ފޭސްބުކްގެ އެންމެ މަގުބޫލު ލީޑަރަކީ ރައީސް އޮބާމާ، ދެވަނަ އަށް ބޮޑުވަޒީރު މޯދީ!

އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --

ބައިނަލްއަގުވާމީ ޕަބްލިކް ރިލޭޝަންސް ކުންފުންޏެއް ކަމަށްވާ ބާސަން މާސްޓެލާ އިން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ފޭސްބުކްގައި އެންމެ މަޝްހޫރު ލީޑަރަކީ އެމެރިކާގެ ރައީސް، ބަރަކް އޮބާމާ އެވެ.

ދުނިޔޭގެ ލީޑަރުންގެ ނުވަތަ ސަރުކާރު އޮފީސްތަކުގެ ރަސްމީ ޕޭޖަށް ލިބިފައިވާ 'ލައިކްސް'ގެ މިންވަރަށް ބަލައިގެން ހެދި ދިރާސާ އިން ދެއްކީ 46.4 މިލިއަން ލައިކްސްއާ އެކު ފޭސްބުކްގެ އެންމެ މަގުބޫލު ލީޑަރަކީ ބަރަކް އޮބާމާ ކަމަށެވެ. އަދި 31.7 ލައިކްސްއާ އެކު ދެވަނަ އަށް އެންމެ މަގުބޫލު ލީޑަރަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށެވެ.

ފޭސްބުކްގެ އެންމެ ގިނަ ލައިކްސް ލިބިފައި ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ޕޭޖަށް --

އެ ދިރާސާގައި ސަރުކާރުގެ އޮފީސްތަށް ވެސް ހިމަނާފައި ވުމުން، ލިސްޓުގެ ތިން ވަނައިގައި އޮތީ އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހެވެ. އަދި ހަތަރު ވަނަ އާއި ފަސް ވަނަ ލިބިވަޑައިގަތީ ތުރުކީގެ ރައީސް، ރަޖަބު ތައްޔިބު އުރުދުޣާން އަށާއި އިންޑޮނޭޝިއާގެ ރައީސް، ޖޯކޯ ވިޑޯޑޯ އަށެވެ.

ފާއިތުވި އަށް އަހަރު ތެރޭގައި ފޭސްބުކް ވަނީ ގައުމުގެ އިސް ފަރާތްތަކުން ކެމްޕެއިން ކުރުމަށާއި ރައްޔިތުންނާއި މުއާމަލާތް ކުރުމަށް މުހިއްމު ވަސީލަތަކަށްވެފަ އެވެ. މިއަހަރުގެ ޖެނުއަރީއާ ހަމައަށް ދުނިޔޭގެ ހުރިހާ ލީޑަރުންގެ ފޭސްބުކް ޕޭޖްތަކަށް ލިބިފައިވާ ލައިކްސްގެ އަދަދު 230،489،257 އަށް އަރަ އެވެ. (ނޫސްއޭޖެންސީތައް)

comment ކޮމެންޓް