ދެން އޮތީ ވިޔަފާރި އުސޫލުން އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭނެ ބަޔަކު ހޯދުން: ތާރިގު

ނެޓް މީޓަރިން ގަވާއިދު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވާހަކަފުޅުދައްކަވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ދާއިރާ އިން ދެން އޮތް ކަމަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތް ވިޔަފާރި އުސޫލުން ފޯރުކޮށްދޭނެ ބަޔަކު ހޯދުން ކަމަށް އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ވިދާޅުވެއްޖެ އެވެ.

އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް 'ނެޓްމީޓަރިން' އުސޫލުން ކަރަންޓް ވިއުގަޔާ ގުޅުމާ ބެހޭ ގަވާއިދު ލޯންޗު ކުރުމަށް ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެންވަޔަރްމެންޓް މިނިސްޓަރު ތާރިގު އިބުރާހީމް ނެޓް މީޓަރިން ގަވާއިދު ތައާރަފްކޮށްދެއްވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

"...ބީއެމްއެލް އިން މިހާރު ތައާރަފްކޮށްފި ބީއެމްއެލް ގްރީން ފަންޑެއް.އެފަންޑުގެ ގާތްގަނޑަކަށް 500 މިލިޔަން ދިވެހި ރުފިޔާ މިއޮތީ އެސައިންކޮށްފައި. އެފަންޑުގެ ބޭނުމަކީ ވެސް ދިވެހި ރައްޔިތުންނަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާނެ ވަސީލަތްތައް ހޯދައިދިނުމަށް، އަގުހެޔޮ ގޮތެއްގައި ނޫނިއްޔާ ކޮންސެޝަނަލް ލޯނެއް ދިނުން. އެހެންވީމާ އެ ކޮންސެޝަނަލް ލޯނާއި މިއަދު މިތައާރަފްކުރެވުނު ނެޓް މީޓަރިންއާ މިކަން ގުޅިއްޖެ ކަމަށް ވަންޏާ، މިއޮތީ މިކަންތައް ރައްޔިތުންނަށާއި އާއްމު ވިޔަފާރިތަކަށް ކުރެވޭނެ ގޮތްތައް ހަދައިދެވިފައި. ދެން އޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ފޯރުކޮށްދޭނެ ފަރާތްތަކެއް ވިޔަފާރީގެ ގޮތުން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުން،" ތާރިގު ވިދާޅުވި އެވެ.

ނެޓް މީޓަރިން ގަވާއިދު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓަރާއި ދައުލަތުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

އެއީ ވިޔަފާރިއަށް ހުޅުވައިލެވޭ އާ މަގެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ރައްޔިތުންނަށް ފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަކީ ދައުލަތުގެ ކުންފުނިތަކަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ނެޓް މީޓަރިން ގަވާއިދު ތައާރަފްކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބުދުލް މަތީން މުޙައްމަދު ވާހަކަފުޅުދައްކަވަނީ. ސަން ފޮޓޯ: ޢަލީ ނަސީރު

މިއަދު ތައާރަފްކުރި ގަވާއިދާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބުދުލް މަތީނު މުޙައްމަދު ވިދާޅުވީ އެ ގަވާއިދު ތައާރަފް ކުރުމަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ޒަމާނީކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބިނާކުރުމުގައި ގިރާކުރެވުނު މުހިއްމު ހަރުފަތެއް ކަމަށެވެ. މަތީން ވިދާޅުވީ މިއީ އިއާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދައި ބޭނުންކުރުމުގެ ފުރުސަތު ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ރާއްޖޭގައި ހުޅުވައިލެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

"... މިގަވާއިދުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، ތެލަށް ބަރޯސާވެގެން އަޅުގަނޑުމެން ހޯދަމުން ދިޔަ ކަރަންޓްގެ ހިދުމަތް އާ މަރުހަލާއަކަށް ގެންގޮސްދިނުމުގައި އެހީތެރިވެދޭނެ،" މިއަދު ތައާރަފްކުރި ގަވާއިދުގެ މުހިއްމު ކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މަތީން ވިދާޅުވި އެވެ.

މިއަދު ތައާރަފްކުރި ގަވައިދުގައި ކަނޑައަޅާފައި ވަނީ، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އުފައްދާ ކަރަންޓް، ކަރަންޓްގެ ހިދުމަތްދޭ ކުންފުނިތަކުގެ މީޓަރާ ގުޅާލައި، ބޭނުންކޮށްފައި ބާކީވާ ކަރަންޓް އެކުންފުނިތަކަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުސޫލުތަކެވެ.

comment ކޮމެންޓް