ލޯބީގެ ގުޅުން ދިގު ދެމިގެން ދާނެ ހެކިތައް

ދެމީހަކު ލޯބީގެ ގޮތުން ގުޅި، އެކި ކަހަލަ ކަންކަން ކަޑައްތު ކުރެ އެވެ. ބައެއް މީހުން ކައިވެންޏާ ހިސާބަށް ދަތުރުކޮށް، ކައިވެނި ކުރެ އެވެ. ކައިވެނިކޮށް، ދުވަސްކޮޅެއް ފަހުން ލޯބީގެ ގުޅުން ކެނޑި، ވަރި ވެސް ކުރަން ޖެހެ އެވެ. ބައެއް ފަހަރު، ކައިވެންޏަކާ ހިސާބަށް ނުގޮސް ވެސް ގުޅުން ކެނޑެ އެވެ.

ސައިކޮލޮޖިސްޓް ޑރ. ޖޯން ގޮޓްމަން ކުރެއްވި ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ލޯބިން ގުޅޭ ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުން ކެނޑެން ދިމާވާ ސަބަބުތަކުގެ ތެރޭގައި އެކަކު އަނެކަކަށް އިހްތިރާމު ނުކުރުމާއި ވާހަކަ ދައްކައި މުވާސަލާތު ކުރަން ނޭނގުން ހިމެނެ އެވެ. އަދި ތިމާ ބޭނުންވާ ގޮތަށް ތިމާގެ ބައިވެރިޔާގެ މިޒާޖު ބަދަލުކުރަން މަސައްކަތް ކުރާތީ އެވެ. ގުޅުން ކެނޑެން ދިމާވަނީ ގިނަ ފަހަރަށް ޚިޔާލު ތަފާތު ވެގެންނެއް ނޫނެވެ.

ޑރ. ގޮޓްމަން ވިދާޅުވާ ގޮތުގައި، ދެ ލޯބިވެރިން ނުވަތަ ބައިވެރިންގެ ދެމެދުގައި އޮންނަ ގުޅުމުގެ ފަހަތުގައި އޮންނަނީ އެންމެންނަށް ވެސް އެނގޭ ސިއްރެކެވެ.

"އުފާވެރިކަމާ އެކު ގުޅިގެން އުޅޭ ދެ މީހުންނަކީ އެހެން މީހުންނަށް ވުރެ މާ ބުއްދި ރަނގަޅު، މުއްސަނދި އަދި ސައިކޮލޮޖީގެ ގޮތުން މޮޅު ބައެއް ނޫން. އެކަމަކު އެމީހުންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކު، އެމީހުންގެ ބައިވެރިޔާގެ ފަރާތުން ޕޮޒިޓިވް ކަންކަމުގެ މައްޗަށް ނެގަޓިވް ކަންކަން ގަދަވުމަށް ފުރުސަތު ނުދެނީ،" ޑރ. ގޮޓްމަން ވިދާޅުވި އެވެ.

ތިމާގެ ލޯބީގެ ގުޅުމަކީ ދިގު ދެމިގެންދާނެ ގުޅުމެއް ކަމަށް ބެލެވިދާނެ ބައެއް ހެކިތައް ހުށަހަޅާލާނަމެވެ.

އެކަކު އަނެކަކަށް އިހްތިރާމުކުރުން: ލޯބިވެރިޔާއާ ވާހަކަ ދައްކައި ހަދާނީ އިހްތިރާމާއި ރަހުމަތްތެރި ގޮތަކަށެވެ. އަމިއްލަ ނަފްސާއި މެދު ކަންތައް ކުރާނެ ގޮތަކަށް އޭނާއާ ދޭތެރޭ ވެސް ކަންތައް ކުރާށެވެ. ވާހަކަ ދައްކާ އިރު އިހްތިރާމާ އެކު އެކަން ކުރާށެވެ.

ޝަކުވާ ކުރާށެވެ. ނަމަވެސް ފާޑު ނުކިޔާށެވެ: ޝަކުވާ ކުރުމަކީ މައްސަލައެއް ނޫނެވެ. ބައެއް ފަހަރު ހިތްހަމަ ނުޖެހޭ ކަންކަމާ ވެސް ދިމާވާނެ އެވެ. ނަމަވެސް ކުރާ ޝަކުވާތައް މުޅިން އެހެން ފިޔަވައްސަކަށް ގެންގޮސް، ބައިވެރިޔާ ކުރާ ކަންކަމަށް ފާޑު ކިޔައި ހެދުމަކީ އޭނާ ތިމާގެ މަތިން ފޫހި ކޮށްލާނެ ކަމަކަށް ވެދާނެ އެވެ. ފާޑު ކިޔަން ބޭނުން ނަމަ، އެވާހަކަ އެހެން ގޮތަކަށް ގެނެވިދާނެ އެވެ. ނަމަވެސް ދިމާލަށް އެކަހަލަ ކަންކަން ކިޔުމުން އޭނާއަށް ވެސް އަސަރު ކުރާނެ އެވެ.

އަބަދާއި އަބަދު ނުރުހުމުގެ ބަސްތައް ބޭރުނުކުރުން: ދެމީހަކު ގުޅިގެން އުޅޭ އިރު ނުރުހޭ ކަންކަމާއި ދިމާވި ނަމަވެސް، އަބަދު ރުޅި އައިސްފައި ތިބޭކަށް ނުޖެހޭނެ އެވެ. ނަން ގޮވުމާއި، ނުރުހުމުގެ އިޝާރާތްތައް ކުރުމާއި އެއްޗެހި ކިޔުން ފަދަ ކަންކަން ކުރުން މަދުކޮށް، ލޯބިން ވާހަކަ ދެއްކުން ގިނަ ކުރާށެވެ. ބައިވެރިޔާ ދެރަ ކޮށްނުލައި އުފާވެރިކޮށް ބަހައްޓާށެވެ.

ލޯބިވެރިޔާ ދައްކާ ވާހަކަ އަޑުއެހުން: ތިމާގެ ލޯބިވެރިޔާ ނުވަތަ ބައިވެރިޔާއަށް މުހިންމު ކަންތައް ތިމާއަށް ވެސް މުހިންމު ވާން ވާނެ އެވެ. އޭނާ ދައްކާ ވާހަކަތައް އަޑު އަހަން ޖެހޭނެ އެވެ. އޭނާ ދައްކާ ވާހަކައަށް ސަމާލުކަން ދޭށެވެ. ދެމީހުންގެ ދެމެދުގައި "ޒުވާބެއް" ހިނގައިފި ނަމަ، އެއަށް ފަހު ވެސް އޭނާ "އިގްނޯ" ނުކޮށްލާށެވެ. ދައްކަން ޖެހޭ ވާހަކައެއް ނަމަ ދައްކާށެވެ.

comment ކޮމެންޓް