މިރުޒާ ވަނީ ގާތްގަނޑަކަށް "މަރުވެފައި"

"މިހާރު ވެސް މެޝިނު އެންމެ މިނިޓަކަށް ހުއްޓިއްޖެއްޔާ މިރުޒާ މިދުނިޔެއަކު ނޯންނާނެ. އެ ދަރި މިހާރު އެ އޮތީ ހަމަ މަރުވެފައި،" މިރުޒާގެ ބައްޕަ އިބްރާހިމް ހުސެއިން ބުންޏެވެ.

މިދިއަ ހޯމަ ދުވަހުގެ ހަވީރު ވިލިމާލޭގައި ހިންގި މާރާމާރީ އެއްގައި ޒަޚަމް ކޮށްލި ނ. މާޅެންދޫ އަހުމަދު މިރުޒާ 25، މެޝިނުގެ އެހީގައި ނޭވާލައްވަމުން އަންނީ އޭނާގެ ހަށިގަނޑުގައި ކޮންމެ ވެސް ވަރަކަށް ވިންދު ޖަހާތީ، ވިންދު އެއްކޮށް ހުއްޓެންދެން އެގޮތަށް ބާއްވަން މިރުޒާގެ މަންމަ ބޭނުންވެގެން ކަމަށް މިރުޒާގެ ބައްޕަ ބުންޏެވެ.
~
އައިޖީއެމްއެމްއެޗްގައި ހުރެ ސަން އަށް މަޢުލޫމާތު ދެމުން މިރުޒާގެ ބައްޕަ ބުނީ ގަދަވެ ސަލާމަތުން ހުރި އެންމެ ހަގު ފިރިހެން ދަރިފުޅުގެ މިހާރު "މަރުވެފައިވާ" ކަމަށް އާއިލާއިން ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް ދަރިފުޅުގެ މަރުވެއްޖެ ކަމަށް މިއަދު ހަބަރުތައް ފެތުރިގެން ދިއުމުން ގަބޫލު ކުރަން ދަތިވެ ބަސް ހުއްޓިފައި ހުރެވުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން މިރުޒާގެ މަންމަ އަށް ވަރަށް ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް ވެސް އިބްރާހިމް ބުންޏެވެ.

"އަޅުގަނޑު ވެސް ހާދިސާގެ ޚަބަރު ލިބުނު އިރު ހުރީ ރަށުގައި. މިރުޒާގެ މަންމަގެ ލޮލުން ވެސް އެންމެ ހިނދުކޮޅަކަށް ވެސް ކަރުނަ ނުހިކޭ. އަޅުގަނޑަށް ވެސް ދެންމެ މި ވާހަކަ ދެއްކެން ފެށުނީ،" އިބްރާހިމް ބުންޏެވެ.
މިރުޒާ "މަރުވެފައި"ވާކަމަށް އާއިލާއި އާއި ރައްޓެހިން ގަބޫލު ކުރާއިރު، މިރުޒާ އަށް ފަރުވާދެމުން އަންނަ އައިޖީއެމްއެޗުން ބުނެފައި ވަނީ މިރުޒާ އޮތީ ކޯމާއެއްގައި ކަމަށާއި "ޑޮކްޓަރުން ވިދާޅުވަނީ އޭނާގެ ބްރެއިން ޑެޑް"ވެފައިވާ ކަމަށެވެ.

މިރުޒާގެ ބައްޕަ ބުނީ ހޮސްޕިޓަލުން ވެސް މިރުޒާ އާ ދޭތެރޭ މިހާރު އުއްމީދު ކަނޑާލާފައިވާ ކަމަށެވެ. އަދި އެންމެ ވެސް މިހާރު ގަބޫލު ކުރަނީ މިރުޒާ "މަރު" ވެއްޖެ ކަމަށެވެ.

މާލޭގައި ހުންނަ ރޯލު ވިއްކާ ދެ ފިހާރައެއްގައި މަސައްކަތް ކުރަމުން އަންނަ މިރުޒާގެ ކުއްލި މަރާ ގުޅިގެން އެ އާއިލާއަށް ފުން ހިތާމަ އެއް ވެރިވެފައި ވާއިރު، މިރުޒާ އަށް ހަމަލާ ދޭންޖެހޭ އެއްވެސް ސަބަބެއް މިހާތަނަށް އާއިލާއަށް ވެސް އަދި މިރުޒާގެ ރައްޓެހިންނަށް ވެސް ބުނެދޭކަށް ނޭނގެ އެވެ.

މިރުޒާގެ ގާތް ރައްޓެއްސަކު ބުނީ މިރުޒާ ވިލިމާލެއަށް ދިޔަކަން އޭނާ އަށް އެނގޭ ކަމަށާއި ނަމަވެސް ކުއްލި އަކަށް މިރުޒާ އަށް ބަޔަކު ހަމަލާދިން ހަބަރު ލިބުމުން ވަރަށް ހައިރާންވި ކަމަށެވެ. އަދި ހަމަލާދިން ވަގުތުން ފެށިގެން މިރުޒާގެ ހޭނާރާތީ ހާދިސާއާ ބެހޭ އެއްވެސް މިންވަރެއް އޮޅުން ނުފިލާ ކަމަށް ވެސް ބުންޏެވެ.

އަބަދުވެސް ބޫޓަށް އަރައި ރީތިވެގެން ހުންނަ ފެޝަނަށް ލޯބި ކުރާ މިރުޒާއަށް ދިން ހަމަލައާ ގުޅިގެން ކަރުނައާއެކު ވަގުތު ހޭދަ ކުރަމުންދާ ބައްޕަ ބުނީ އޭނާގެ ދަރިފުޅަށް ބަޔަކު ހަމަލާދީފައިވަނީ ރައްޓެއްސަކާ އެކު ވިލިމާލޭގައި އުޅެފައި ރައްޓެހި ކުއްޖާގެ އެރަށުގެ ޕާކް ކައިރީގައި ހުންނަ ގެއަށް ލާފައި ނުކުމެ ޕާކްގެ ގާގަނޑު މަތީ އިށީންދެގެން އިންދާ ކަމަށެވެ.

"މިރުޒާއަކީ ވަރަށް ރީތިވެގެން އަބަދުވެސް ވަރަށް ޝާހީކޮށް އުޅޭ، އެގޮތަށް އުޅެން ބޭނުންވާ ކުއްޖެއް. އޭނާއަށް ބަޔަކު ހަމަލާދިނީ ލަކުޑިބުރި ތަކަކުން ތަޅައިގަނެގެން ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" މިރުޒާގެ ބައްޕަ އަށް އެނގޭވަރު ބުނެދިނެވެ.

މިރުޒާ އަށް ހަމަލާދިނުމާއި ގުޅިގެން އޭނާގެ ވަރަށް ގިނަ ރައްޓެހިންނާއި ގާތް މީހުން ދަނީ "މަރުވެފައި"ވާ މިރުޒާގެ މޫނު ދުށުމަށް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފަ އެވެ. މިރުޒާ ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު އީސާ ވެސް ވަނީ ހޮސްޕިޓަލަށް ވަޑައިގެނެނެވި އެވެ. އައިޖީއެމްއެޗްގައި ހުންނަވާ ސަން އަށް މަޢޫލޫމާތު ދެއްވަމުން އީސަ ވިދާޅުވީ މިރުޒާ އަށް ބަޔަކު ހަމަލާދިން ވާހަކަ އިވި ވަޑައިގަތުމުން ފުން އަސަރެއް ކުރުވި ކަމަށެވެ. އަދި ވިދާޅުވީ މިއީ އޭނާގެ ދާއިރާގެ ކުއްޖަކަށް އެފަދަ ބޮޑު އަނިޔާ އެއް ދިން ފުރަތަމަ ފަހަރު ކަމަށެވެ.
މިރުޒާ އަށް ދިން ރަހުމް ކުޑަ ހަމަލަ، ވަރަށް ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފައި ވާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.

ޒަހަމްކޮށްލުމުން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މިރުޒާގެ ހާލު ސީރިއަސް ކަމުން އޭނާ އަށް ފަރުވާ ދީފައި ވަނީ ވެންޓިލޭޓަރުގެ އެހީގަ އެވެ. އޭރު ވެސް މިރުޒާގެ ހޭ ނާރާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެހެން ކަމުން މިހާތަނަށް އާއިރު ހާލަތުގެ ސީރިއަސް ކަމަށް ބަލައި މިރުޒާގެ މުޅި އާއިލާ ދެކެނީ ގާތްގަނޑަކަށް މިރުޒާ "މަރުވެއްޖެ" ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް