްދާ އެއް ކަމަށްވަ ވިޓަމިން ބީ 6 ވެސް އާމަންޑުގައި އެކުލެވިގެންވެ އެވެ.

ބަރަބޯ އޮށާއި ފްލެކްސް އޮށް

ސިކުނޑީގެ ވަރުގަދަ ކަމާއި ސިކުނޑީގެ ސިއްހަތަށް މުހިއްމު މާއްދާއެއް ކަމަށްވާ އޭއެލްއޭ(އޮމެގާ-3 ފެޓީ އެސިޑު) ބަރަބޮލުގެ އޮށާއި ފްލެކްސް އޮށުގައި ގިނަ އަދަދަކަށް އެކުލެވިގެންވެ އެވެ. އަދި ހަނދާނުގެ ބައި ރަނގަޅުކޮށްދޭ މާއްދާއެއް ކަމަށްވާ ޒިންކު ވެސް އެ ދެއޮށުގައި އެކުލެވިގެންވެ އެވެ.

އެވޮކާޑޯ

ސިކުނޑީގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދޭ ފެޓީ އޮއިލް އެވޮކާޑޯގައި އެކުލެވިގެންވެ އެވެ. ހަމައެހެންމެ އެވޮކާޑޯ އަކީ ލޭ ދައުރުވުމަށް ވެސް އެހީތެރިވެދޭ މޭވާއެކެވެ. އެ މޭވާ ކެއުމުން ސިކުނޑިއަށް ބޭނުންވާ މުހިއްމު މާއްދާތަކާއި އޮކްސިޖަން ފަސޭހަ ކަމާއެކު ސިކުނޑިއަށް ފޯރުކޮށް ދެވެ އެވެ.

ބްލޫބެރީސް

ބުލީ ބެރީ އަކީ އެންޓިއޮކްސިޑެންޓުތަކުން މުއްސަނދި ވެފައިވާ މީރު މޭވާ އެކެވެ. އެ މޭވާ އަކީ ގޮތް ނިންމުމުގެ ހުނަރާއި ވިސްނުން ރަނގަޅުކޮށްދޭ މޭވާ އެކެވެ. ހަމައެހެންމެ ބްލޫބެރީ ކެއުމުން ކޮމްޕްރިހެންސަން އާއި ހިސާބު ހެދުމުގެ ހުނަރު ކުރިއަރުވަ އެވެ. އެހެންކަމުން އެއީ ކިޔަވާ ކުދިންނަށް ވަރަށް މުހިއްމު މޭވާ އެކެވެ.

ޑާކު ޗޮކްލެޓު

ޑާކު ޗޮކެލަޓަކީ ވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވިގެންވާ ކާނާ އެކެވެ. ޑާކު ޗޮކްލެޓު ކެއުމުން ސިކުނޑީގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދޭނެ އެވެ.

ފިޔާ

ހަނދާނުގެ ބައި ގަދަ ކުރަން ބޭނުން ނަމަ ފިޔަލަކީ ވެސް ވަރަށް މުހިއްމު ތަރުކާރީއެކެވެ. އެގޮތުން ކެއްކުމުގައްޔާއި އެކި ވައްތަރުގެ ކާނާ ތައްޔާރު ކުރުމުގައި ގިނަ އަދަދަކަށް ފިޔާ ބޭނުން ކުރާށެވެ. ފިޔަލުގައި އެންތޮސިޔަނީން އާއި ކުއާސެޓިން ނަމަކަށް ކިޔާ ދެ އެންޓޮއޮކްސިޑެންޓެއް އެކުލެވެ އެވެ. އެ ދެ އެންޓޮއޮކްސިޑެންޓަކީ ސިކުނޑީގެ ސެލްތައް ހަލާކު ވުމުން ރައްކާތެރިކޮށްދޭ ދެ އެންޓޮއޮކްސިޑެންޓެކެވެ.

އާފަލު

ފިޔައެކޭ އެއްގޮތަށް އާފަލުގައި ވެސް ކުއާސެޓިން އެކުލެވިގެން ވެއެވެ. ދިރާސާ ކުރާ ފަރާތްތަކު ބުނަނީ، ކުއާސެޓިން އަކީ ހަނދާން ނެތޭ ބަލި ނުވަތަ އަލްޒައިމާ ބަލީގެ ކުރީކޮޅުގައި ފަރުވާ ދިނުމަށް ވަރަށް މުހިއްމު މާއްދާއެއް ކަމަށެވެ.

ބީޓު ރޫޓް

ބީޓުރޫޓަކީ ވެސް ހަނދާނުގެ ބައި ރަނގަޅު ކުރުމަށް އެހީތެރިވެދޭ ތަރުކާރަިއެކެވެ. ބީޓުރޫޓު ގައި ގިނަ އަދަދަކަށް އަޔަން ނުވަތަ ދަގަނޑުގެ ބައި އެކުލެވެ އެވެ. މިކަމުގެ ސަބަބުން ލޭގައި ހީމޯގްލޯބިން އިތުރުކޮށް ސިކުނޑިއަށް އޮކްސިޖަން ފަސޭހަކަމާއެކު ފޯރުކޮށްދެ އެވެ.

މާމުއި

މާމުއިގައި ވެސް ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓު އެކުލެވެ އެވެ. މާމުއި ބޭނުން ކުރުމުން ހަށިގަނޑަށް ހަކަތަ ލިއްބައި ދެ އެވެ. ހަމައެހެންކަމުން މާމުއި ބޭނުން ކުރުމުން ސިކުނޑި ވަރުބަލިވުމުން ދުރުކޮށްދީ، ސިކުނޑީގެ ސެލްތަކަށް ގެއްލުން ލިބޭ މިންވަރު ދަށްކޮށްދެ އެވެ.

ފެން

ފެން ތަށްޓެއް ބުއިމުން ސިކުނޑިއަށް ތާޒާ ކަމާއި ހަކަތަ ލިބިދެ އެވެ. އަދި ވިސްނުން ރަނގަޅުކޮށްދީ ހަނދާނުގެ ބައި ވަރުގަދަކޮށްދެ އެވެ. ހަމައެހެންމެ ކަމަކާ މެދު ވިސްނާއިރު އުފެދިފައިވާ އޮޅުން ބޮޅުންތަކުން ވެސް ފެން ބުއިމުން ދުރުކޮށްދޭނެ އެވެ.

އެހެންކަމުން ހަނދާނުގެ ބައި ރަނގަޅު ކުރުމަށް މަތީގައި ބަޔާންވެދިޔަ އެކި ވައްތަރުތަކުގެ ކާނާ ކެއުން ވަރަށް މުހިއްމެވެ.

މައުލޫމާތު: ހެލްތު ޑައިޖެސްޓް

comment ކޮމެންޓް