ކެންސަރު އާންމުވެދާނެ، ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަންވެއްޖެ

ކެންސަރުން ދިފާއުވުމަށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ: އުގައިލްގެ ނަސޭހަތަކީ ދުޅަހެޔޮ ދިރިއުޅުމަކަށް އަމަލުތައް ބެހެއްޓުން --- ފޮޓޯ/ ގޫގުލް

ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މީގެ ކުރިން ހުރިގޮތާއި މިހާރާއި ހާސްބައި ތަފާތެވެ. ސަބަބަކަށް ވަނީ ޒަމާނާ އެއްގޮތަށް ދިވެހިން ބަދަލުވުމެވެ. ކެއިން ބުއިމުގެ އާދަތަކަށް ބަދަލު ގެނައުމެވެ. ދިރިއުޅުމުގެ ގޮތްތަކަށް ބަދަލުގެނައުމެވެ. ބައެއް ދިވެހިންދެކޭ ގޮތުގައި ބާގާއެއް ނުވަތަ ސަބްމެރީނެއް ކާލައިގެން ނޫނީ ޒަމާނީ މީހަކަށް ނުވެ އެވެ. މިހާރުގެ ގޮތަށް އުޅެން ބޭނުމިއްޔާ ކާން ޖެހެނީ އިޓަލިއަން، ތައި ނުވަތަ އިންޑިއަން ފުޑްސް އެވެ.

މީގެ އެތަކެއް އަހަރު ކުރިން ދިވެހިން ކައި އުޅުނީ ގަހުން ބިނދެލާފައި ހުންނަ ތަރުކާރީއާ މޭވާ އެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމާ ބެހޭ ގޮތުން މައުލޫމާތު ހިމަނައިގެން ދިވެހިންނަށް "ސިއްހީ ހަދިޔާ" ދެއްވި ސައިންސްވެރިޔާ ޕްރޮފެސަރު އުގައިލް ވިދާޅުވާ ގޮތުން މީގެ 50 އަހަރު ކުރިން ދިވެހިން ކައި އުޅުނީ އެންމެ ރަނގަޅަށެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. އޭރު ދިވެހިން ތައްޔާރީ ކާނާ ކައެއް ނޫޅެވެ. އަމިއްލައަށް ގޭގައި ގަސް ހައްދައިގެން ގަހުން ލިބޭ ތަކެތި ކައްކައިގެން ކެއުމަކީ އޭރު ދިވެހިންގެ "ފެވަރިޓް" އެވެ.

ދިވެހިންތަކެއް މަސްބާނަނީ: މީގެ 50 އަހަރު ކުރިން ދިވެހިންގެ ކެއުން ހުރިގޮތް ރަނގަޅު ކަމަށް ޕްރޮފެސަރ އުގައިލް ވިދާޅުވި --- ފޮޓޯ/ ގްރީން ޕީސް

ދިވެހިންގެ ވައްޓަފާޅި އާއި ކެއުމުގެ އާދަތަކަަށް ގެނައި ބޮޑު ބަދަލުތަކުގެ ސަބަބުން ބަލިތައް ގިނަވެ، ފަރުވާ ހޯދުމަށް ދަތި އެތަކެއް ބައްޔާ ދިވެހިން މިވަނީ ހަނގުރާމަކުރަން ޖެހިފަ އެވެ. މިހާރު ދިވެހިންގެ ތެރޭގައި ބިރުގަންނަވަރަށް އިތުރުވާ އެއްބަޔެއް ކަމަށް ފާހަގަކުރެވޭ ކެންސަރު "އާންމު ބައްޔަކަށް ވެދާނެ" ކަމުގެ ބިރު މިހާރު ބޮޑު ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. މީގެ ދެއަހަރެއްހާ ދުވަސް ކުރިން އިންޑިއާގެ ރީޖަނަލް ކެންސާ ސެންޓާ (އާރުސީސީ) އިން ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ދިވެއްސަކު ބުނި ގޮތުން އެތަނަށް ކެންސަރަށް ފަރުވާ ހޯދަންދާ ދިވެހިން ވަރަށް ގިނަ އެވެ.

"މިހާރު ރާއްޖޭގައި ވެސް ކެންސަރު ޖެހޭ މީހުންގެ އަދަދު ގިނަކަން އެނގޭ މިތަނަށް އައީމަ. ފުރަތަމަ އައިއިރު ހީކުރީ ތިމަންނަ އެކަންޏޭ. އެކަމަކު މިތާ ކެންސަރަށް ފަރުވާ ހޯދަން ވަރަށް ގިނަ ދިވެހިން އާދޭ" ކެންސަރަށް މިހާރުވެސް ފަރުވާ ހޯދަމުންދާ މީހެއް

ޕްރޮފެސަރު އުގައިލް ސިއްހީ ހަދިޔާ ފޮތުގައި ވަނީ ކެންސަރު ޖެހުމަށް ދިމާވާ މައިގަނޑު ސަބަބުތަކާ ބެހޭ މައުލޫމާތު ހިމަނާލާފަ އެވެ. އުގައިލް ވިދާޅުވާ ގޮތުން އިންސާނާގެ ހަށިގަނޑުގައި އެތައް ބިލިއަން ސެލްތަކެއް އުފެދި އެތައް ބިލިއަން ސެލްތަކެއް ހަލާކުވެގެންދެ އެެވެ. އަދި އާ ސެލްތައް އުފެދިގެންދާ އިރު އެއްސެލްގައި ހުންނަ މައުލޫމާތު އަނެއް ސެލްއަށް ނަކަލު ކުރާކަމަށް އުގައިލް ވިދާޅުވެ އެވެ. ސެލްތަކުގެ ނިޒާމު އެހެންގޮތަކަށް ބަދަލުވެގެންދާ ދިއުމަކީ ކެންސަރު ޖެހުމަށް ދިމަވާ މައިގަނޑު ސަބަބުކަމަށް ޕްރޮފެސަރު އުގައިލްގެ ސިއްހީ ހަދިޔާގައި ވަނީ ވިދާޅުވަފަ އެވެ.

" އެއްސެލް އަނެއް ސެލްއަށް މައުލޫމާތު ނުބައިގޮތުގައި ނަކަލު ކުރުމަށް ދިމާވާ ގިނަ ސަބަބުތައް ހުރޭ. މިސާލަކަށް ކެވޭ ކާނާ ނުވަތަ ދިރިއުޅޭ މާހައުލު އަދި ހަށިގަނޑަށް ތަކުރާރުކޮށް ވިހަ މާއްދާތައް ހާސިލުވާން ދިމާވުން މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި ހިމެނޭ" ސިއްހީ ހަދިޔާ

ކެއިން ބުއިމުގެ އާދަތަކަށް ބަލާއިރު މީގެ ކުރިން ދިވެހިންނަކީ މޫދުން ބާނާ ކަނޑުމަސް ތާޒާކަންމަތީ ކައިގެން އުޅުނުބައެކެވެ. ނަމަވެސް މިހާރު ތާޒާ މަހެއް ކާލަން ނުލިބެ އެވެ. ގިނައިން ދިވެހިން ކައި އުޅެނީވެސް ގިނަދުވަސްތަކެއްވަންދެން ފިނިކޮށްފައި ހުންނަ ކުކުޅު މަހާއި ގެރިމަސް ފަދަ ތަކެއްޗެވެ. ނަމަވެސް އެއީ ރަނގަޅު ގޮތް ނޫންކަން ޕްރޮފެސަރު އުގައިލް ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދެއްވައިފަ އެވެ. އެގޮތުން މާގިނަ ދުވަސްވަންދެން ފިނިކޮށްފައި ހުންނަ އެއްގަމުމަސް ކެއުމަކީ ކެންސަރަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި އުގައިލް ވަނީ ވިދާޅުވެފަ އެވެ.

ތަރުކާރީގެ ބައެއް ބާވަތްތައް: އުގައިލް ވިދާޅުވަނީ ތަރުކާރީ އަދި މޭވާ އަކީ ކެންސަރުން ދިފާއުވުމަށް ކެވިދާނެ ތަކެތި ކަމަށް --- ފޮޓޯ/ ގޫގުލް

"މާގިނައިން އެއްގަމު މަހުގެ ގެރި ބަކަރިމަހުގެ ބާވަތްތަކާއި ގިނައިރުވަންދެން ގަނޑުކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތަކަކީ ބަނޑާއި ގޮހޮރުގެ ކެންސަރުޖެހުމަށް މަގުފައހިކޮށްދޭ އެއްޗިހި" ސިއްހީ ހަދިޔާ

ކެންސަރުން ދިފާއުވުމަށް ކެވިދާނެ ބައެއް ވައްތަރުގެ ކާނާ

  • ކައްޓަލަ، ބޮރޮކޮލީ، ކޯލީ ފްލާވާ، ލޮނުމެދު، އޮރެންޖު، ޓޮމާޓޯ، ޕިއާޒް، ރަތް ނުވަތަ ދަނބު މޭބިސްކަދުރު، އޮލިވް އޮއިލް، ބްރައުން ރައިސް

ކެއިންބުއިމުގެ ކަންކަމުގެ އިތުރުން ކެންސަރު ބަލިން ސަލާމަތްވެ ތިބުމަށް އެތައްކަމެއް ކުރެވިދާނެ އެވެ. އެގޮތުން ތަރުކާރީ އާއި މޭވާ ހިމެނޭގޮތުން ރަނގަޅު ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމާއި އަވީގައި މާގިނައިރު މަސައްކަތް ނުކުރުމާއި ހަށިގަނޑުގެ ބަރުދަން ރަނގަޅުވަރެއްގައި ހިފެހެއްޓުމަށް އަދި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި މަސްނޫއީ ވިހަ މާއްދާތަކުން ދުރުހެލިވުމަށް ޕްރޮފެސަރު އުގައިލް ވަނީ ނަސޭހަތްތެރިވެފަ އެވެ.

"ކެންސަރުން ރައްކާތެރިވެ އުޅުމަށް ސެންޓު ބޮޑީ ސްޕްރޭ އަދި މޭކްއަޕް ފަދަ ތަކެތި ބޭނުންކުރުމުގައި ވެސް ސަމާލުވެ އެކަމުގައި ކޮންމެވެސް ވަރެއްގެ މެދު މިންގަނޑެއް ހިޔާރު ކުރުން މުހިންމު" ސިއްހީ ހަދިޔާ

ކެންސަރަކީ އެކަމަށް ހާއްސަ ސްކްރީނިގް އަކާނުލައި ދެނެގަންނަން އުނދަގޫ ބައްޔެކެވެ. އެހެންކަމުން ކެންސަރަށް ސްކްރީން ކުރުމަކީ ބަލިން ރައްކާތެރިވެ ތިބުމަށް މުހިންމު ކަމެކެވެ. މީގެ ކުރުިން ރާއްޖޭގައި ކެންސަރަށް ޓެސްޓް ކުރެވެން ނެތް ނަމަވެސް މިހާރު ކެންސަރަށް ހާއްސަ އޮންކޮލިޖިސްޓަކާ އެކު އޭޑީކޭ އިން ކެންސަރަށް ސްކްރީން ކުރުމުގެ ހިދުމަތް ލިބެ އެވެ. އަދި އެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލު ވަނީ ވިދާޅުވެފަ އެވެ.

މަރުބައްޔެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ކެންސަރަކީ ކުރީކޮޅު ފަރުވާ ހޯދިއްޖެ ނަމަ އެބަލިން މީހާ އެއްކޮށް ސަލާމަތްވާ ބައްޔެއްކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ވަނީ ދައްކައިފަ އެވެ. ރާއްޖޭގެ ޑޮކްޓަރުން ފާހަގަކުރާގޮތުން ރާއްޖޭގައި ކެންސަރު ބަލީގައި ގިނަ މީހުން މަރުވަނީ ކުރީކޮޅުގައި ބަލިނޭނގި ބޮޑުވަރުވުމުންނެވެ.

"ބައެއް ފަރާތްތަކަށް ނޭނގޭ ބަލީގެ އަސްލެއް. ބަލި ދެނެގަނެވެނީ ބޮޑުވަރުވާ ފަހުން. އޭރުން އޮންނަނީ ސަލާމަތްވާ ވަރަށް ވުރެ ބޮޑުވަރުވެފައި. އެހެންވީމާ އެއްވެސް ޝައްކެއް ނުކުރެވުނަސް ކެންސަރަށް ސްކްރީން ކުރުން ވަރަށް މުހިންމު،" ނަންހާމަ ނުކުރުމަށް އެދި ވާހަކަދެއްކި ޑޮކްޓަރަކު ވިދާޅުވި އެވެ.

ކެންސަރަށް ސްކްރީން ކުރެވުނުނަމައޭ ފަހުން ހިތަށް އެރުމުގެ ބަދަލުގައި ކުރިން ޓެސްޓްކޮށްލާށެވެ. ކެއުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލެއް ގެންނާށެވެ. ކަސްރަތު ކުރުން އާދަކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރާށެވެ. ބަލިތަކުން ދިފާއުވުމަށް ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

comment ކޮމެންޓް