ޒުހާ މަރާލި މައްސަލާގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ޑްރޫމްގެއިން ފުލުހުން ރޭ ހައްޔަރުކޮށްގެން ގެންދިޔަ އަންހެން މީހާ (ރަތް ކުލައިން ބޮޅު އަޅާފައި) ފުލުހުންގެ ވެހިކަލަށް އަރުވަނީ: އެ މީހާ އަކީ ޒުހާގެ މަރާއި ގުޅިގެން ރޭ "ސަން" އަށް މައުލޫމާތު ދިން އެކަކު -- ސަން ފޮޓޯ/ އަލީ ނަސީރު

ލ. ގަނ ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުހައި ހައްޔަރުކޮށްފައިވާ 28 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް އިތުރުކުރީ 10 ދުވަސް ކަމަށެވެ. އަދި 50 އަހަރުގެ ދިވެހި އަންހެން މީހާގެ ބަންދަށް އިތުރުކުރީ ފަސް ދުވަސް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އުމުރުން 23 އަހަރުގެ ޒުހާ މަރުވެފައި އޮއްވައި ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރު ގަލޮޅު ދޫހިމެރި މަގު ގޯޅިގަނޑެއްގެ ތެރެއިންނެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އެދެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރުގެ ވަގުތުގައި ކޯޓުއަމުރެއްގެ ދަށުންނެވެ. އެދެމީހުން ހައްޔަރުކުރުމަށްފަހު އެދެމީހުން ދިރިއުޅޭގެ ބަލައި ފާސްކޮށް ތަހުގޫގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި ޒުހާގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ނިންމައި އެކަމާބެހޭ ގޮތުން ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް