އެސްބީއައިގެ ޑެބިޓް ކާޑު ހަމައެކަނި ރާއްޖެއާއި އިންޑިއާގައި ބޭނުން ކުރެވޭ ގޮތް ހަދަނީ

ސްޓޭޓު ބޭންކު އެޮފް އިންޑިއާ (އެސްބީއައި): ސަން ފައިލް ފޮޓޯ

ރާއްޖޭގައި ހުންނަ ސްޓޭޓް ބެންކް އޮފް އިންޑިއާ (އެސްބީއައި) އިން ދޫކުރާ އޭޓީއެމް ޑެބިޓް ކާޑު ރާއްޖެއާއި އިންޑިއާ ފިޔަވައި އެހެން ތަނެއްގައި ބޭނުން ނުކުރެވޭގޮތް ހަދައިފި އެވެ.

އެސްބީއައި އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއާއި އިންޑިއާ ފިޔަވައި އެހެން އެއްވެސް ސަރަހައްދެއްގައި އެ ހިދުމަތް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އެ ބޭންކުން ދޫކޮށްފައިވާ އޭޓީއެމް ޑެބިޓް ކާޑް މިވަގުތު ދުނިޔޭގެ ކޮންމެ ގައުމެއްގެ މާސްޓާ ކާޑް އެސްޓާބްލިޝްމެންޓެއްގައި ބޭނުންކުރެވޭނެއެވެ. ނަމަވެސް އެހެން ހަމަޖައްސާފައި ވުމުގެ ސަބަބުން ސެކިއުރިޓީ މިންގަނޑު ދަށް ގައުމުތަކުގައި އޭޓީއެމްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

އެހެންކަމުން އެ ހިދުމަތް ކުޑަ ކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

ނަމަވެސް އަންނަ އާދިއްތަ ދުވަހަށްފަހު އެ ހިދުމަތް އެހެން ގައުމަކުން ބޭނުން ކަމުގައި ވާނަމަ އެސްބީއައިގައި އެކަމަށް އެދިގެން ހާއްސަ ފޯމެއް ފުރަން ޖެހޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

"މިފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައިޑީ ކާޑުގެ ނުވަތަ ވޯކް ޕާމިޓުގެ ކޮޕީއަކާއެކު މިބޭންކަށް ހުށަހެޅިދާނެއެވެ. ނުވަތަ ސްކޭން ކޮޕީއެއް މެއިލް ކުރެވިދާނެއެވެ. ފުރިހަމަ ކުރައްވާފައިވާ ފޯމާއި ލިޔެކިޔުންތައް ބޭންކަށް ލިބޭތާ 48 ގަޑިއިރުތެރޭގައި އޭޓީއެމް ޑެބިޓް ކާޑް ދިވެހިރާއްޖެ އަދި އިންޑިޔާ ފިޔަވައި އެހެން ގައުމުތަކަށް އެކްޓިވޭޓް ކޮށްދެވޭނެއެވެ،" އެސްބީއައިގެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް