އިހަވަންދޫގައި ރައްކާތެރި ބޯފެނުގެ ނިޒާމު ގާއިމްކޮށްފި

މިނިސްޓަރު ޠާރިގު އިހަވަންދޫ ފެނުގެ ނިޒާމް ބައްލަވައިލައްވަނީ --- ފޮޓޯ/ އެންވަޔަރަންމަންޓް މިނިސްޓްރީ

ހއ. އިހަވަންދޫ ރައްޔިތުންނަށް ރައްކާތެރި ގޮތުގައި ބޯފެން ފޯރުކޮށްދިނުމަށް އެރަށުގައި ރައްކާތެރި ބޯފެނުގެ ނިޒާމެއް ގާއިމްކޮށް ނިންމާލައިފި އެވެ.

ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގައި، އިހަވަންދޫ ފެނުގެ ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފައްޓަވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް އެވެ.

އެ ފެން ޕްލާންޓަކީ 700 ޓަނުގެ ރިވާސް އޮސްމޮސިސް ނުވަތަ އާރުއޯ ޕްލާންޓެއް ހިމެނޭ ސިސްޓަމެކެވެ. އޭގެ އިތުރުން ވާރޭފެން ރައްކާކުރުމަށް ޖުމްލަ 550 ޓަނުގެ ތިން ޓޭންކެއް ރަށުގެ އެކި ހިސާބުގައި ބަހައްޓާފައި ހުރެއެވެ. ޖުމްލަ 1050 ޓަނުގެ ވާރޭފެން އެ ސިސްޓަމްގައި ރައްކާކުރެވޭނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އޭގެ އިތުރުން ފެން ޕްލާންޓަށް ބޭނުންވާ ހަކަތަ އުފައްދައި ދިނުމަށް 44.9 ކިލޯވޯޓްގެ ސޯލާޕަވާ ސިސްޓަމެއް ވަނީ އެ ސަރަހައްދުގައި ބަހައްޓާފަ އެވެ. އެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 32 މިލިއަން ދިވެހި ރުފިޔާ އެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ ޅ. އަތޮޅަށް ޒިޔާރަތްކުރައްވައި އެއަތޮޅު ހިންނަވަރުގައި ފެން ފޯރުކޮށްދޭ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ފައްޓަވާދެއްވާފަ އެވެ. ޔޫއެސްއެއިޑް ފަންޑުގެ އެހީގައި ކުރިއަށްގެންދާ އެ މަސައްކަތް 9 މަސްދުވަސް ތެރޭގައި ނިންމަން ޖެހެއެވެ.

އޭގެ އިތުރުން ހއ. އަތޮޅު ތުރާކުނު ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ. 38 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓަށް ފަންޑު ކުރަނީ އަލިފުޅު ތުއްތު ފައުންޑޭޝަނުންނެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން އަންނަނީ އެކި ފަރާތްތަކާ ހަވާލުކޮށްގެން ރާއްޖޭގެ ގިނަ ރަށްރަށެއްގައި ފެނުގެ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް