ފިލާވަޅުތައް ދަސްކުރުމުގައި ހެދޭ ބައެއް ގޯސްތައް

މިއަހަރުގެ ދިރާސީ އާ އަހަރު މިއަދު ފަށާފައިވާ އިރު، ބޮޑު ޗުއްޓީއަކަށް ފަހު ދަރިވަރުން އަނެއްކާވެސް ކިޔެވުމާއި އުނގެނުމަށް އަހަރު ދުވަހުގެ ދިގު ދަތުރެއް ފެށީ އެވެ. ކިޔެވުމާއި އުނގެނުމަކީވެސް ފަންނެކެވެ. މިކަން ކުރުމަށް އެކި ދަރިވަރުން ބޭނުންކުރާނީ އެކި ގޮތްތަކާއި ވައްޓަފާޅި އެވެ.

ކިޔެވުމާއި، ޓެސްޓަށް ތައްޔާރު ވާ އިރު، "ސްޓަޑީ ޓިޕްސް"އޭ ކިޔުމަށް ފަހު، ކުރަންވީ ބައެއް ކަންތަކާއި ނުކުރަންވީ ބައެއް ކަންތައް މުދައްރިސުން ކިޔައިދެ އެވެ. ފިލާވަޅު ދަސްކުރާނެ ބައެއް ގޮތްތަކާއި، ފިލާވަޅަށް ތައްޔާރުވުމަށް ކުރާނެ ބައެއް ކަންތައް ވެސް ކިޔައިދެ އެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން މިއިން ބައެއް ކަންކަމަކީ ނަތީޖާ ނެރެވޭ ކަންތަކެއް ނޫނެވެ. ބައެއް ކަންކަމަކީ އެއްގޮތަކަށް ވެސް ފައިދާއެއް ލިބޭ ކަމަކަށް ނުވެ އެވެ.

މުދައްރިސް ފިލާވަޅު ނަގައިދިނުމުގެ ކުރިން ޓެކްސް ފޮތުން ފިލާވަޅު ކިޔައިލުން:

ވަކި ފިލާވަޅަކަށް އޮތް ޝައުޤެއްގެ ބޮޑު ކަމުން ބައެއް ފަހަރު އެ ފިލާވަޅެއް ކްލާހުގައި ނެގުމުގެ ކުރިން ޓެކްސްޓް ފޮތް އެއްކޮށް ހިތުދަސް ކޮށްލެވޭ ހާލަތް އާދެ އެވެ. އަދި، ފިލާވަޅު ނަގައިދިނުމުގެ ކުރިން ފިލާވަޅު ކިޔުމަށް މުދައްރިސް ވެސް ބައެއް ފަހަރު ބާރު އަޅުއްވަ އެވެ. އެއީ ކަންކަން "އޯގަނައިޒް" ކޮށްލުމުގެ ނިޔަތުގަ އެވެ. ފިލާވަޅު ނަގައިދިނުމުގެ ކުރިން ދަރިވަރުގެ ބުއްދި، ފިލާވަޅަށް ކުޑަކޮށް އަހުލުވެރި ކޮށްލުމުގެ ނިޔަތުގަ އެވެ.

ނަމަވެސް މިއީ އެހާ "އުފެއްދުންތެރި ނަތީޖާ" ހާސިލުވާ ކަމެއް ނޫނެވެ. މިގޮތަށް ކަންތައް ކުރާ ކުއްޖާއަށް، މުދައްރިސް ކިޔަވައިދޭ އެއްޗެހި، އެހެން ދަރިވަރުންނަށް ވުރެ ކުރިން އެނގޭނެ އެވެ. އެހެންކަމުން މުދައްރިސްގެ ފިލާވަޅުގެ ވަގުތުގައި ޝައުޤުވެރިކަން ނުހުރެދާނެ އެވެ.

މުދައްރިސްގެ ފިލާވަޅު ނުވަތަ ލެކްޗާ އަކީ، އެ ފިލާވަޅެއްގެ ތަޢާރަފަށް ވާން ޖެހެ އެވެ. ތަޢާރަފަކަށް ތައްޔާރު ވުމަށް އެ ފިލާވަޅެއް ކުރިން އެނގޭކަށް ނުޖެހޭނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، މިކަމުން މާ ބޮޑު ނަތީޖާއެއް ނުނެރެވޭނެ އެވެ.

ރަހުމަތްތެރިއަކާ އެކު ކިޔެވުން އަދި ގްރޫޕު ސްޓަޑީ ހެދުން:

ރަހުމަތްތެރިއަކާ އެކު، ނުވަތަ ގްރޫޕަކާއި އެކު ކިޔެވުމަކީ، ތިމާއަށް ހެދޭ ބައެއް ގޯސްތައް ނުވަތަ ނޭނގޭ ބައެއް ކަންކަން ދެނެގަނެ، އެކަންކަމުގެ ރަނގަޅު ގޮތް ރަހުމަތްތެރިޔާގެ ފަރާތުން ހޯދިދާނެ ކަމެކެވެ. އެހެން ނަމަވެސް މިއީ މާ ޕްރޮޑަކްޓިވް ގޮތެއްވެސް ނޫނެވެ. ގިނަ ފަހަރަށް ގްރޫޕު ސްޓަޑީއިން ތިމާ އަށަގަންނަނީ އެހެން މީހުންނަށް ބަރޯސާ ވުމުގެ އާދައެކެވެ. ޓެސްޓު ޕޭޕަރުގައި އަމިއްލައަށް ޖަވާބުދާރީ ވާންޖެހޭ އިރު އެކަން އޮންނާނީ ނުކުރެވިފަ އެވެ.

ރަހުމަތްތެރިންނާ އެކު ފިލާވަޅު ކިޔައި، ނޭނގޭ އެއްޗެހި އެކަކު އަނެކަކަށް އޮޅުން ފިލުވައިދޭށެވެ. ނަމަވެސް ފިލާވަޅު ދަސްކުރުމާއި، މިފަދަ ކަންކަމުގައި އަމިއްލައަށް ވެސް ވަގުތު ހޭދަ ކުރާށެވެ.

ކްލާހަށް ފަހު ފިލާވަޅު ކިޔައިލުން:

މިއީ ގޯސް އާދައެއް ނޫނެވެ. މިކަން ކުރުމަށް މުދައްރިސުން ވެސް ބާރު އަޅުއްވަ އެވެ. ނަމަވެސް މިއީވެސް މާ ބޮޑަށް ނަތީޖާ ނެރެވޭ ކަމެއް ނޫނެވެ. ކްލާހުގައި ފިލާވަޅަށް ތަޢާރަފުވެ، ކްލާހުގައި ކިޔެވި އެއްޗެއް ގޭގައި ކިޔުމުގެ ބަދަލުގައި، ކްލާހުގައި ކިޔެވި އެއްޗެއްގެ އަލީގައި، އުނގެނުނު މަޢުލޫމާތުތަކުގެ ކޮންސެޕްޓް ހަނދާން ކުރުމަށާއި އަންޑަސްޓޭންޑް ވުމަށް މަސައްކަތް ކުރާށެވެ.

މަޑުމައިތިރި ތަނެއްގައި ކޮންމެ ދުވަހަކު ކިޔެވުން:

ފުރާވަރުގެ ބައެއް ކުދިން ކިޔެވުމުގައި ގޭގައި މަޝްއޫލުވެ އުޅޭ އިރު އުޅެނީ ފޭސްބުކްއާއި މިއުޒިކާއި ވެސް އެކުގަ އެވެ. ހުރިހާ އެއްޗެއް އެއްފަރާތް ކޮށްފައި ކިޔެވުމަށް ބެލެނިވެރިން، އެފަދަ ހާލަތެއްގައި ބުނާނެ އެވެ. އަދި ކޮންސެންޓްރޭޓް ކުރެވޭނީ މަޑުމައިތިރި ތަނެއްގައި ކަމަށް ވެސް ބުނެ އެވެ.

އަބަދު އެއް ތަނެއްގައި ހުރެ ކިޔެވުމުގައި ވަގުތު ހޭދަ ކުރާ ނަމަ، ކިޔެވި މަޢުލޫމާތު ހަނދާން ވާނީ އެތަނުގައި ހުރި ތަކެތި ފެނި، ހަނދާން ވުމުންނެވެ. އިމްތިހާނު ހަދަން އިށީންނަ އިރު އެ މާލަމުގައި ހުންނާނެ ތަކެތި ފެނިފައި ހަނދާނެއް ނުވާނެ އެވެ. އެހެންކަމުން، ތަފާތު ތަންތަނުގައި ތަފާތު ގޮތްގޮތަށް ކިޔެވުމަށް އާދަކުރަން ޖެހެ އެވެ. މަޑުމައިތިރި ތަންތަނާއި، އަޑުގަދަ ތަންތަނުގައި ވެސް ކިޔަވަން އާދަ ކުރާށެވެ. އުފާވެފައި ހުންނަ އިރާއި، ދެރަވެފައި ހުންނަ އިރާއި، ރުޅިގަދަވެފައި ހުންނަ އިރުގައި ވެސް އެވެ. ގޭގައި ވީޑިއޯ ގޭމެއް ކުޅެން ހުންނަ ވަގުތު ވެސް، ފިލާވަޅުން ހަނދާނުގައި ހުރި ތަކެއްޗާއި މެދު ވިސްނާށެވެ. އޭރުން، ސުވާލު ކަރުދާހުގައި ސުވާލެއް ފެނުމުން، "އަހަރެން މި ސުވާލުގެ ޖަވާބު ދަސްކުރީ މިވެނި ތަނެއްގައި މިހެން ހުރެ"އޭ، ފަދަ ހަނދާނެއް އައުވުމަކީ ގާތުގައި ވާނެ ކަމެކެވެ.

ކިޔެވި ތަކެތި ގިނަ ގިނައިން ބުއްދިއަށް ގެނައުމަށްޓަކައި ކިޔެވުން:

ކިޔެވި ތަކެތި ބުއްދިއަށް ގެނެސްގެން ނޫނީ، އިމްތިހާނުގައި ސުވާލުތަކަށް ޖަވާބެއް ނުދެވޭނެ އެވެ. އެހެންކަމުން، އެތަކެތި ދަސްކުރަން ޖެހެ އެވެ. ނަމަވެސް މާ ގިނަ ގިނައިން ކިޔެވުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ.

އޭގެ ބަދަލުގައި، ނަތީޖާ ނެރެވޭނެ، "އިފެކްޓިވް" ގޮތަކީ ކިޔަވައި އުނގެނު މަޢުލޫމާތު ގިނަ ދުވަހު ހަނދާނުގައި ބެހެއްޓުމެވެ. މިއަދު ކިޔަވާފައި، އެ މަޢުލޫމާތު ދިގު މުއްދަތަކަށް ހަނދާން ކުރަން މަސައްކަތް ކުރާށެވެ.

comment ކޮމެންޓް