ބްރިޓިޝް އެއާވޭސް އިން މިއަހަރު އަލަށް 2000 ޕައިލެޓް، ކެބިން ކްރޫގެ ވަޒީފާ ހުޅުވާލަނީ

ބްރިޓިޝް އެއާވޭސްގެ ފްލައިން ކުރޫގެ ބައެއް ސްޓާފުން ---

މި އަހަރުގެ ތެރޭގައި މުޅިން އަލަށް 2000 ޕައިލެޓް އަދި ކެބިން ކްރޫގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާނެ ކަމަށް ބްރިޓިޝް އެއާވޭސް އިން ބުނެފި އެވެ.

އެ ކުންފުނިން އިއްޔެ ބުނިގޮތުގައި، މިއަހަރުގެ ތެރޭގައި އަލަށް 350 ޕައިލެޓުންނާއި 1600 ކެބިން ކްރޫއިން ވަޒީފާއަށް ނަގާނެ އެވެ. އަދި މިއީ އަހަރެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ޕައިލެޓުންނާ ކެބިން ކްރޫއިން ނަގާ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން އެ އަދަދާ އެކު 100 އަހަރުގެ ދިގު ތާރީހެއް އޮތް ބްރިޓިޝް އެއާވޭސްގެ ފްލައިން ކްރޫގެ އަދަދު ފުރަތަމަ ފަހަރަށް 20،000 އަރާނެ އެވެ.

އިންޓަނޭޝަނަލް އެއާލައިންސް ގްރޫޕް (އައިއޭޖީ)ގައި ހިމެނޭ ބްރިޓިޝް އެއާވޭސް އިން ވަނީ މި އަހަރުގެ ތެރޭގައި ލަންޑަނުން ދުނިޔޭގެ 13 މަންޒިލަކަށް މުޅިން އަލަށް ދަތުރުތައް ފަށަން ނިންމައިފަ އެވެ.

އޭގެ ތެރޭގައި ޕެރޫގެ އިގްތިސާދީ ވެރިރަށް ލީމާ އަށާއި ކޯސްޓަ ރީކާގެ ވެރިރަށް ސެން ޖޯސޭ ހިމެނެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ދަތުރުތަކަށް މިއަހަރުގެ ތެރޭގައި އަލަށް 13 މަތިންދާ ބޯޓެއް ހޯދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މައުލޫމާތު: އޭއެފްޕީ

comment ކޮމެންޓް