ރަޝީދުގެ ކޮކަޓޫއާ ހެދި ރޮޒައިނާއަށް އުނދަގޫވެފައި!

ކޮންމެ ދުވަހެއްގެ ހެނދުނުގެ މާއިރާއެކު އެ ސޮރު ބާރަށް ގޮވާލަ އެވެ. އަރާމު ނިދިން ގޭގެ ގިނަ ބަޔަކު ހޭލައްވައިލަ ދެނީ އެސޮރު ގޮވާ ގޮވުންތަކުންނެވެ. ނަމަވެސް، އެސޮރުގެ އެ ގޮވުންތަކުގެ އަޑު ދުރަށް ފޯރައި އުނދަގޫ މާ ބޮޑުވެއްޖެ ތޯއްޗެކެވެ. ފުލުހުންނާ ހިސާބަށް އެ ސޮރުގެ އުނދަގުލުގެ މައްސަލަ ދާވަރު ވެއްޖެ އެވެ. ނުވިތާކަށް "ސިޔާސީ" ކަމަށް ވެސް އެކަން ވެއްޖެ އެވެ.

މި ދައްކަނީ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު އޮޅުކޮށްގެން ގެންގުޅުއްވާތާ 13 އަހަރުވީ ފިރިހެން ކޮކަޓޫ "މާބާރަށް ގޮވާތީ" އެކަމާ އުނދަގޫވެގެން މަޖިލީހުގައި ހިމެނިވަޑައިގަންނަވައި އިދިކޮޅު މެމްބަރު، ތުލުސްދޫ ދާއިރާގެ ރޮޒެއިނާ އާދަމް ފުލުހުންނަށް މައްސަލަ ހުށަހެޅުއްވި ވާހަކަ އެވެ.

~
އަހްމަދު ރަޝީދު ވިދާޅުވީ، އުމުރުން 19 އަހަރުގެ އެ ކޮކަޓޫ ކޮންމެ ދުވަހަކު ހެނދުނު 7:30 އެހާކަންހާއިރު މީހުންގެ ޝައުގުވެރިކަން ހޯދުމަށް ގޮވާ ހަދާ ކަމަށެވެ. އެ ސޮރު ގޮވާލާއިރު ރަޝީދު ދިރިއުޅުއްވާ ގެއާ ކައިރިން ޖަނަވަރީ މަގުގައި ހުންނަ އެހެން ގެތަކަށް ވެސް އެ އަޑުއިވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ދިރިއުޅުއްވާ ގެއާ ރަޝީދު ދިރިއުޅުއްވާގެ ހުންނަނީ ޖަނަވަރީ މަގުގެ ދެ ފަރާތުގަ އެވެ. ރަޝީދު ވިދާޅުވީ، އެފްރިކާ ބައްރުގައި އާއްމުކޮށް ދިރިއުޅޭ ގުރާ އާއިލާއަކަށް ނިސްބަތްވާ އެ ކޮކަޓޫ މާބާރަށް ގޮވާތީ ރޮޒައިނާ ޝަކުވާކުރެއްވި ކަމަށެވެ. އަދި މަޖިލިސް ޖަލްސާ ނޯންނަ ހަފުތާ ބަންދު ދެ ދުވަހު އެ ސޮރު އެގޮތަށް ބާރަށް ނުގޮވާނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

"ރޮޒައިނާ ވިދާޅުވަނީ ބަންދު ނޫން ދުވަސް ދުވަހު ނުގޮވާ ގޮތެއް ހަދައިދޭށޭ. ދެން އަޅުގަނޑަކަށް އެއްގޮތަކަށް ވެސް ނޭގުނު އެ އެއްޗަކަށް ]ގުރައަށް[ ބުނެދޭކަށް މިއަދަކީ ރޮޒައިނާގެ ޗުއްޓީ ދުވަހޭ ނޫނީ ބަންދު ދުވަހޭ ތިގޮތަށް ބާރަށް ނުގޮވާށޭ. ދެން ހަމަ ގޮވަނީ އެ،" ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ގުރާ ގޮވާތީ އުނދަގޫވެގެން ރޮޒައިނާ ޝަކުވާ ކުރެއްވުމުން ގުރާ ގެންދަންވާށޭ ރޮޒައިނާ ގާތު ވިދާޅުވި ކަމަށެވެ. ނަމަވެސް، ރޮޒައިނާ ބޭނުންވީ އެ ސޮރު މަރާލަން ކަމަށް ވެސް ރަޝީދު ވިދާޅުވި؛ "އަޅުގަނޑު ބުނިން މަރައެއް ނުލެވޭނޭ. އަޅުގަނޑު ވަރަށް ލޯބިން ގެންގުޅޭ ގުރައެކޭ މީ،"

ރަޝީދު ވިދާޅުވި ގޮތުގައި، އެ ސޮރު ހިމޭންކުރުމަށް ދެން ރޮޒައިނާ މައްސަލަ ހުށަހެޅުއްވީ ފުލުހުންނަށް ކަމަށާއި އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ފުލުހުން އެ ގެއަށް ދިޔަ ކަމަށެވެ. އަދި ފުލުހުން ދިޔައިރު ގޭގައި ނޫޅޫއްވާ ކަމަށާއި ފުލުސް އޮފީހަށް ވަޑައިގަތުމަށް އެދިފައި އޮތުމުން، އެތަނަށް ވަޑައިގަންނަވަން އިންކާރު ކުރައްވައިފައިވާ ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

ރަޝީދުގެ ކޮކަޓޫގެ މައްސަލަ ރޮޒައިނާ ހުށަހަޅުއްވައިފައިވާ ކަމަށާއި އަދި އެ މައްސަލަ ހައްލުކުރުމަށް ވަގުތުން އެ މައްސަލައަށް ފުލުހުން އެޓެންޑް ކުރި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވެސް ވިދާޅުވި އެވެ.

ނަމަވެސް، ކޮކަޓޫގެ ސަބަބުން އުނދަގޫވެގެން މައްސަލަ ހުށަހެޅުއްވި ރޮޒައިނާގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފޯނު އޮތީ ނިއްވާލައިފަ އެވެ.

ރަޝީދު ވިދާޅުވަނީ، ކޮކަޓޫ ގޮވުމަކީ ތަބީއީ ކަމެއް ކަމަށާއި ރޮޒައިނާ ވިދާޅުވިޔަސް އެކޮކަޓޫ މަރާ ނުލެވޭނެ ކަމަށެވެ.

"މިވަނީ 13 އަހަރު އެ ގެންގުޅޭތާ. އަސްލު އަޅުގަނޑުގެ ޑޯޓާއަށް (އަންހެން ދަރިފުޅަށް ހޯދަދިން ގުރައެއް އެއީ. ޑޯޓާ ދިޔައިމަ އަޅުގަނޑު އޭތި ގެންގުޅެނީ. ރޮޒައިނާ ވިދާޅުވިޔަކަސް އޭތި މަރައެއް ނުލެވޭނެ ނުންތޯ؟" ރަޝީދު ވިދާޅުވި އެވެ.

ބަސްތައް ރިޕީޓްކޮށް، އަދި ނަންނަމުން މީހުންނަށް ގޮވާލުމަށް ކުޅަދާނަ އެ ފިރިހެން ކޮކަޓޫ "އަންހެންނުންނަށް ގޮވުމަށް ހާއްސަ ޝައުގުވެރިކަމެއް" ހުންނަ ކަން ރަޝީދަށް ވެސް ފާހަގަކުރެއްވޭ ކަމަށް ވިދާޅުވި އެވެ. "ގޭތެރޭގައިވެސް އަންހެންވެރިންނަށް މީތި ވަރަށް ގޮވާނެ."

ނަމަވެސް، މިފަހަރު މި ކޮކަޓޫއަށް ގޮވިފަ މިއޮތީ ރޮޒައިނާއަށެވެ. އެ ސިޔާސީ އަންހެން ކަނބަލުގެ އަތުން މިފަހަރު މި "ސިޔާސަ" ކޮކަޓޫއަށް ލިބޭނީ ކޮންކަހަލަ ލޮޓިއެއް ހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް، އެންމެން ތިބޭނީ އެ މަންޒަރު ބަލަން ކަން ޔަގީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް