ދުނިޔޭގެ މަގުބޫލުކަން ބިލް ހޯދައިފި، ބިލްހެން އުޅެބަލަ!

ބީ ލައިކް ބިލް ފޭސްބުކް ޕޭޖް

މިހާރަކަށް އައިސް ފޭސްބުކްގައި ގިނަބައެއްގެ ސަމާލުކަން ހޯދާފައިވާ ބިލް އަކީ ވަރަށް ފުރިހަމަ މީހެކެވެ. ބިލް ގޯސްކަމެއް ނުކުރާނެ އެވެ. އެހެން މީހުން ނުރުހޭ ކަމެއްވެސް ނުކުރާނެ އެވެ. ބިލް އުޅޭނީ އެންމެން ވެސް ހިތް ރުހޭ ގޮތަށެވެ. އަދި ބިލް އުޅޭ ގޮތަށް އުޅެން އެންމެނަށް ވެސް ނަސޭހަތްތެރިވެ އެވެ. މިދައްކަނީ ފޭސްބުކްގައި މިހާރު މަޝްހޫރުކަން ހޯދަމުން އަންނަ ޕޭޖް "ބީ ލައިކް ބިލް"ގެ ވާހަކަ އެވެ.

" މިއީ ބިލް. ބިލްއަށް އައިފޯނެއް ގަނެވިދާނެ. އެކަމަކު ބިލް ގެންގުޅެނީ އޭގެ ބަދަލުގައި އެންޑްރޮއިޑް ފޯނެއް. ސަބަބަކީ ބިލްއަށް ވިސްނޭ. ބިލްއަކީ އެހާ ސްމާޓް މީހެއް. ބިލްހެން އުޅެބަލަ" ބީ ލައިކް ބިލް ޕޭޖް

މި އަހަރުގެ ކުރީކޮޅު ފޭސްބުކްގައި ކްރިއޭޓްކޮށްފައިވާ އެ ޕޭޖަށް މިހާތަނަށް 1.25 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ލައިކްވެފަ އެވެ. އާންމުކޮށް އެ ޕޭޖުގައި ޕޯސްޓުކޮށްފައި ހުންނަނީ މީހުންކުރާ ކަންތައްތަކުގެ ވާހަކަ އެވެ. އަދި އެކަން ބިލް ނުކުރާ ކަމަށާއި ބިލް އަކީ ސްމާޓް މީހެއް ކަމަށް ބުނެ ފޮޓޯތައް ޕޯސްޓް ކުރެ އެވެ. އަދި ކޮންމެ ފޮޓޯއެއްގެ ފަހަތުގައި "ބީ ލައިކް ބިލް" ޖަހާފައިވެ އެވެ. ކޮންމެ ގޮތެއް ވިޔަސް ބިލް މީހުންގެ މަގުބޫލުކަން މިހޯދީ ތަފާތުގޮތަކަށެވެ. މި ފޭސްބުކް ޕޭޖާ ގުޅިގެން ގިނަބައެއްގެ ފާޑު ކިޔުން ބިލްއަށް އަމާޒުވެފައިވާއިރު ބައެއް މީހުން ދަނީ ބިލްއަށް ޖޯކު ޖަހަމުންނެވެ.

" މިއީ ބިލް. ބިލް ފޭސްބުކްގައި ކޭންޑީ ކްރަޝްއެއް ނުކުޅޭ. ބިލްއަށް ވިސްނޭ. ބިލްއަކީ ސްމާޓްމީހެއް. ބިލްހެން އުޅެބަލަ" ބީ ލައިކް ބިލް ފޭސްބުކް ޕޭޖް

ބީ ލައިކް ބިލް ފޭސްބުކް ޕޭޖް ހިންގަނީ މިލާންގައި ދިރިއުޅޭ މޯލްޑޯވާގެ ރައްޔިތެއް ކަމަށްވާ އިއުގީނިއު ކްރައިޓޯރު އެވެ. އޭނާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެ ފޭސްބުކް ޕޭޖްގެ ހިޔާލަކީ ވަރަށް އާދައިގެ ހިޔާލެއް ކަމަށެވެ. ކޮންމެ ސްމާޓް އަދި ވިސްނޭ މީހަކަށް ބިލްއަށް ވެވިދާނެކަމަށް ވެސް ކްރައިޓޯރު ވަނީ ބުނެފަ އެވެ.

" ތި އެންމެނަށް ވެސް ފާހަގަކުރެވޭނެ ބިލްއަކީ އަމިއްލަ ނަފުސު މަޖަލަކަށް ދެކޭ މީހެއް އަދި ބައެއް ފަހަރު އެހެން މީހުންގެ ކަންކަމާ ޖޯކު ޖަހާވެސް ހަދާނެ. ބިލް ވަރަށް ސްމާޓް ވާނޭ" އިއުގީނިއު ކްރައިޓޯރު

ބިލްގެ ޕޭޖާއެކު ރާއްޖޭގައި ވެސް ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން މިވަނީ އެހެން ފަރާތްތަކުގެ ނަމުގައި ޕޭޖްތައް ހަދައި އެފަރާތްތައް އުޅޭ ގޮތަށް އުޅެން ބުނަން ފަށާފަ އެވެ. ރާއްޖޭގައި މިހާރު އަލީ އުޅޭގޮތަށް އުޅެން ބުނެ އެވެ. އައިޝާ އުޅޭ ގޮތަށް އުޅެން ބުނެ އެވެ. ސާރާއެއް އުޅެ އެވެ. މަރީއެއްވެސް އުޅެ އެވެ. މިހާރު ދިވެހިންނަށް ވެސް ވެފައި އޮތީ އެކަން މަޖާ ކަމަކަށެވެ.

ބައެއް މީހުން ދެކޭގޮތުން ދިވެހިންނަކީ ކޮންމެ ކަމެއްގައި ވެސް ހައްދު ފަހަނައަޅާ ބައެކެވެ. މީހަކު ކަމެއްކޮށްފިއްޔާ އެކަމެއް އެގޮތަކަށް ކުރަމުން ޖޯކު ޖެހުމަކީ ދިވެހިންގެ އާދައެއް ކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް މިފަހަރު ބިލްއަށް ޖޯކުޖަހަން މިއުޅެނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. މެލޭޝިއާ ސައުދި އަރަބިއާ ސަރަހައްދުގައި ވެސް ފޭސްބުކް ބޭނުންކުރާ މީހުން ބިލްއަށް އެބަ ޖޯކު ޖަހަ އެވެ. އިންޑިއާގައި ވެސް ފޭސްބުކް ބޭނުންކުރާ ބައެއް ފަރާތްތަކުން ވަނީ އެފަދަ ޕޭޖުތައް ހަދާ އެމީހަކަށް ވާން އުޅެން ބުނުފަ އެވެ.

ބިލްގެ ބަދަލުގައި އެކި ގައުމުތަކުގައި އުޅެނީ އެކި ކެރެކްޓާ އެވެ. ސައުދީ އަރަބިއާގައި ބިލާލް ނޫނީ ބަޝީރު އުޅޭ އިރު، މެލޭޝިއާގައި އުޅެނީ ރާޝިދު އެކެވެ. މިހުރިހާ ކަމަކަށް ބެލިއަސް ބިލް މިވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ.

ފޭސްބުކްގައި ބައެއް ޕޭޖްތަކަކީ އެކި ދުވަސްވަރު މަތިން މަޝްހޫރުކަން ހޯދާ ޕޭޖްތަކަކަށް ވިޔަސް މިފަހަރު ބީ ލައިކް ބިލް ޕޭޖް މަޝްހޫރުކަން މިހޯދީ ތަފާތު ގޮތަކަށެވެ. އޭގެ އިތުރުން ހަމަ އެ ޕޭޖާ ގުޅުވައިގެން މިހާރު ފޭސްބުކްގައި "ފަން ޕެޕާ" އިންވަނީ ބީ ލައިކް މީ ކިޔާ އެޕްލިކޭޝަންއެއް ވެސް ތައާރަފްކޮށްފަ އެވެ. އެ އެޕްލިކޭޝަން ބޭނުންކޮށްގެން އެމީހެއްގެ ހުންނަ ސްމާޓްކަން ދައްކާލުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބެ އެވެ. އަދި އެ ސްމާޓްކަމުގެ ބޭނުން ހިފުމަށް ބުނެ އެވެ.

ބީ ލައިކް ބިލް ޕޭޖް ހެދި އިއުގީނިއު ކްރައިޓޯރު ބުނި ގޮތުން އޭނާގެ ޕޭޖާ ގުޅުވައިގެން މީހުން ޖޯކު ޖެހުމަކީ މައްސަލައެއް ނޫނެވެ.

"އެއީ މައްސަލައެއް ނޫން. ބުނެލަން ބޭނުން ވަނީ މިގޮތަށް ވެސް އަހަރެންގެ މި ހިޔާލު ވަރަށް މަޝްހޫރުވެއްޖެ އޭ. އެއީ ޕޮސިޓިވް ކަމެއް. މިކަމުން މީހުންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާ. މަޖާކަމަކަށް ނޫނީ ތަފާތު ކަމަކަށް ސިޔާސީ ކަމެއް ވާކަށް ނުޖެހޭ،" އިއުގީނިއު ކްރައިޓޯރު ބުންޏެވެ.

ބިލްގެ މަގްބޫލުކަން އިތުރުވެ ބައެއް މީހުން ބިލްއަށް ވާން ބޭނުންވާއިރު، އަނެއްބަޔަކު ބިލް ދެކެ ރުޅި އާދެ އެވެ. އެމީހުން ކުރާ ކަންކަމުގެ ވާހަކަަދައްކާތީ އެވެ. ކޮންމެ ގޮތަކަށް ނަމަވެސް ބިލް މިވަނީ ދުނިޔޭގެ މަގުބޫލުކަން ހޯދާފަ އެވެ. ތަފާތު ގޮތަކަށެވެ.

comment ކޮމެންޓް