ޒުހާގެ މަރާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޑްރޫމްގެއިން ފުލުހުން މިރޭ ހައްޔަރުކޮށްގެން ގެންދިޔަ އަންހެން މީހާ (ރަތް ކުލައިން ބޮޅު އަޅާފައި) ފުލުހުންގެ ވެހިކަލަށް އަރުވަނީ: އެ މީހާ އަކީ ޒުހާގެ މަރާއި ގުޅިގެން ރޭ "ސަން" އަށް މައުލޫމާތު ދިން އެކަކު -- ސަން ފޮޓޯ/ އަލީ ނަސީރު

މިދިޔަ ބުދަ ދުވަހުގެ ރޭ ހ. ލާލުގެ ގޯޅިގަނޑު ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ލ. ގަން، ތުނޑި، ބާބުލް އަވާލީ، ހައްވާ ޒުހާ، 23، ގޮސް އުޅޭ ގެއެއް ކަމަށްވާ ހ. ޑްރޫމްގެ އިން ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ.

އެ ގެއިން ފުލުހުން ހައްޔަރުކުރީ އަންހެނަކާއި ފިރިހެނެކެވެ. "ސަން" އަށް އެނގިފައިވާ ގޮތުގައި ޒުހާގެ މަރާ ގުޅިގެން ފުލުހުން ކުރިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުން ހައްޔަރު ކުރުމުން އެ މަރާ ގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ. މިރޭ ފުލުހުން ހައްޔަރުކުރި ދެ މީހުންނަކީ ޒުހާގެ މަރާއި ގުޅިގެން ރޭ "ސަން" އަށް މައުލޫމާތު ދިން ދެ މީހުންނެވެ.

ޑްރޫމްގެ ހުންނަ ސަރަހައްދަށް ފުލުހުން މިރޭ ދިޔައީ އެކެއް ޖަހާކަށްހާއިރު އެވެ. އަދި އެ ސަރަހައްދު ދޫކޮށް ފުލުހުން ދިޔައީ 2:45 އެހާކަށްހާއިރު އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޑްރޫމްގެއިން ފުލުހުން މިރޭ ހައްޔަރުކޮށްގެން ގެންދިޔަ ފިރިހެން މީހާ ފުލުހުންގެ ވެހިކަލަށް އަރުވަނީ: މި މީހާ އަކީ ވެސް ޒުހާގެ މަރާއި ގުޅިގެން ރޭ "ސަން" އަށް މައުލޫމާތު ދިން މީހެއް -- ސަން ފޮޓޯ/ އަލީ ނަސީރު

ޒުހާ މަރުވެފައި އޮއްވައި ފެނުނު ހ. ލާލުގޭގެ ގޯޅިގަނޑުގައި ދިރިއުޅޭ މީހަކު ބުނީ ޒުހާ އެ ސަރަހައްދުން ފެންނަން ފެށީ ވަރަށް ފަހުން ކަމަށެވެ. އަދި އޭނާ އެންމެ ގިނައިން ވަދެ ނުކުމެ ހަދަނީ ދޫހިމެރި ގޯޅީގައި ހުންނަ ގ. ޑްރޫމް ގެއިން ކަމަށް އޭނާ ބުންޏެވެ.

މިރޭ ފުލުހުން ހައްޔަރުކުރި އަންހެން މީހާ "ސަން" އަށް ބުނީ އަންހެނަކާ އެކު ޒުހާ އެގެއަށް ވަދެ އުޅޭ ކަމަށާއި ނަމަވެސް އޭނާ ދިރިއުޅެނީ އެ ގޭގައި ނޫން ކަމަށެވެ.

ޒުހާގެ އަވަށްޓެރިން "ސަން"އަށް ބުނީ ޒުހާ އުޅެނީ ޑްރޫމް ގެއަށް ނިސްބަތްވާ ފިރިހެނަކާއެކުގަ އެވެ. އެ ފިރިހެން މީހާއަކީ ވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް އަވަށްޓެރިން ތުހުމަތު ކުރެ އެވެ. ޒުހާ އާއި އެ ފިރިހެން މީހާ އާއި ގުޅުން އޮންނަތާ އެތައް ދުވަހެއް ވެފައިވާއިރު އެ ދެމީހުން އެކުގައި ގިނަ ވަގުތު އުޅޭ މަންޒަރު އެ ސަރަހައްދުގެ މީހުންނަށް ފެންނަ ކަމަށްވެ އެވެ.

ޒުހާ މަރުވެފައި އޮއްވައި ފެނުނީ ހ. ލާލުގޭގައި ދިރިއުޅޭ އަބްދުﷲ ހަލީމް އަށެވެ. އަބްދުﷲ ބުނީ އޭނާ އަށް ޒުހާ ފެނުމާ އެކު ފުލުހުންނަށް ވަގުތުން ރިޕޯޓު ކުރި ކަމަށެވެ.

ޑްރޫމްގެ ބަލާ ފާސްކުރުމަށްފަހު ފުލުހަކު ބައެއް ތަކެތި ވެހިކަލަށް އަރުވަނީ: ސަން ފޮޓޯ/ އަލީ ނަސީރު

ޒުހާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ޒުހާގެ ހަށިގަނޑު ރާއްޖެ އިން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޒުހާގެ މަންމަ ނައީމާ މުހައްމަދު (ނައީމައްތަ) "ސަން" އަށް ބުނީ އޭނާގެ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައި އަނިޔާކޮށްގެން ކަމަށެވެ. އެ ތުހުމަތު ކުރެވެނީ ދަރިފުޅުގެ ހަށިގަނޑުން ފެންނަން ހުރި ނިޝާންތަކުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ދަރިފުޅުގެ ފަލަމަސްގަނޑުގައި ވެސް ބާރަށް ހިފާފައި ހުރި ކަމުގެ ނިޝާންތައް ފެންނަން ހުރި ކަމަށެވެ. ފަލަމަސްގަނޑުގައި ބާރަށް ހިފުމުން އަތުގެ އިނގިލިތައް އަރާ ގޮތަށް ނޫފައިގެންފައިވާ ނިޝާނެއް ފެންނަ ހުރި ކަމަށް ނައީމައްތަ ބުންޏެވެ.

comment ކޮމެންޓް