ދިރިއުޅުމަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ވެސް ބަރުދަން ލުއިކޮށްލެވޭނެ!

ކަންނެތް ވުމާއި، ބަރުދަން މަތިވުމާއި، ފަލަ ވުން ފަދަ ސިއްހީ، ނުރަނގަޅު ކަންކަމުގެ ތެރެއަށް އަހަރެމެން ވެއްޓުމަކީ ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، ދިރިއުޅުމުގެ ބައެއް އާދަތަކާއި، ކައި ބޮއި ހަދާ ބައެއް ތަކެއްޗަށް ކުދިކުދި ބަދަލުތަކެއް ގެނެސްގެން ވެސް ސިއްހަތަށާއި ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެވިދާނެ އެވެ.

ތައްޔާރީ ބުއިންތައް މަދު ކޮށްލާށެވެ. ހަށިގަނޑަށް އިތުރުވާ ބަރުދަނާއި، ފަލަވުމާއި ކަންކަން އެންމެ ބޮޑަށް ގުޅެނީ ހަށިގަނޑަށް އެތެރެވާ ކެލޮރީގެ މިންވަރާ އެވެ. ކޯކާ ކޯލާއާއި އެހެނިހެން ސޮފްޓް ޑްރިންކްސް، އަދި ޒާތް ޒާތުގެ ކޮފީ ބުއިންތައް މަދުކޮށްލާށެވެ. އެތަކެތީގައި ގިނަ އަދަދަކަށް ހަކުރު ހިމެނޭނެ އެވެ. ހަކުރަކީ ކެލޮރީސް ގިނަ އަދަދަކަށް ހިމެނޭ އެއްޗަކަށް ވާ އިރު، މިފަދަ ބުއިންތައް ބޭނުންކުރާ ވަރަކަށް ހަށިގަނޑުގެ ބަރުދަން އިތުރުވެ، ފަލަ ވުމަށް މަގުފަހި ވެ އެވެ. މިތަކެތި ބުއިން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި، ބުއިން މަދުކޮށްލާށެވެ. މިފަދަ ބުއިންތަކުގެ ބަދަލުގައި ފެން ނުވަތަ ކާބޮނޭޓެޑް ފެން ބޮވިދާނެ އެވެ.

ލިފްޓުގެ ބަދަލުގައި ސިޑި ބޭނުންކުރާށެވެ. ގިނަ އިމާރާތްތަކުގައި، މަތީ ފަންގިފިލާތަކަށް އެރުމަށްޓަކައި ސިޑިއާއި އެކު ލިފްޓު ބެހެއްޓިފައި ހުރެ އެވެ. ރާއްޖެއިން ބޭރުގައި ނަމަ، ބޮޑެތި އިމާރާތްތަކުގައި ކަރަންޓުގެ ބާރުގައި މަސައްކަތް ކުރާ އެސްކަލޭޓަރު ނުވަތަ "ދުވާ ސިޑި" ވެސް ހުރެ އެވެ. ނަމަވެސް، ލިފްޓާއި ދުވާ ސިޑީގެ ބަދަލުގައި، މަތީ ފަންގިފިލާތަކަށް އެރުމަށް ސިޑި ބޭނުން ކުރުމަކީ ސިއްހީ ގޮތުން ބަލާ އިރު އެންމެ ރަނގަޅު ގޮތެވެ. މިއީވެސް ކުޑަކުޑަ ބަދަލެކެވެ. މި ބަދަލުގެ ސަބަބުން ހަށިގަނޑު "އެކްޓިވް"ވެ، ކޮންމެވެސް ވަރަކަށް ކެލޮރީސް އަނދަ އެވެ. ސިޑި ބޭނުންކޮށްގެން ދެ މިނިޓު ވަންދެން ހިނގުމަކީ 25 ކެލޮރީ އަންދައިދޭ ކަމެކެވެ.

ފޮނި އެއްޗެހި ކެއުން މަދުކުރާށެވެ. ބައެއް މީހުންނަކީ އާދަކޮށް ކޮންމެ ދުވަހަކުވެސް، ކޮންމެވެސް ކަހަލަ ފޮނި ކާ އެއްޗެއް ކާ ބައެކެވެ. ނަމަވެސް މިއީވެސް ބަރުދަން ލުއިކޮށްލުމަށް ނުވަތަ ހިކުމަށް އޮތް ހުރަހަކަށް ވެދާނެ ކަމެކެވެ. އާދަކޮށް ކޮންމެ ދުވަހަކު ފޮނި އެއްޗެހި ނުވަތަ "ޑެސާރޓްސް" ކެއުމުގެ ބަދަލުގައި، މޭވާއެއް ކާލުން މާ ރަނގަޅެވެ. އެހެން ނަމަވެސް ޗޮކްލެޓާއި، ކޭކު ފަދަ އެހެނިހެން ފޮނި ކާއެއްޗެހި ބައެއް ފަހަރު، މަދު މަދުން ކާލުމަކީ މައްސަލައެއް ނޫނެވެ.

ހެނދުނު ހޭލުމާއި އެކު ފެން ތަށްޓެއް ބޯލާށެވެ. ހެނދުނު ހޭލެވުމާއި އެކު އަވަހަށް ފެން ތަށްޓެއް ބޯލުމަކީ ހަށިގަނޑަށް ފައިދާ ކުރުވާ ކަމެކެވެ. ހަށިގަނޑުގެ އެކި ހިސާބުތަކަށް ފެން ފޯރުކޮށްދީ، ނުވަތަ "ރީ ހައިޑްރޭޓް" ކޮށްދިނުމުގެ އިތުރުން، ނިދާފައި އޮތް ވަގުތު ތިމާގެ ހަށިގަނޑުގެ ތެރޭގައި އުފެދިފައި ހުރި ޓޮކްސިންތައް ނުވަތަ ވިހަ މާއްދާތައް ބޭރުކުރުމަށް ފެން އެހީތެރިވެދޭނެ އެވެ.

ތަރުކާރީ ކެއުން އިތުރުކުރާށެވެ. ތަރުކާރީއަކީ ހަށިގަނޑަށް ވަރަށް ރަނގަޅު، ކާނާގެ ބާވަތެކެވެ. އެއީ ބަރުދަން ލުއި ކުރުމަށާއި، ސިއްހީ ހާލު ރަނގަޅު ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ އެއްޗެކެވެ. އާދައިގެ މަތިން ތަރުކާރީ ކާ މިންވަރަށް ވުރެ ދެ ގުނަ އިތުރަށް ތަރުކާރީ ކެވޭތޯ ބަލާށެވެ.

ހެނދުނުގެ ނާސްތާ ދޫކޮށް ނުލާށެވެ. ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ ފުރަތަމަ ކެއުމެވެ. މިއީ އެންމެ މުހިންމު ކެއުން ވެސް މެ އެވެ. މުޅި ދުވަހު ތިމާގެ ހެލިފެލިވުމާއި، މަސައްކަތްތެރިކަން ބަރޯސާ ވާނީ އެންމެ ފުރަތަމަ ކެއުމަށް ކަމަށް ވުމުންނެވެ. ހެނދުނު ރަނގަޅު ނާސްތާއެއް ނަގައިފި ނަމަ، ކެލޮރީސްގެ މިންވަރު މާ މަތީގައި ހުންނަ ކާނާގެ ބާވަތްތައް، ދުވަހުގެ އެހެން ވަގުތުތަކުގައި ކެއުމަށް ހަށިގަނޑު އެދޭ އެދުން ދަށް ވާނެ އެވެ.

މަސްދަރު: ލައިފްހެކްސް.އޯގް

comment ކޮމެންޓް