އަހަރާއި 40 އަހަރުވުމުން ދޭ ޕެންޝަން އަންނަ މަހުން ފެށިގެން ނުދޭ ގޮތަށް ސީއެސްސީން ނިންމައިފި

19:00


20 އަހަރާއި 40 އަހަރު މަސައްކަތް ކުރުމުން، ދެމުން އަންނަ ޕެންޝަން އަންނަ މަހުން ފެށިގެން ނުދެވޭނެ ކަމަށް ސިވިލްސާރވިސް ކޮމިޝަނުން ބުނެފި އެވެ.


ސިވިލް ސާރވިސް ކޮމިޝަން ސީއެސްސީން ނެރެފައިވާ ސާރކިއުލާއެއްގައި ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕެންޝަން ސްކީމްތައް ގާއިމުކޮށް ހިންގުމަށް ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ހިދުމަތުގައި 20 އަހަރާއި 40 އަހަރު ވުމުން ސީއެސްސީން ދެމުން އަންނަ ޕެންޝަން ދިނުން ހުއްޓާލަންޖެހޭނެ ކަމަށް އެ ކޮމިޝަނަށް ބަންޑާރަ ނައިބު ހުސްނުއްސުއޫދު ލަފާ ދެއްވާފައިވާ ކަމަށް ވެސް އެ ސާކިއުލާގައިވެ އެވެ.


ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ ވަޒީފާ އަދާކުރާ މުވައްޒަފުން މޯލްޑިވްސް ޕެންޝަން އެންޑް ރިޓަޔަމަންޓް ސްކީމުގައި ބައިވެރިކުރަންޖެހޭ ތާރީހަކީ އަންނަ މަސް ކަމުގައި މޯލްޑިވްސް އެޑްމިނިސްޓްރޭޝަން އޮފީހުން އެ ކޮމިޝަނަށް އަންގާފައިވާތީ 3 އޭޕްރީލް ގެ ފަހުން ހިދުމަތަށް 20 ނުވަތަ 40 އަހަރު ފުރޭ ސިވިލް ސާވިސްގެ މުވައްޒަފުންނަށް ޕެންޝަން ނުދެވޭނެ އެ ސާކިއުލާގައިވެ އެވެ.


އެ ސާކިއުލާގައި ބުނެފައި ވަނީ މެއި މަހުން ފެށިގެން ޕެންޝަން އެންޑް ރިޓަޔަމަންޓް ސްކީމުގައި ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ވެސް ބައިވެރި ކުރާނެ ކަމަށާއި ޕެންޝަން ދިނުން ހުއްޓާލި ނަމަވެސް ވަކި ގޮތެއް މުސްކުޅި ކުރާ މުވައްޒަފުންނަށް ދޭ އިނާޔަތްތައް އެ ކޮމިޝަނުން ދެމުން ގެންދާނެ ކަމަށެވެ.


ސިވިލްސާރވިސް ކޮމިޝަންގެ މެންބަރު މުހައްމަދު ފަހުމީ ހަސަން ވިދާޅުވީ، ގާނޫނަކުން ހަމަޖެހެންދެން މުސްކުޅި ކުރާ މުވައްޒަފުންނަށް ސީއެސްސީން އިނާޔަތެއް ދޭންޖެހޭނެ ކަމަށް ސީއެސްސީގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ބުނާ ގާނޫނަކީ ޕެންޝަނާ ބެހޭ ގާނޫނުކަން ނުވަތަ ނޫންކަން އަދި މުޅިން ސާފުނުވާތީ ވަކި ގޮތަކަށް އެކަން ހަމަޖެހެންދެން ފިނޭންސް މިނިސްޓްރީއާ ސީއެސްސީން އެއްބަސްވާ އުސޫލެއްގެ ދަށުން މުސްކުޅި ކުރާ މުވައްޒަފުންނަށް އިނާޔަތް ދެމުން ގެންދާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.


މީގެ އިތުރުން ވެސް އެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ މެއި މަހުގެ ކުރިން ޕެންޝަން ލިބިފައިވާ ނަމަވެސް ފައިސާ ނުލިބިވާ މުވައްޒަފުންނާއި އެ މުވައްޒަފެއްގެ އޮފީހުން ދާއިރާގެ މަސްއޫލު އޮފީސްތައް މެދުވެރިކޮށް މެއި 30 ގެ ކުރިން ސީއެސްސީ އަށް އެންގުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު