ތުއްތު ދަރިފުޅު ރޮނީ ކީއްވެގެންކަން އެނގޭތަ؟

މަންމައަކަށް ނުވަތަ ބައްޕައަކަށްވެ، ތުއްތު ދަރިފުޅެއް ބަލައި ބޮޑުކުރުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްސަކޮށް، އެ ދަރިފުޅުގެ އެންމެ ތުއްތު ދުވަސްވަރު އެވެ. ދަރިފުޅަށް ވާހަކަ ދައްކަން ނޭނގޭ ހާލު، ކަމެއް ބޭނުން ވެއްޖިއްޔާ އެކަން އެނގުމުގެ ހަމައެކަނި ގޮތަކީ ރުއިމެވެ. ބަނޑުހައި ވެއްޖެ ނަމަ، ނުވަތަ ދަރިފުޅު އެހެން ކަމަކަށް ބޭނުންވެއްޖެ ނަމަ ވެސް ރުއިމެވެ. އެހެންކަމުން، ދަރިފުޅު ބޭނުންވަނީ ކޮން ކަމެއް ކަން މަންމައާއި ބައްޕައަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ޕޭރެންޓިންގް ނުވަތަ ބެލެނިވެރިކަމާ ބެހޭ ވެބްސައިޓް "ބޭބީ ސެންޓާ"އިން ވަނީ، ތުއްތު ދަރިފުޅުގެ ރުއިން "ޑީ-ކޯޑު" ކުރުމަށް، ނުވަތަ ދަރިފުޅުގެ ރޯ އިރު ކުރާ ބައެއް އިޝާރާތްތަކުން، ދަރިފުޅު ބޭނުންވަނީ ކޮން ކަމެއްތޯ ފަސޭހައިން ދެނެގަނެވޭނެ ގައިޑެއް ތައްޔާރު ކޮށްފަ އެވެ.

ދަރިފުޅު ބަނޑުހައިވުމުން އަޑަށް އަޑު ލައި ވަރަށް ބާރަށް، އަވަސް އަވަހަށް ރޯނެ އެވެ. ބުއްފުޅިއެއް ފަދަ އެއްޗެއް ނުލިބެނީސް ހުއްޓައި ނުލާނެ އެވެ. ނަމަވެސް ދުވަސް ފާއިތުވާ ވަރަކަށް، ދަރިފުޅުގެ "ބަނޑުހައި ރުއިން" މައިންބަފައިންނަށް ދެނެގަންނަން އެނގޭނެ އެވެ. ދަރިފުޅު ބަނޑުހައިވެފައި ހުރި ކަމުގެ ބައެއް ނިޝާންތަކުގެ ތެރޭގައި، ތުންފަތް ބުއިމާއި، އަނގައަށް އަތްލުން ހިމެނެ އެވެ.

ދަރިފުޅު ވައި ލާން ބޭނުންވުމުން ރޯ ރުއިމަކީ ދެނެގަންނަން ފަސޭހަ ރުއިމެކެވެ. ވައި ލާން ބޭނުންވެގެން ދަރިފުޅަށް ރޮވޭނީ، ކެއުމަށް ފަހު ނުވަތަ ބުއިމަށް ފަހު ކުޑަކޮށް ބަނޑުގައި ރިއްސާތީ އެވެ. ވައި ލާން ބޭނުންވާކަން ދައްކާ އެހެން އިޝާރާތަކީ، މޭ މައްޗާއި ހަމައަށް ފައި ނުވަތަ ކަކޫ ހިއްލުމަށް މަސައްކަތް ކުރުމެވެ. ދަރިފުޅު ވައި ލެއްވުމަށް، ދަރިފުޅު ތެދަށް އުރުމަށް ފަހު، ބުރަކަށީގައި މަޑުމަޑުން އަތުން ޖަހައިލާށެވެ. ދަރިފުޅަށް ހޮޑު ލެވިދާނެތީ، ތިބާގެ ކޮނޑުމަތީގައި ފޮތިކޮޅެއް ބޭއްވުން ބުއްދިވެރި އެވެ.

ދަރިފުޅު ވަށައިގެންވާ މާހައުލުގެ ސަބަބުން ބައެއް ފަހަރު އުނދަގޫވުމަކީ އެކަށީގެންވާ ކަމެކެވެ. ދަރިފުޅަށް އެފަދަ ކަމަކާ ގުޅިގެން އުނދަގޫ ވާ ނަމަ ވެސް ރޮވޭގޮތް މެދުވެރިވެ އެވެ. ފަހަރުގައި ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންނާއި، އަޑުތަކާއި މަންޒަރުތައް ދެނެގަތުމަށް ދަރިފުޅަށް އުނދަގޫ ވަނީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް މި ހާލަތުގައި ރޯ ރުއިމަކީ ތަފާތު ރުއިމެކެވެ. އެއް ގޮތަކަށް ރުއިން ނުހިފެހެއްޓޭނެ އެވެ. ބައެއް ފަހަރު ރުއިމުގެ ތެރެއިން ހީނލައި ވެސް ހަދާފާނެ އެވެ.

ވަރުބަލިވެ، ނިދަން ބޭނުންވެގެން ދަރިފުޅު ރޯނެ އެވެ. މި ހާލަތުގައި ދަރިފުޅު ރޯނީ މަޑުމައިތިރި ރުއިމެކެވެ. ނިދި އައިސްގެން އުޅޭ ނަމަ ބައެއް ކަހަލަ އިޝާރާތްތައް ވެސް ދަރިފުޅު ކުރާނެ އެވެ. އޭގެ ތެރޭގައި ލޮލުގައި އަތް އުނގުޅުމާއި، އާފުރުމާއި، ރޯ އިރު ލޯ މަރައިގެން ރުއިން ހިމެނެ އެވެ.

ދަރިފުޅު ބަލިވެއްޖެ ނަމަ ރޯ ރުއިމަކީ އާދަޔާ ޚިލާފު ރުއިމަކަށް ވެދާނެ އެވެ. ބަލިވެއްޖެ ކަމުގެ އެހެން އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހަށިގަނޑުގެ ފިނި ހޫނުމިން މަތިވުމާއި، ކެއުމަށް ނުވަތަ ބުއިމަށް ބޭނުން ނުވުމާއި، ނިދިން ހޭލަން އުނދަގޫ ވުން ހިމެނެ އެވެ.

މަސްދަރު: ލައިފް ހެކްސް

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު