ސިޒޭރިއަން ހެދުމަށްފަހު ލޭ މަނާ ނުވި އަންހެން މީހާ މާލެ ގެންނަނީ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް -- ފޮޓޯ: ކުޅުދުއްފުށި ލައިވް

ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޒޭރިއަން ހެދުމަށްފަހު ލޭ މަނާ ނުވި އަންހެން މީހާ މާލެ ގެނައުމަށް ފުރުވާލައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދުމަށް ފަހު ލޭ މަނާ ނުވުމުގެ ސަބަބުން 33 އަހަރުގެ އަންހެން މީހާގެ ހާލު ސީިރިއަސްވެ ފަރުވާ ދެމުން އަންނަނީ އައިސީޔޫގަ އެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އަލީ މުހައްމަދު ސަން އަށް ވިދާޅުވީ އަންހެން މީހާ މިއަދު މާލެ ގެނައުމަށް ސީ ޕްލޭނެއްގައި ދާދި ދެންމެއަކު ފުރުވާލާފައިވާ ކަމަށެވެ.

އަލީ މުހައްމަދު ވިދާޅުވީ އަންހެން މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މި މައްސަލައިގައި ހޮސްޕިޓަލުގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ. ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވުމުން ރަހިމް ނެގުމުން ލޭ މަނާ ވާނެކަމަށް ބުނެ އޭނާގެ ރަހިމުވެސް ވަނީ ނަގާފަ އެވެ.

ނަމަވެސް ލޭ މަނާ ނުވެ، ހާލު ސީރިއަސްވުމުގެ ސަބަބުން ވެންޓިލޭޓަރަކާ އެކު ރޭ މާލެ އިން ޑޮކްޓަރެއްވެސް ވަނީ ގެންގޮސްފަ އެވެ.

އަންހެން މީހާގެ އިތުރުން، އޭނާގެ ދަރިފުޅުގެ ހާލުވެސް ސީރިއަސްވެ އައިސީޔޫގައި ފަރުވާ ދިން ނަމަވެސް މިހާރު ކުއްޖާގެ ހާލު ރަނގަޅު ކަމަށް ކައުންސިލުން ބުނެ އެވެ.

comment ކޮމެންޓް