ވަޒީފާއާ ބެހޭ ޓުރިބިއުނަލުން ވޭތުވެ ދިޔަ އަހަރު 80 މައްސަލަ ވަނީ ނިންމާފައި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލް-- ސަން ފައިލް ފޮޓޯ

ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް މިދިއަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން 80 މައްސަލައެއް ނިންމާފައިވާ ކަމަށް އެ ޓުރިބިއުނަލުން ބުނެފި އެވެ.

ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ އަހަރު ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ވޭތުވެ ދިޔަ އަހަރު ޖުމްލަ 174 މައްސަލައެއް އެ ޓްރިބިއުނަލަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނައީ ވަޒީފާ އިން ވަކިކުރުމުގެ ސަބަބުން ހުށަހެޅުނު މައްސަލަތަކާއި އިސްލާހީ ފިޔަވަޅު އެޅުމުގެ ސަބަބުން ހުށަހެޅުނު މައްސަލަތަކާއި އުޖޫރައާ ގުޅޭ އެކި މައްސަލަތަކެވެ.

ވަޒީފާގެ އެއްބަސްވުމާ ހިލާފުވެގެން ވެސް ބައެއް މައްސަލަ މިދިޔަ އަހަރު ޓްރިބިއުނަލަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 80 މައްސަލައެއް ނިމިފައިވާ އިރު އެ ޓުރައިބިއުނަލުން ބޭރުގައި 15 މައްސަލައެއް ސުލްހަވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

"ވަޒީފާއާ ބެހޭ ޓުރައިބިއުނަލްއަށް ހުށަހެޅޭ މައްސަލަތައް ވީހާ ވެސް އަވަހަށް ނިންމުމަށް ޓަކައި ޓްރައިބިއުނަލްއަށް ހުށަހެޅޭ ބައެއް މައްސަލަތައް ޓުރައިބިއުނަލް މެދުވެރިކޮށް ސުލްހަވުމުގެ [ކޮންސިލިއޭޝަން މެދުވެރިކޮށް ނިންމުމުގެ] މަސައްކަތްވަނީ ފެށިފައި،" ވަޒީފާއާ ބެހޭ ޓްރިބިއުނަލުގެ އަހަރު ނިމުނު ގޮތުގެ ރިޕޯޓުގައިވެ އެވެ.

ޓްރައިބިއުނަލުން 2015 ވަނަ އަހަރު އަލަށް ފެށި ކޮންސިލިއޭޝަން މަރުހަލާގެ ތެރެއިން ފަސް މައްސަލައެއް ނިމިފައިވާ އިރު 24 މައްސަލައެއް ޓްރައިބިއުނަލުން ނުބެލޭ ކަމަށް ކަނޑައެޅާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި 15 މައްސަލައެއް މައްސަލަ ހުށަހެޅިފަރާތްތަކުން އަނބުރާ ގެންދިޔައިރު ހަ މައްސަލައެއް ޓްރައިބިއުނަލުން ބާތިލުކޮށްފައިވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ޓްރައިބިއުނަލްގައި މިހާރު ހިނގަމުންދަނީ 34 މައްސަލައެއް ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އަދި މައްސަލައިގެ އަޑުއެހުންތައް މަދުކޮށް އަވަހަށް ނިންމުމަށްޓަކައި އަޑުއެހުންތައް ފެށުމުގެ ކުރިން އިބްތިދާއީ ބައްދަލުވުންތައް ބާއްވަމުންދާ ކަމަށް ޓުރައިބިއުނަލުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް