ޕޯސްޓްމޯޓަމަށްފަހު ޒިޔާދާގެ ހަށިގަނޑު މިރޭ މާލެ ގެންނަނީ

ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ނިޔާވި ގދ ތިނަދޫ ޒިޔާދާ ނައީމް -- ފޮޓޯ -- އެފްބީ

ލިބިފައިވާ ޖިންސީ އަނިޔާތަކަކާ ގުޅިގެން އައިޖީއެމްްއެޗުގެ އަސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ، ތޭންކް، ޒިޔާދާ ނައީމުގެ ހަށިގަނޑު، ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިރޭ މާލެ ގެނެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ޕޯސްޓްމޯޓަމް ހެދުމަށް ޒިޔާދާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔައީ މި މަހުގެ ދެވަނަ ދުވަހު އެވެ.

ޕޯސްޓްމޯޓަމް ހެދުމަށްފަހު ޒިޔާދާގެ ހަށިގަނޑު މާލެ ގެނައުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު މާދާމަ މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ އެވެ.

ޒިޔާދާ ނިޔާވި މައްސަލަ ފުލުހުން ކުރިން ބަލަމުން އައީ ޖިންސީ އަނިޔާކުރި މައްސަލައެއްގެ ގޮތުގައެވެ. ނަމަވެސް އެމައްސަލަ މިހާރު ބަލަމުން ދަނީ މަރުގެ މައްސަލައެއްގެ ގޮތުގައެވެ.

އެ މައްސަލައިގައި ޒިޔާދާއަށް ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމުތުގައި ފުލުހުން ވަނީ އޭނާގެ ފިރިމީހާ އިބްރާހިމް ޝާހު، 40، ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް