ދުބާއީއަށް ދިޔަ ދިވެހީންގެ ބަޔަކު ހާލުގައި ޖެހުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ފުލުހުން

މާލޭގައި އަމިއްލަ ބަޔަކު ތައާރަފްކުރި ޕެކޭޖެއްގެ ދަށުން ދުބާއީ އަށް ދިޔަ ދިވެހިންތަކެއް ހާލުގައި ޖެހުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ސަން އަށް އެނގިފައިވާގޮތުގައި "ޓުއަލޮޖީ" ކިޔާ އަމިއްލަ ބަޔަކު އާ އަހަރާ ދިމާކޮށް 40 އަށް ވުރެ ގިނަ ދިވެހީން ދުބާއީއަށް ގެންގޮސް ވަންނާނެ ތަނެއް ނުލިބި، އެންމެ ފަހުން އަތުން އެތައް ލައްކަ ރުފިޔާއެއް ޚަރަދުކުރަން ޖެހުނު ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއީލް އަލީ މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހަތަރު މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން އިމިގްރޭޝަނަށް އަންގާފައިވާ ކަމަށެވެ.

ދުބާއީގެ ހޮޓަލަކަށް ދިޔުމަށް ބަހުގައި ދަނިކޮށް ފައިސާ ނުދައްކާކަމަށް ބުނެ އެ އެންމެން ބަހުން ބާލާފައިވާ ކަމަށް ވެސް ދުބާއީއަށް ދިޔަ މީހުން ބުންޏެވެ.
ދުބާއީއަށް ދިޔަ މީހުން ބުނީ ކޮންމެ މީހެއްގެ އަތުން 899 ޑޮލަރު "ޓުއަލޮޖީ" ނަމަކަށްކިޔާ އެމީހުން ނެގި ކަމަށާއި އެ ފައިސާގެ ތެރޭގައި ހިމެނެނީ ދެކޮޅު ޓިކެޓާއި ހުރުމާއި ތަންތަނަށް ޒިޔާރަތްކުރުމުގެ ޚަރަދުކަމަށެވެ.

ހާލުގައި ޖެހިފައިވަނިކޮށް އެމީހުންނާ ހަވާލުވެ ދުބާއީގެ ޓޫރިޒަމް ކުންފުންޏަކުން ފައިސާ ދައްކައި ދަތުރުގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިން ކަމަށް ވެސް އެމީހުން ބުންޏެވެ.

ފުލުސް އޮފީހަށް އެމީހުން މައްސަލަ ހުށަހެޅީ އެނބުރި މާލެ އައުމަށްފަހު މިއަދުގެ ވަގުތެއްގައެވެ.

comment ކޮމެންޓް