އިއާދަކުރަނިވި ހަކަތައް ބޭނުންކޮށް، ސަބްސިޑީ ކުޑަކުރަން ޖެހޭ: ތާރިގު

ނެޓް މީޓަރިން ގަވާއިދު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވާހަކަފުޅުދައްކަވަނީ-- ސަން ފޮޓޯ: ޢަލީ ނަސީރު

ކަރަންޓް ބިލަށް ހޭދަވާ ފައިސާގެ ބޮޑު ބައެއް، ސަބްސިޑީގެ ގޮތުގައި ހޭދަވަނީ ދައުލަތުން ކަމަށާއި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް، ސަބްސިޑީއަށް ހޭދަކުރާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް 'ނެޓް މީޓަރިން' އުސޫލުން ކަރަންޓް ވިއުގަތަކާއި ގުޅުމުގެ ގަވާއިދު ތައާރަފް ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކަރަންޓް ބިލުތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް، އެކި އެކި ސަބްސިޑީގެ ގޮތުގައި ދައްކަނީ ސަރުކާރުން ކަމަށެވެ.

"...ކަރަންޓް ބިލުގެ ވަރަށް ބޮޑު ބައެއް މި އޮންނަނީ، ކަރަންޓް ބިލުގެ ގާތްގަނޑަކަށް 45 ޕަސެންޓް ވަރު ސަބްސިޑީ ސަރުކާރުން އެބަ ދެއްވާ. ފިއުލް ސަބްސިޑީގެ ގޮތުގަޔާއި އަދި އެހެން ސަބްސިޑީގެ ގޮތުގައި. މިފިއުލް ސަބްސިޑީ އެބަ ޖެހޭ އަޅުގަނޑުމެން ކުޑަ ކުރެވޭނެ ގޮތްތައް ހޯދަން،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތައް ވިޔަފާރީގެ އުސޫލުން ފޯރުކޮށްދޭނެ ބަޔަކު ހޯދުމަކީ އެ ދާއިރާއިން މިހާރު ކުރަން ޖެހިފައިވާ މަސައްކަތްތެއް ކަމަށެވެ.

"...ބީއެމްއެލް އިން މިހާރު ތައާރަފްކޮށްފި ބީއެމްއެލް ގްރީން ފަންޑެއް. އެ ފަންޑުގެ ގާތްގަނޑަކަށް 500 މިލިޔަން ދިވެހި ރުފިޔާ މި އޮތީ އެސައިންކޮށްފައި. އެފަންޑުގެ ބޭނުމަކީ ވެސް ދިވެހި ރައްޔިތުންނަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ވަސީލަތްތައް ހޯދައިދިނުމަށް، އަގުހެޔޮ ގޮތެއްގައި ނޫނިއްޔާ ކޮންސެޝަނަލް ލޯނެއް ދިނުން. އެހެންވީމާ އެ ކޮންސެޝަނަލް ލޯނާއި މިއަދު މިތައާރަފްކުރެވުނު ނެޓް މީޓަރިންއާ މިކަން ގުޅިއްޖެ ކަމަށް ވަންޏާ، މިއޮތީ މިކަންތައް ރައްޔިތުންނަށާއި އާއްމު ވިޔަފާރިތަކަށް ކުރެވޭނެ ގޮތްތައް ހަދައިދެވިފައި. ދެން އޮތީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތައް ފޯރުކޮށްދޭނެ ފަރާތްތަކެއް ވިޔަފާރީގެ ގޮތުން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުން،" ތާރިގު ވިދާޅުވި އެވެ.

comment ކޮމެންޓް