ވިއްސާރައިގެ ގެއްލުންވި ގެތަކަށް ފައިސާ ބެހީ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ އެ މައްސަލަ މަޖިލީހަށް

ވިއްސާރާގައި ގެއްލުން ލިބުނު ގެތަކުގެ ރައްޔިތުންނަށް ސަރުކާރުންދޭ ފައިސާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދިދީ ހަވާލުކޮށްދެއްވަނީ ---- ފޮޓޯ: އައްޑޫ އޮންލައިން

އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫ އަށް ދާދިފަހުން ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކާ ގުޅިގެން ސަރުކާރުން އެހީ ފޯރުކޮށްދީފައި ވަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ވިއްސާރައިގައި ލިބުނު ގެއްލުން ބެލުމަށް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން، އެމްޑީޕީ އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޮޒައިނާ ވިދާޅުވީ މަޖިލިސް ހުޅުވުނުހާ އަވަހަކަށް އެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ފަށާނެ ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް ކައުންސިލުން ނަގާފައި އޮތް މައުލޫމާތު ލިސްޓު، ފޭދޫ ދާއިރާގެ ލިސްޓު ސަރުކާރުން ވަނީ ގެންގޮސްފައި. ނަމަވެސް މަރަދޫ ފޭދޫ ދާއިރާގެ ލިސްޓު ކައުންސިލް އަތުން ނުހޯދާކަން އަޅުގަނޑު ފާހަގަ ކޮށްލަން،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކައުންސިލާއި އެއްވެސް ވަރަކަށް ގުޅުމެއް ނެތި ކަމަށާއި، އެކަމުގެ ސަބަބުން ގެއްލުން ލިބުނު ބައެއް ގެތަކަށް އެހީތެރިކަން ލިބިފައި ނުވާ ކަމަށެވެ.

"މިކަން ވަރަށް ފުރިހަމައަށް ގެންދެވުނީސް ކައުންސިލާ ގުޅިގެން ކުރި ނަމަ،" އޭނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ ފައިސާ ބެހުމުގައި ސަރުކާރުން އެއްވެސް އުސޫލެއް ގެންގުޅެފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ވިއްސާރައިގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާ، ޕީޕީއެމްގެ އެކްޓިވިސްޓަކު ދިރިއުޅޭ ގެއަކަށް ސަރުކާރުން ވަރަށް ބޮޑު މާލީ އެހީތެރިކަމެއް ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަޖިލިސް ހުޅުވުނުހާ އަވަހަކަށް މި މައްސަލަ ވައްދައިގެން އެހީތައް ބަހާފަ ހުރި ގޮތާ އަދަދުތަކާ މީގެ ތަފްސީލު ހޯދާފަ، އަޅުގަނޑުމެން ބަލާނަން. އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައްޔިތުންނާ ބައްދަލު ކުރުމުން ހުރިހާ ރައްޔިތުންވެސް ބުނީ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށާއި، އަބަދަކު ސަރުކާރަށް ވެސް ފައިސާ ނުދެވޭނެ ކަމަށެވެ.

"މަރަދޫ ފޭދުގައިވެސް ޖަންކްޝަންތައް ފުރުނީމަ ފެން ބޭރުވާނެ ގޮތެއް ނެތް. ސަރުކާރުގެ ކިބައިން ރައްޔިތުން މިހާރު އެދެނީ ވީހާވެސް އަވަހެއްކޮށް ފެން ބޭރުވާނެ ގޮތެއް ހަދައިދިނުން. އެހެން ނޫންކަމަށް ވަންޏާ ހަމަ ފައިސާ އަކީވެސް ހަމަ ކަނޑަށް އަޅާލި އެއްޗެކޭ އެއްވަރު ވެގެން ދާނީ،" ރޮޒައިނާ ވިދާޅުވިއެވެ.

އެހެންކަމުން ރޮޒައިނާ ވަނީ ޖަންކްޝަނުން މޫދަށް ފެން ބޭރުވާނެ ގޮތެއް ވީހާވެސް އަވަހަކަށް ހަދައިދިނުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް