ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް މާލެއިން ބިމެއް ހޯދަނީ

ބީއެމްއެލް ހެޑް އޮފީސް: އެ ބޭންކުން ވަނީ މާލެއިން 8000 އަކަފޫޓާއި 12000 އަކަފޫޓާ ދެމެދުގެ ބޮޑު ބިމެއް ގަންނަން އިއުލާނުކޮށްފައި --- ސަން ފައިލް ފޮޓޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، މާލެއިން ބޮޑު ބިމެއް ގަންނަން އެ ބޭންކުން އިއުލާނުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، އެ ބޭންކުން މާލެ ސިޓީ ސަރަހައްދުގައި ގިނަ މަޝްރޫއުތަކެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ، މާލެ ސިޓީ ހިމެނޭ ސަރަހައްދުގައި ވަރަށް ގިނަ ކަންތައްތަކެއް ހިންގުމަށް ރާވާފައި. އެގޮތުން މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބޭންކުން ވަނީ ނިންމާފައި،" އޭނާ ވިދާޅުވިއެވެ.

މާލެއިން ބިމެއް ވިއްކާނޭ ފަރާތެއް ހޯދުމަށް ގައުމީ ބޭންކުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، ބީއެމްއެލް އިން 8،000 އާއި 12،000 އަކަފޫޓާ ދެމެދުގެ ބިމެއް ގަންނަން ބޭނުންވާތީ، މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް އީއޯއައި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ބިން ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން އެފަރާތުގެ ފުރިހަމަ މައުލޫމާތާއި، ބިމުގެ ފުރިހަމަ މައުލޫމާތުގެ އިތުރުން "ހަމަމިނަށް ކުރަހާފައިވާ ބިމުގެ ކުރެހުމެއް" ހުށަހެޅުމަށް ވެސް ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ބޭންކުން ބުނެފައި ވެއެވެ.

އީއޯއައި ހުށަހަޅާނީ ސިޓީއެއް މެދުވެރިކޮށް، ބީއެމްއެލްގެ ހެޑް އޮފީސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާއަށް ކަމަށްވެސް އެ ބޭންކުން ބުނެފައި ވެއެވެ.

ސެލްފް ސާވިސް ބޭންކިން ޔުނިޓަކާއެކު ބީއެމްއެލް އިން ހުޅުމާލޭގައި ހުޅުވާފައިވާ ބްރާންޗު: ސަން ފޮޓޯ/ އަލީ ނަސީރު

މާލޭގެ އިތުރުން ހުޅުމާލޭގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ބީއެމްއެލްއިން ނިންމާފައި ވަނީ، ހުޅުމާލެއަށް ހަލުވިކަމާއެކު އަންނަމުންދާ އިޖްތިމާއީ ކުރިއެރުމާއި އުމްރާނީ އަދި އިގްތިޞާދީ ތަރައްގީއާ ގުޅިގެން ގައުމީ ބޭންކުގެ ހިދުމަތްތައް ހުޅުމާލޭގައި އިތުރަށް ފުޅާކުރުމަށް ކަމަށް ވެސް ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ބީއެމްއެލްއިން މީގެ ކުރީން ބުނެފައި ވަނީ، އެ ބޭންކުން ހުޅުމާލޭގައި ދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު، ހުޅުމާލޭގައި އޭޓީއެމްސެންޓަރެއް ގާއިމުކޮށް ބްރާންޗަށް ވެސް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާނޭ ކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި އިތުރު އޭޓީއެމްތައް ގާއިމުކުރެވި ހުޅުމާލޭގައި ބިޒްނަސް ސެންޓަރެއްވެސް ގާއިމްކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

comment ކޮމެންޓް